ޕީޕީއެމުން މައުމޫން ވަކިކުރުމާ މެދު ސުލޫކީ ކޮމެޓީން މިރޭ ގޮތެއް ނިންމަނީ

ޕީޕީއެމްގެ މެމްބަރުކަމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަކި ކުރަން ޕާޓީގެ ކައުންސިލުން ހުށަހެޅި މައްސަލާގައި މިރޭ ގޮތެއް ނިންމާނެ ކަމަށް ސުލޫކީ ކޮމެޓީން ބުނެފި އެވެ.


ސުލޫކީ ކޮމެޓީގެ މުގައްރިރު އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މައުމޫން ޕާޓީން ވަކި ކުރަން ކައުންސިލުން ނިންމި މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމަށް ދެ މެމްބަރުން ފޮނުއްވައި ދިނުމަށް އެ މަނިކުފާނަށް ރޭ އަންގަވާފައިވާނެ ކަމަށެވެ. އަދި ދެ މެމްބަރުން ނުފޮނުއްވޭ ނަމަ، މައުމޫން ކޮމެޓީ އަށް ހާޒިރުވެވަޑައިގަތުމަށް އަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސިލުން ހުށަހެޅި މައްސަލާގައި މިރޭ ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައި، މައުމޫންގެ ފަރާތްޕުޅުން ޖަވާބުދާރީ ވެވަޑައިނުގެންފި ނަމަ، ޣައިރު ހާޒިރުގައި މައްސަލަ ނިންމާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށް ލިބިދޭ ބާރުތަކުގެ ތެރޭގައި އެ ކޮމެޓީން މެމްބަރުންނަށް ނަސޭހަތްތެރިވުމާއި އިންޒާރު ދިނުމާއި ޕާޓީން ވަކި ކުރުމުގެ ބާރު ހިމެނެ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް ނިންމި ގޮތާ މެދު މެމްބަރަކު ހިތްހަމަނުޖެހޭ ނަމަ، އިސްތިއުނާފް ކޮމެޓީ އަށް މައްސަލަ ހުށަހެޅޭނެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ މެމްބަރުކަމުން މައުމޫން ވަކި ކުރަން ކައުންސިލުން ނިންމި އިރު، ޕީޕީއެމްގެ މެމްބަރުން ވަކިކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ދަރުބާރު ފެކްޝަނަށް ނެތް ކަމަށް ވިދާޅުވެ އެ މަނިކުފާނު ވަކިކުރަން ކައުންސިލުން ނިންމި ނިންމުމަށް އެ މަނިކުފާނު ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

ޕީޕީއެމްގެ ރައީސް ކަމަށް މައުމޫން އިންތިހާބު ކުރީ 2013 ގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އާއްމު މެމްބަރުންގެ ވޯޓުންނެވެ. އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގައި ޕާޓީގެ ރައީސްގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ. މައުމޫން މަގާމުން ވަކިކުރަން ނިންމީ ދަރުބާރުގޭގައި އިއްޔެ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީޕީއެމްގެ މެމްބަރުކަމުން މައުމޫން ވަކިކުރަން ކައުންސިލުން މި ނިންމީ، އެ މަނިކުފާނު ފެއްޓެވި އިސްލާހީ މަސައްކަތްޕުޅު އިދިކޮޅު ޕާޓީތަކާ ގުޅިގެން ކުރިއަށް ގެންދަވަން ނިންމަވައި ޕީޕީއެމްގެ ނަމުގައި އެ ފަރާތްތަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރެއްވުމުންނެވެ.

މައުމޫން ޕާޓީން ވަކި ކުރަން ޕީޕީއެމް ކައުންސިލަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ، އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވުންތަކުގައި މައުމޫން ސޮއިކުރައްވަނީ ސިވިލް ކޯޓުގެ ހުކުމަށް ގޮންޖައްސަވައި، ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް ކަމަށެވެ. ކޯޓުގެ އަމުރުން ޕާޓީގެ ހުރިހާ ބާރުތަކެއް ހަވާލުކޮށްފައި ވަނީ ޕީޕީއެމްގެ މުސްތަޝާރާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

މައުމޫން ޕާޓީން ވަކި ކުރުމަށް ކައުންސިލުން ނިންމި އިރު، ޕާޓީގެ ރައީސް މަގާމުން ވަކިކުރެވޭނެ ފަސް ހާލަތެއް އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ކައުންސިލުން ނިންމައިގެން އެކަން ކުރެވޭނެ ކަމަކަށް ނޯވެ އެވެ. އެ ފަސް ހާލަތަކީ، ރައީސްގެ މަގާމުގެ މުއްދަތު ހަމަވުމާއި، ޝަރުއީ ހުކުމެއް ސާބިތުވުމާއި، އިތުބާރު ނެތް ކަމުގެ ވޯޓެއް ފާސްވުމާއި، ގާނޫނުގައިވާ ގޮތުގެ މަތިން އިފްލާސްކުރުމާއި، މަގާމުގެ ވާޖިބު ދާއިމީ ގޮތެއްގައި އާދަނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވުމެވެ.

މައުމޫން ޕީޕީއެމުން ވަކި ކުރަން ކައުންސިލުން ފާސް ކުރިއިރު، ސަރުކާރު ހިންގާ ގޮތާ ދޭތެރޭ އެމަނިކުފާނު ހިތްހަމަޖެހިވަޑައިނުގަތް މައްސަލާގައި ރައީސް ޔާމީނާ ދެމެދު އޮތީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ. އެ ހިޔާލުތަފާތުވުންތަކުގައި އެކި ޖަލްސާތަކުގައި، ދެ ބޭފުޅުން ވަނީ ބަހުުގެ ހަމަލާތަކެއް ވެސް ބަދަލުކުރައްވައިފަ އެވެ.