އެލާގެ މައްސަލަ ވިލާއިން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ތ. އެލާ ދައުލަތަށް ނެގީ އެއްބަސްވުމާ ހިލާފަށް ކަމަށް ސިވިލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރުމުން އެ ހުކުމް އިސްތިއުނާފު ކުރުމަށް މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.


އެކަމަކު މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ނިންމި ގޮތެއް އަދި ނޭނގެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏާ އެއްކޮޅަށް ދަށު ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގައި ބުނެފައި ވަނީ ވިލާ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ހަދާފައިވާ "އެމެންޑެޑް އެންޑް ރީ ސްޓޭޓެޑް ލީޒް އެގްރިމެންޓް" ބާތިލުކޮށްފައި ވަނީ ޑިސެމްބަރު 12، 2013 ގައި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރީމެންޓް އުވާލުން އަސްލަކަށް ބަލައިގެން ކަމަށެވެ. އަދި ސެޓްލްމަންޓް އެގްރީމަންޓާ އެއް ހަމަޔަކުން އަނެއް އެއްބަސްވުމާ މެދު އަމަލު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ނަމަވެސް މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.

ހައި ކޯޓުގެ ހުކުމާ އެކު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ އެލާގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ދައްކަން އަންގައި، ވިލާ ޝިޕިންގެ އެކައުންޓްތައް އިއްޔެ ފްރީޒްކޮށްފަ އެވެ.

ވިލާ ޝިޕިން އަށް އަންގާފައި ވަނީ އެލާގެ ކުއްޔާއި ޖޫރިމަނާ އާއި އިންޓަރެސްޓްގެ ގޮތުގައި 18 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އެއީ ލޭންޑް ރެންޓުގެ ގޮތުގައި 3.7 މިލިއަން ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 14.6 މިލިއަން ޑޮލަރު އަދި އިންޓަރެސްޓަށް އަރާ 226،351 ޑޮލަރެވެ.

އެކައުންޓްތައް ދޫކޮށްލާނީ އެ ފައިސާ ދެއްކުމުން ކަމަށް މީރާ އިން ވަނީ އަންގައިފަ އެވެ.