މި އަހަރުގެ ރަމަޟާން މަހުގެ ހަނދު މިރޭ ފެންނަން ހުންނާނެ ކަމަށް ދައްކާތީ، ފުރަތަމަ ރޯދަ ދުވަހަށް މާދަމާ ވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ. 

މައުމޫން ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަކީ ހިސާބުތައް ދައްކާ ގޮތުން މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނެ ކަމަށެވެ.

އެ ޕޯސްޓްގައި އެ މަނިކުފާނު ވަނީ ރަމަޟާން މަހުގެ ހެޔޮ އެދުންތައް ހުރިހާ ރައްޔިތުންނަށް ފޮނުއްވައިފަ އެވެ. 

ރާއްޖޭގެ ކަލަންޑަރު އޮތް ގޮތުން ވެސް މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އެކަމަކު ބައެއް ގައުމުތަކުގައި މިހާރު ވެސް ވަނީ ރަމަޟާން މަސް ފެށޭނީ 19 ވަނަ ދުވަހު ކަމަށް ބުނެފަ އެވެ.

ރާއްޖެއަށް ބަލާއިރު މާލެއަށް މިއަދު އިރު އޮއްސޭއިރު ހަނދު ފެންމައްޗަކު ނުހުންނާނެ އެވެ. އެކަމަކު ރާއްޖޭގެ އެންމެ ދެކުނުން، އައްޑުއަށް އިރު އޮއްސޭއިރު މިނެޓަކަށް ވުރެ ކުޑަ އިރުކޮޅަކު ހަނދު ފެންމަތީ ހުންނާނެ އެވެ. 

އެހެންވެ ހަމަ ލޮލަށް ހަނދު ނުފެނުނު ކަމުގައި ވިޔަސް، ފަލަކީ ގޮތުން ބަލާއިރު ރާއްޖެއަށް ރަމަޟާން މަސް ފެށޭނެ ކަމަށް ބެލެވޭނެ އެވެ. އަދި ސައޫދީ އަރަބިއްޔާއަށް ވެސް މިއަދު އިރު އޮއްސޭއިރު ހަނދު ފެންމަތީ ހުންނާނެ އެވެ. 

މިއަދު އިރު އޮއްސޭއިރު ހަނދު ފެންމަތީ ހުންނާނެ ގައުމުތަކުގައި ވެސް ހަމަލޮލަށް ހަނދު ފެނުން ނާދިރެވެ. ސަބަބަކީ އިރާއި ހަނދު ވަރަށް ބޮޑަށް އޮލަނބުކޮށް ހުރުމާއި މިސްރާބު ހުރި ގޮތުންނާއި އިރުގެ ވަރުގަދަ ދޯދީގެ ތެރޭގައި އެހާ ޅަ ހަނދެއް ލޮލަށް ފެނުމަކީ ވާނެ ކަމެއް ކަމަށް ނުބެލެވޭތީ އެވެ.  

ހަމަލޮލަށް ހަނދު ނުފެނުނު ކަމުގައި ވިޔަސް، އިރު އޮއްސޭއިރު އާ މަހުގެ ހަނދު ފެންމަތީ ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާ ނަމަ ހަނދު ސާބިތުވާ ކަމަށް ރާއްޖޭގައި ކަނޑައަޅަ އެވެ. 

ހަނދާއިރު އިރު އޮލަނބުކޮށް މިއަދު ދަތުރުކުރަމުން ދާއިރު މިއަދު ދުނިޔޭގެ ބައެއް ހިސާބުތަކަށް އިރުކޭތައެއް ވެސް ހިފާނެ އެވެ.