ޖާބިރުގެ ރުޅިގަނޑު ފަޅައިގެން ގޮސް ރައީސް ޔާމީނަށް އުދާސްތައް ބޭރުކޮށްލައްވައިފި

މިހާރު ރައީސް ކަމުގައި ހުންނެވީ އޭނާ "ދަންނަ" އަބްދުﷲ ޔާމީން ނޫން ކަމަށް ވިދާޅުވެ، ޔޮޓް ޓުއާޒްގެ ވެރިޔާ އަބްދުﷲ ޖާބިރު ރައީސް ޔާމީނަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.


"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު ޖާބިރު ވަނީ ރައީސް ޔާމީނާއި އޭނާއާ ދެމެދު އޮތް ރަހުމަތްތެރިކަން މުޅިން ނިމުމަކަށް އައި ކަމަށް ވިދާޅުވެ، މި ސަރުކާރުގެ ސިޔާސަތުތަކަށް ސީދާކޮށް ފާޑު ވިދާޅުވެފަ އެވެ.

ޔޮޓް ޓުއާޒްގެ ދަށުގައި ކުރިން އޮތް އަލިދު އާއި ބީނާފުށި ރިސޯޓް އަދި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖުރިމަނާ ފައިސާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނީގެ އެކައުންޓްތައް މީރާ އިން ފްރީޒްކުރި މައްސަލާގައި، ޖާބިރު ވިދާޅުވީ އެ ފިޔަވަޅު އެޅީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި އެއީ ސީދާ ސަރުކާރުން ރާވައިގެން ހިންގާފައިވާ އަމަލެއް ކަމަށް ވިދާޅުވެ އެ މައްސަލައިގައި ކޯޓަށް ވެސް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒް ކުރީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން މިހާރު ކުރާ ކަންކަމަށް އޭނާ ޚަރަދު ކުރައްވާ ކަމަށް ބުނެ އެވެ. އެކަމަކު އެ ވާހަކަތައް ޖާބިރު ދޮގުކުރެއްވި އެވެ.

"އެކަމަކު ވެސް އަޅުގަނޑު ހަރަދުކުރާނެ މީހަކު އެނގޭނީ އަބްދުﷲ ޔާމީނަކަށް ނޫން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ފަންޑުކުރަން ޖެހޭ މީހުން އެނގޭނީ އަޅުގަނޑަށް. އަޅުގަނޑު ކޮންމެ މީހަކަށް ފަންޑު ކުރިޔަސް އެއީ އަބްދުﷲ ޔާމީނާ ބެހޭ ކަމެއް ނޫން."

ޖާބިރު ވިދާޅުވީ މި ސަރުކާރަކީ އޭނާ ވެސް ޚަރަދުތަކެއް ކޮށްގެން ގެނައި ސަރުކާރެއް ކަމަށާއި ނަމަވެސް، އޭނާ އަށް ލަނޑު ލިބި، ގައުމު މި ހާލަތަށް ހިނގައިދާނެ ކަމަށް ދުވަހަކު ވެސް ހީނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ތާއީދު ކުރިން އަބްދުﷲ ޔާމީންގެ ސަރުކާރަށް. އެކަމަކު އަޅުގަނޑާ އެއްވެސް ކަހަލަ ގުޅުމެއް [މިހާރު] ނޯވޭ. އަޅުގަނޑު ނުލާހިކު ހޭދަކުރިން އަބްދުﷲ ޔާމީން ވެރިކަމަށް ގެންނަން. އޭނާގެ ކެމްޕެއިނަށް ލާރި ދީފައި އޮންނާނީ. އެކަމަކު އަބްދުﷲ ޔާމީން ވެރިކަން އެ ކުރައްވަނީ ވަރަށް ހުތުރުކޮށް. މީހަކު އެއްޗެކޭ ބުނާއިރަށް ހައްޔަރުކޮށް އެ ހަދަނީ،" ރައީސް ޔާމީނާ ކުރިއްސުރެ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އައި، ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑު އަބްދުﷲ ޔާމީން ދެކެ އެއްވެސް ބިރެއް ނުގަނޭ. އަބްދުﷲ ޔާމީނަށް ވަރަށް ރަނގަޅަށް އެނގޭނެ އަޅުގަނޑު ބިރުނުގަންނަނާނެކަން ވެސް. ކީއްކުރަންތޯ އަޅުގަނޑު އަބްދުﷲ ޔާމީން ދެކެ ބިރުގަންނަން ޖެހެނީ؟"

ޖާބިރު ވިދާޅުވީ ރައީސް ޔާމީނާ ކުރިން ވަރަށް ގާތް ގުޅުމެއް އޮތް ކަމަށާއި އޭރު އެމަނިކުފާނުގެ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޕީޕީއެމާ އަލަށް ގުޅުނު ބައެއް މީހުންގެ ފޯމު ހަވާލުކުރަން ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީނާއި ޓޫރިޒަމް މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވާލައްވަނީ: ވިޔަފާރިވެރިޔާ ޖާބިރު ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"އަޅުގަނޑު ރައްޓެހި ޔާމީން މިގޮތަކަށް ނޫން ކުރިން އުޅުނީ. އަޅުގަނޑު ދަންނަ ޔާމީނެއް ނޫން މިހާރު މިއުޅެނީކީ،" ރައީސް ޔާމީނާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވަމުން ޖާބިރު ވިދާޅުވި އެވެ.

