ރޯދަ މަސް ފެށޭނެ ދުވަހަކާ މެދު އޮންނަ ބަހުސް މިފަހަރު ތަންކޮޅެއް ބޮޑު ކަމަށް ފެނެ އެވެ. އެހެން ވެގެން އުޅެނީ މި ހިނގާ ޝައުބާން މަސް ނިމި އުފަންވާ ރަމަޟާން މަހުގެ ހަނދު އެ ދުވަހުގެ އިރާ އެކީ ދާދި އެއްވަގުތެއްގައި އޮއްސޭތީ އެވެ.
ރާއްޖޭގެ ކަލަންޑަރު އޮތް ގޮތުން ނަމަ މި ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އެކަމަކު ބައެއް ގައުމުތަކުގައި މިހާރު ވެސް ވަނީ ރަމަޟާން މަސް ފެށޭނީ 19 ވަނަ ދުވަހު ކަމަށް ބުނެފަ އެވެ. ރާއްޖޭގައި ވާނީ ކިހިނެއް ހެއްޔެވެ؟
ސިކުންތުކޮޅެއްގެ ފަރަގު
ރާއްޖެއަށް ބަލާއިރު މާލެއަށް މި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އިރު އޮއްސޭނެ ކަމަށް ހިސާބުތަކުން ދައްކަނީ 18:20:04 ގަ އެވެ. އަދި އެ ދުވަހުގެ ހަވީރު 17:01:44 ގައި އުފަންވާ ރަމަޟާން މަހުގެ ހަނދު އޮއްސޭނީ 18:19:46 ގަ އެވެ. މާނަ އަކީ މާލެ ސަރަހައްދަށް އިރު އޮއްސުމުގެ މިނެޓަކަށް ވުރެ ކުރިން ހަނދު އޮއްސުމެވެ.
ރާއްޖޭގެ އެންމެ އުތުރުން ތުރާކުނަށް ވެސް ދިމާވަނީ އެހެންނެވެ. އެ ދުވަހު 18:20:03 ގައި އިރު އޮއްސޭއިރު، ހަނދު އޭގެ ކުރިން 18:19:35 ގައި އޮއްސެ އެވެ.
އެކަމަކު ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ގަމަށް އިރު އޮއްސޭނީ 18:25:45 ގަ އެވެ. އަދި ހަނދު އޮއްސޭނީ އޭގެ 16 ސިކުންތު ފަހުން 18:25:51 ގަ އެވެ. އައްޑޫގެ އެކި ސަރަހައްދަށް ބަލާއިރު މި ފަރަގު 40 ސިކުންތާ ހަމަޔަށް އެބަހުއްޓެވެ. މާނައަކީ ރާއްޖެއަށް ރަމަޟާން މަހުގެ ހަނދު ސާބިތުވުމެވެ.
ސައޫދީ އާއި އެހެން ބައެއް ގައުމުތައް
ރާއްޖޭގައި މި މަހުގެ 17 ވަނަ ދުވަހު އިރާއި ހަނދުގެ މިހާ ކުޑަ ފަރަގަކުން އުޅުނަސް ސައޫދީ އަރަބިއްޔާގެ މައްކާ އަށް އެ ދުވަހުގެ 15:01:44 ގައި ރަމަޟާން މަހުގެ ހަނދު އުފަންވެ އެ ހަނދު އޮއްސޭނީ 18:22:57 ގަ އެވެ. އެއީ އިރު އޮއްސޭތާ ތިން މިނެޓަށް ވުރެ ވެސް ފަހުން 18:22:57 ގަ އެވެ. އެކަމަކު ހަނދު އޮއްސުމުގެ ކުރިން އެ ހަނދު ހަމަލޮލަށް ފެނުން ވަރަށް ނާދިރެވެ. ސަބަބަކީ އިރާއި ހަނދު ވަރަށް ބޮޑަށް އޮލަނބުކޮށް ހުރުމާއި މިސްރާބު ހުރި ގޮތުންނާއި އިރުގެ ވަރުގަދަ ދޯދީގެ ތެރޭގައި އެހާ ޅަ ހަނދެއް ލޮލަށް ފެނުމަކީ ވާނެ ކަމެއް ކަމަށް ނުބެލެވޭތީ އެވެ.
