ގާސިމްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު އިސްތިއުނާފްކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލާގައި އޭނާގެ ޕާސްޕޯޓް ފުލުހުން ހިފެހެއްޓި އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.


ޖޭޕީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ގާސިމްގެ ވަކީލު މަސްތޫރު ހުސްނީ މިއަދު ވިދާޅުވީ ގާސިމް ފުލުހުންގެ ތަހުގީގަށް ހާޒިރު ކުރުމަށް ފަހު، މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުން މަނާ ކުރިކަން ފުލުހުން އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އިސްތިއުނާފުކުރި މަގުސަދަކީ އެއްވެސް ހާލެއްގައި ރާއްޖެ އިން ބޭރަށް އަޅުގަނޑުމެންގެ ކްލައިންޓް ފުރައިގެން ދިއުމެއް ނޫން. މަގުސަދަކީ ގާނޫނާ ހިލާފަށް ކަންތައްތަކެއް ހިނގާފައިވާ ކަމަށް އަޅުގަނޑުމެންގެ ޓީމަށް ފެންނާތީވެ،" އޭނާ ވިދާޅުވި އެވެ.

މަސްތޫރު ފާހަގަކުރެއްވި ގޮތުގައި ދަތުރުފަތުރުކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގެކެވެ. އެ ހައްގު ހަނިކުރެވޭނެ ގޮތް ގާނޫނުއަސާސީ އާއި ނިމިފައިވާ ޝަރުއީ މައްސަލަތަކުން ވެސް ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަމުރަކީ މިހާރު އޭގެ ޒާތުގައި އޮންނަން ޖެހޭ އަމުރެއް ކަމަށް އަޅުގަނޑުމެންނަށް ނުފެނޭ. އެހެންވީމަ މި އަމުރު އިސްތިއުނާފް ކުރަން އަޅުގަނޑުމެން ވާނީ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި،" މަސްތޫރު ވިދާޅުވި އެވެ.

ގާސިމްގެ ގާނޫނީ ވަކީލުން ބުނީ ގާސިމް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލަ މިހާރު ތަހުގީގުކޮށް ނިމިފައިވާތީ، އެ މައްސަލައާ ގުޅިގެން ގާސިމްގެ ޕާސްޕޯޓް ހިފެހިއްޓިދާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އަދި އެ މައްސަލާގައި ގާސިމްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ ވަކީލުން ބުންޏެވެ.

މެމްބަރުންތަކަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލާގައި ގާސިމް ވަނީ ދެ ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފަ އެވެ.

ގާސިމް މީޑިއާގައި ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ތަހުގީގެއް ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަބްދުﷲ މަސީހު ވަކިކުރަން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެންބަރުން އިތުރު ދައުރަކަށް ހޮވަން އިނާޔަތްތަކެއް ދެއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް ޓިކެޓް ދީ އެ މެންބަރުން ހޮވުމަށް ގުޅިފައިވާ ސިޔާސީ ހަތަރު ޕާޓީން ކޮށްދެވެން ހުރި މަސައްކަތެއް ކޮށްދޭނެ ކަމަށެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެއީ ޖުމްހޫރީ ޕާޓީގެ އިތުރުން، ޕީޕީއެމް، އެމްޑީޕީ އާއި އަދާލަތު ޕާޓީ އެވެ.