"އަޅުގަނޑު ހަލާލު މަސައްކަތުން ކޮށްފައި ހުރި ލާރި ހޭދަކޮށްގެން ޔާމީން ވެރިކަމަށް ގެނައީ. ރާއްޖޭގެ ގާނޫނު އަސާސީ ބަދަލުކޮށް، ކުޑަކުއްޖަކަށް ނައިބު ރައީސްކަން ދީ މިހިރީ ކޮށްފައި ހުރި ކަންތައްތައް. މިއިން އެއްވެސް ވާހަކައެއް މިހާތަނަކަށް އަޅުގަނޑު ނުދައްކަން. މިހާރު މި ވާހަކަ ދައްކަން ޖެހޭ ހިސާބަށް ދިޔައީމަ ދައްކަން ޖެހޭނެ ނޫންތޯ."

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް މަސީހް ބެހެއްޓުމަށް ދުވަހަކު ވެސް ތާއީދު ނުކުރައްވާނެ ކަމަށެވެ. ސަބަބަކީ ވަރަށް ގިނަ ކަންކަން ގާނޫނުއަސާސީގެ ބޭރުން ކުރުން ކަމަށް ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސީހުގެ މައްޗަށް އަންނަ ހޯމަދުވަހު ނަގާ ވޯޓާ ގުޅުވައިގެން، އިދިކޮޅު ފަރާތްތަކަށް ފަންޑުކުރާ ކަމުގެ ތުހުމަތުކޮށް އެކަން ހުއްޓާލަން ސަރުކާރުގެ ތެރެއިން އެންގި ކަމަށެވެ.

"އަޅުގަނޑު ހަލާލު މަސައްކަތުން ކޮށްފައި ހުރި ލާރި ހޭދަކޮށްގެން ޔާމީން ވެރިކަމަށް ގެނައީ. ރާއްޖޭގެ ގާނޫނު އަސާސީ ބަދަލުކޮށް، ކުޑަކުއްޖަކަށް ނައިބު ރައީސްކަން ދީ މިހިރީ ކޮށްފައި ހުރި ކަންތައްތައް. މިއިން އެއްވެސް ވާހަކައެއް މިހާތަނަކަށް އަޅުގަނޑު ނުދައްކަން. މިހާރު މި ވާހަކަ ދައްކަން ޖެހޭ ހިސާބަށް ދިޔައީމަ ދައްކަން ޖެހޭނެ ނޫންތޯ،" ޖާބިރު

ޖާބިރު ވިދާޅުވި ގޮތުގައި ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒްކުރި މައްސަލާގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ މައްޗަށް ދައުވާ ކުރައްވާނެ އެވެ. އޭނާ ވިދާޅުވީ 1995 ގައި އުފެއްދި ޔޮޓް ޓުއާޒް އަކީ އެތައް ޕްރޮޖެކްޓެއް ހިންގާ ކުންފުންޏެއް ކަމަށް ވާއިރު، އެ ކުންފުންޏާ ގުޅޭ ކަންކަމުގައި "އެހެން ސަކަރާތެއް ނުޖެހޭނެ" ކަމަށެވެ.

"މިއަދު އަޅުގަނޑަށް ގުޅި ކަސްޓަމްސް އިން. އެކައުންޓްތައް ފްރީޒް ކޮށްފައި ހުރުމުން ކޮންޓެއިނަރުތައް ބޭރު ނުކުރެވިގެން މިއުޅެނީ. އެ ކޮންޓެއިނަރުތަކުގެ ޒިންމާ ވެސް އުފުލަން ޖެހޭނެ. ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

"ހަތް ކޮންޓެއިނަރު އެހުރީ ނުނެރެވި."

ޖާބިރު ވިދާޅުވީ މަސީހުގެ ވޯޓާ އެކު ދެން ފެންނާނީ އިތުރު އެހެން ބޭބޭފުޅުންގެ މައްޗަށް ވެސް އިތުބާރު ނެތްކަމުގެ ވޯޓު ނަގާތަން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ނަގަން އުޅޭ ވޯޓު ކާމިޔާބު ވެދާނެ ކަމަށް ދެކެވަޑައިގަންނަވަންތޯ ދެންނެވުމުން، ވަރަށް ފަސޭހައިން ވިދާޅުވީ "ތިއީ ޝައްކެއް އޮތް ކަމެއް ނޫން" ކަމަށެވެ.

"ސަތޭކަ ޕަސެންޓް ޔަގީންކަން އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ، އެކައުންޓްތައް ފްރީޒް ކުރިޔަސް އާދޭސް ކުރަން ވަޑައިނުގަންނަވާނެ ކަމަށާއި ގޮތްގޮތް އެބަހުރި ކަމަށެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލު ހޯއްދަވަން އެކި މައްސަލަތަކުގައި އެކަމާ ގުޅުން ހުރި އެންމެންގެ މައްޗަށް ވެސް ދައުވާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.