މާދަމާގެ ވޯޓު އޮތީ ގައުުމުގެ ކުރިމަގާ ގުޅިފައި، ފަސްޖެހިއްޖެ ނަމަ މާފެއް ނުކުރާނެ: މައުމޫން

ސަރުކާރުގެ ނުފޫޒުން ރައްޔިތުންގެ މަޖިލިސް މިނިވަންކުރުމަށްޓަކައި މާދަމާގެ ވޯޓުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރަން ޖެހޭ ކަމަށާއި އެކަމަށް މެމްބަރުން ފަސްޖެހިވަޑައިގެންފި ނަމަ އަންނަ އޮތް ޖީލުތަކުން މައާފެއް ނުކުރާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ޕާޓީތައް ގުޅިގެން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި، ރާއްޖެ އިން ބޭރުގައި ހުންނަވައި ދަރިކަނބަލުން ދުންޔާ މައުމޫން މެދުވެރިކުރައްވައި އިއްވެވި ބަޔާނުގައި މައުމޫން ވަނީ ގައުމާއި ރައްޔިތުންގެ ހައްގުގައި މާދަމާ ވޯޓު ދެއްވަން މަޖިލީހުގެ ހުރިހާ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެ ވޯޓަކީ ގައުމުގެ ކުރިމަގާއި ރައްޔިތުންގެ މުސްތަގުބަލަށްޓަކައި މުހިއްމު ވޯޓެއް ކަމަށް ވިދާޅުވެ، ގައުމު އިސްލާހުކުރަން ނަގާ ވޯޓުގައި ފަސްޖެހިވަޑައިގެންފި މެމްބަރަކަށް އެ މަނިކުފާނުގެ އެއްވެސް ތާއީދެއް ނޯންނާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެ އިން ބޭރުގައި ހުންނެވި މައުމޫން ދެއްވި މެސެޖުގައި އެ މަނިކުފާނު ވަނީ މާދަމާގެ ވޯޓު މުހިއްމުވާ ސަބަބުތައް ވެސް މެމްބަރުންނަށް ތަފްސީލު ކޮށްދެއްވައިފަ އެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ގާނޫނުއަސާސީގައި ކަނޑައެޅިފައިވާ ޒިންމާތައް ރައްޔިތުންގެ މަޖިލީހުން އަދާކުރުމުގެ ފުރުސަތު މިހާރު ހުންނެވި މަޖިލީހުގެ ރައީސް އެ މަޖިލީހުގެ މެމްބަރުންނަށް ނުދެއްވުމެވެ. ގައުމަށް ދިމާވާ ކަންކަމުގައި މިނިވަންކަމާ އެކު ހިޔާލު ފާޅުކޮށް ބަހުސްކުރުމުގެ ފުރުސަތު މަޖިލީހުގެ ރައީސް ނުދެއްވާ އިރު ސަރުކާރު ފުރިހަމަ އަށް ޖަބާވުދާރީ ކުރުވުމުގެ ފުރުސަތު ވެސް މެމްބަރުންނަށް ނުދެއްވާ ކަމަށް ވިދާޅުވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި ގައުމު އިސްލާހު ކުރެވޭނީ އެންމެ ފުރަތަމަ މަޖިލިސް އިސްލާހުކޮށްގެންނެވެ. އެ ވޯޓު މަސީހާ ދެކޮޅަށް ދޭން ޖެހެނީ ގާނޫނުއަސާސީ ދިފާއުކޮށް، ތިން ބާރު ވަކިކޮށް، ސަރުކާރުގެ ނުފޫޒުން ޝަރުއީ ދާއިރާ އާއި ރައްޔިތުންގެ މަޖިލިސް މިނިވަން ކުރުމަށް ކަަމަށް ވެސް ވިދާޅުވި އެވެ.

ކުނޫޒްގައި ބޭއްވި ޖަލްސާގައި އެމަނިކުފާނުގެ މެސެޖް ދަރިކަނބަލުން ޔުމްނާ މައުމޫން އިއްވަވައި ދެއްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މި ވޯޓަކީ މި ވަގުތަށް ވެސް އަދި ގައުމުގެ މުސްތަގުބަލަށް ވެސް އެހާމެ މުހިންމު ވޯޓެއް. މި ވޯޓުގެ ނަތީޖާ އިން ވަރަށް ފުޅާ ދާއިރާއަކަށް އަދި ވަރަށް ދުރު މުސްތަގުބަލަކަށް އަސަރުކުރާނެ. މިއީ އިސްލާމް ދީނާއި ދިމިގްރާތީ އުސޫލުތަކަށް ދިވެހި ގައުމު އަލުން ބައްޓަން ކުރުމަށް ލިބޭ ފުރުސަތެއް. ވީމާ ގައުމު އިސްލާހް ކުރުމަށް މި ލިބޭ ފުރުސަތުގެ ބޭނުން ހިއްޕަވާ،" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފަހަކަށް އައިސް ސަރުކާރުގެ ޢަމަލުތައް ހުރި ގޮތުން، ތިން ބާރު ރަނގަޅަށް ވަކިކޮށް، ޤާނޫނު ހެދުމުގެ ބާރާއި ޝަރުއީ ދާއިރާ ސަރުކާރުގެ އަތްދަށުން ސަލާމަތްކުރުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަން އިތުރަށް ސާބިތުކޮށްދީފައިވާ ކަމަށެވެ. އެހެންވެ މި ވޯޓުގައި އިސްކަން ދޭން ޖެހޭނީ، މައުމޫން ވިދާޅުވި ގޮތުގައި، މާތް ވެގެންވާ އިސްލާމް ދީނަށާއި ދިވެހި ރާއްޖޭގެ ގާނޫނުއަސާސީ އަށެވެ.

