މިއަދުގެ ކުރިއަށް އޮތް ވަގުތުތަކުގައި ވަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓުން ލަފާކުރޭ.
މޫސުން ގޯސް ދުވަހެއްގައި މީހަކު ހިނގާފައި ދަނީ: މިއަދާއި މާދަމާ ވެސް ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކުރޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
07 މެއި 2025 - 08:45
މިއަދާއި މާދަމާ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ މިއީ އިރުވައި މޫސުން ނިމި، ހުޅަނގު މޫސުން ފެށުމުގެ މަރުހަލާގައި ކުރާ ވިއްސާރައެއް ކަމަށެވެ.
ރާއްޖެއަށް ހުޅަނގު މޫސުން އަދި ނުފެށޭ ކަމަށާއި މިއީ ދެ މޫސުން ބެދޭ ދުވަސްވަރާ ދިމާކޮށް ކުރާ ގަދަ ވިއްސާރައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ވަގުތުތަކުގައި ވަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ދައްކަ އެވެ. މާދަމާގެ ނިޔަލަށް މި ވިއްސާރަ ދެމިގެންދާނެ ކަމަށާއި އެކަމަކު ހުކުރު ދުވަހު މަޑުމަޑުން މޫސުން ރަނގަޅުވަމުންދާނެ ކަމަށް ވިދާޅުވި އެވެ.
މާލެ އަށް ރޭ ފަތިހުން ފެށިގެން މެދުނުކެނޑި ވެހެމުންދާ ބޯ ވާރެއާ ގުޅިގެން ގާތްގަނޑަކަށް ހުރިހާ މަގެއްގައި ފެން ބޮޑުވެ، ހިނގައިބިނގާވެ އުޅުމަށް މިހާރު ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.
މޫސުން ގޯސްވެ، މެޓް އޮފީހުން ވަނީ މިހާރު ވެސް ބޮޑު ބަޔަކަށް ދެ އެލާޓެއް ނެރެފަ އެވެ. އޭގެ ތެރެއިން މޫސުން ތަންކޮޅެއް ގޯސްވާނެތީ ޔެލޯ އެލާޓް ނެރެފައި ވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހިސާބަށެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކުރެ އެވެ.
މެޓުން ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގައި ވައި ޖެހި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. އެ ސަރަހައްދަށް ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކުރެ އެވެ.
އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެލާޓް ނެރުނުއިރު ރޭ ފަތިހު ވެސް ވަނީ ހއ. އިން ފެށިގެން ލ. އަތޮޅާ ދެމެދަށް ވައިޓް އެލާޓް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލީމާ
07 May 2025
ކޮބާ އާޒިމާ؟ އާޒިމާގެ އިންތިޒާރުގަ މަގު ހުރަސް ނުކުރެވިފަ މިހިރީ. ކޮބާ މިނިސްޓަރ މުއްތަލިބު؟ މިހިރީ ފެން ޕަންޕު ޖައްސަން ހުއްދަ ދެންދެން! ކޮބާ ދެންތިބި ވަޒީރުން؟ މިތިބީ ހާލު ބަލަން އަންނަންދެން. ލޮލް
ހުތްއާދަނު
07 May 2025
5 މިނެޓް ވާރެ ވެހިލާއިރަށް މާލެ މިއޮންނަނީ ފެނުއަޑީގައި، . ސިޓީ ކައުންސިލުން މަގުމަތީ ފޮޓޯ ނެގިޔަސް ނުވާނެ.
އއަަޔ
07 May 2025
ކެތި އެއީ ކޮންމޫސުމެއްގެ ނަކަތެއްތަ
ކީސްފިލާ
07 May 2025
އެއީ ހުޅަނގު މޫސުމުގެ ތިންވަނަ ނަކަތް.
މޫސުމޭ
07 May 2025
ރާއްޖެއަށް ހުޅަނގު މޫސުން އަދި ނުފެށެއޭ؟! އެހެންވީމަ މިހާރު މިއޮތީ ދެވަނަ މޫސުން ކަމަށްވާ ދެ މޫސުން ބެދޭ މޫސުން. ދެ މޫސުން ބެދޭ މޫސުން ނިމިގެން ދެން އަންނާނީ ތިންވަނަ މޫސުން ކަމުގައިވާ ހުޅަނގު މޫސުން.. ހެހެހެހެހެހެހެ... ބޯހަލާކު..
އުސްމާނުބެ
07 May 2025
މިވަރު ވާއިރު ސުކޫލް ބަންދު ކުރީއްޔާ ކިއްވާނީ
މޫސުމީ
07 May 2025
ހުޅަނގު މޫސުން ރާއްޖޭގަ ކިޔާ ގޮތުން އޭޕްރިލް މަހު ފެށިއްޖެ. ކަލަންޑަރު ބަލާލާ! މެޓް އޮފީހަށް ނުފެށެނީ ތޯއްޗެ?!