ތުރުކީގެ އިސްތަމްބޫލަށް ވެސް އިރު އޮއްސި ހަތަރު ވަރަކަށް މިނެޓް ވަންދެން ހަނދު ފެންމަތީގައި ހުރެ އެވެ. މޮރޮކޯއަށް އިރު އޮއްސުމަށް ފަހު 10 ވަރަކަށް މިނެޓް ހަނދު ފެންމަތީ ހުންނާނެ އެވެ.
ބައެއް ގައުމުތަކުގައި އަމަލުކުރާ ގޮތުން، ހަމަލޮލަށް ހަނދު ނުފެންނަ ނަމަ މަސް ފެށުނު ކަމަކަށް ނުނިންމާނެ އެވެ. މިދިޔަ އަހަރު ޝައްވާލް މަސް ފެށުމުގައި ވެސް މި ބަހުސް ވަރަށް ބޮޑުވި އެވެ. އެއީ ވެސް ރަމަޟާން މަހުގެ 29 ވަނަ ދުވަހު އިރު އޮއްސުނު އިރު، ޝައްވާލް މަހުގެ ހަނދު ހަމަ ދާދި އެކުއެކީ އޮއްސުމުން ހަމަލޮލަށް ހަނދު ފެންނާނެ ގޮތެއް ނުވުމުންނެވެ.
އެ ބަހުސްގެ ތެރޭގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވާ ގޮތުގައި ހިޖުރި މަހެއް ފެށުމަށްޓަކައި ކުރިއަށް އޮތް މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫނެވެ. އެކަމަކު އެފަހަރު ވެސް ފަލަކީ ހިސާބުތަކުން ކަށަވަރުވާ ގޮތުން، އިރު އޮއްސުމުގެ ފަހުން ރާއްޖެއަށް ފެންމަތީ ހަނދު ހުއްޓެވެ. އެހެންވެ ޝައްވާލް މަސް ފެށުނު ކަމަށް ކަނޑައެޅީ އެވެ.
ފަލަކީ ހިސާބަށް ބަލާއިރު ދުވަހުގެ އިރު އޮއްސުމަށް ފަހު އާ މަހުގެ ހަނދު ކިތަންމެ ކުޑަ އިރުކޮޅަކަށް ވިޔަސް ފެންމަތީ ހުންނާނެކަން ކަށަވަރުވާ ނަމަ އެ ހިސާބުން އާ މަސް ފެށުނީ ކަމަށް ދަލީލުތަކާ އެކު މައުމޫން އެފަހަރު ވެސް ވިދާޅުވެފައިވެ އެވެ. އެހެންވެ، ރާއްޖެ އާއި އިސްލާމީ އެހެން ބައެއް ގައުމުތަކުން އަމަލުކުރަމުން އަންނަ ގޮތަށް ބަލާއިރު ފެބްރުއަރީ 18 ވަނަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ވުމަކީ އެންމެ ގާތް ގޮތެވެ.
ރޯދަމަހާ އެކު އިރުކޭތައެއް
ހަނދާއި އިރު އޮލަނބުވެފައި ހުރި ގޮތުން 17 ވަނަ ދުވަހު އޮއްސޭއިރު ދުނިޔޭގެ އަނެއް ބިތަށް މަރުހަބާ ކިޔާނީ އިރުކޭތައަކާ އެކުގަ އެވެ.
މި "އަނގޮޓި" ކޭތަ އެންމެ ރީތިކޮށް ފެންނާނީ އެންޓާޓިކާ ސަރަހައްދަށެވެ. އެހެންވެ ގިނަ ގައުމުތަކަށް މި ހިތްގައިމުކަމެއް ނުފެންނާނެ އެވެ.
މި ކޭތަ ފެންނާނެ ކަމަށް ލަފާކޮށްފައިވަނީ އެފްރިކާ އާއި ދެކުނު އެމެރިކާގެ ބައެއް ހިސާބުތަކުގެ އިތުރުން ޕެސިފިކް، އެޓްލާންޓިކް އަދި އިންޑިއާ ކަނޑުގެ ބައެއް ހިސާބުތަކަށެވެ.