"މި ދެންނެވި މަތިވެރި އުއްމީދުތައް އަޅުގަނޑުމެނަށް މިއަދު ހާސިލް ކުރެވެން އޮތީ ސަރުކާރުގެ ނުފޫޒުން މަޖުލީސް މިނިވަން ކުރެވިގެން. މިކަން ކުރެވޭނީ މިހާރު ހުންނެވި މަޖުލީހުގެ ރައީސް އެ މަގާމުން ދުރުކޮށް، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ދިމިގްރާތީ އުސޫލުތަކަށް އިހްތިރާމް ކުރާ އިހްލާސްތެރި ބޭފުޅަކާ އެ މަގާމު ހަވާލުކޮށްގެން،" މައުމޫން ވިދާޅުވި އެވެ.

"މިކަމުގައި އަޅުގަނޑުމެން ފަސްޖެހިއްޖެ ނަމަ އަދުގެ ޖީލު އަދި އަންނާން އޮތް ޖީލުތައް އަޅުގަނޑުމެންނަށް މައާފެއް ނުކުރާނެ. ބިރާ ހެދި އަޅުގަނޑުމެން މި ކަމުގައި ފަހަތަށް ޖެހިގެން ނުވާނެ. މާތް ﷲ މެނުވީ އެހެން އެއްވެސް ފަރާތެއް ދެކެ މުސްލިމުން ބިރެއް ނުގަންނާނެ."

މައުމޫން ވިދާޅުވީ ރާއްޖޭގެ ކަންކަން އިސްލާހު ކުރަން އެކުގައި މަސައްކަތް ކުރުމަށް ޕީޕީއެމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީން އެއްބަސްވެފައިވާއިރު، ކަންކަން އިސްލާހުކުރަން އެކުގައި މަސައްކަތް ކުރުމަށް ލިބޭ އެންމެ ފުރުތަމަ އަދި އެންމެ މުހިންމު ފުރުސަތަކީ މާދަމާގެ ވޯޓު ކަމަށެވެ.

ޕާޓީތަކުން އެއްގަލަކަށް އެރީ، މާތް ވެގެންވާ އިސްލާމްދީނާއި ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގައުމިއްޔަތު ހިމާޔަތް ކުރުމަށާއި ދިވެހިރާއްޖޭގެ ބިންބިމާއި ފަޅުފަޅާއި ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން ހިމާޔަތްކުރުމަށާއި ރާއްޖޭގައި މި ވަގުތު އުފެދުފައިވާ ސިޔާސީ ނުތަވަސްކަމަށް ހައްލެއް ހޯދުމަށާއި ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަންނަމުންދާ މަދަނީ އަދި ސިޔާސީ ހައްގުތައް ރައްކާތެރި ކުރުމަށާއި އިންތިހާބުތަކަކީ މިނިވަން، އިންސާފުވެރި އަދި ސިޔާސީ ޕާޓީތަކުން އިޚްތިޔާރުކުރާ ކެންޑިޑޭޓުންނަށް ވާދަ ކުރެވޭ އިންތިޚާބުތަކެއް ކަމުގައި ހެދުމަށް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

އެއާއެކު ސިޔާސީ ސަބަބުތަކަށްޓަކައި ނުޙައްގުން ހައްޔަރުކޮށް ތަހުގީގު ކުރަމުންދާ ނުވަތަ ދައުވާ އުފުލުމުގެ މަގު މަތީގައިވާ މީހުންނާއި ހުކުމްކޮށްފައިވާ މީހުން މިނިވަން ކުރުމަށާއި ސަރުކާރު ތެރޭގައި ހިންގަމުން ގެންދާ ކޮރަޕްޝަނާއި ވައްކަމުގެ އަމަލުތައް ހުއްޓުވަމަށާއި ނުޙައްގުން ނިގުޅައިގެންފައިވާ ރައްޔިތުންގެ މުދާ އަލުން ޢިއާދަކޮށް ގައުމު ބިނާކުރުމަށާއި ގައުމާއި ރައްޔިތުންގެ ތަރައްގީ ގާއިމްކުރުމުގެ ގޮތުން ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ހަމަޖެހުމެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.