އަންނަ މާޗް މަހުގެ ތިން ވަނަ ދުވަހަކީ މި އަހަރުގެ ފުރަތަމަ ހަނދުކޭތަ ހިފާ ދުވަހެވެ. އެކި ހިސާބުތަކަށް މިއީ ފުރިހަމަ ހަނދުކޭތަ އެކެވެ. ދުނިޔޭގެ ހިޔަނީގެ ތެރޭ ހަނދު އެއްކޮށް ފޮރުވިފައި ވާތީ ފެންނާނެ އެވެ. އެހެންވެ އެ ދުވަހުގެ ފުރިހަމަ ހަނދު ބައެއް ހިސާބުތަކަށް ވަރަށް ހިތްގައިމު "ބްލަޑް މޫން" އެއް ގޮތަށް ފެންނާނެ އެވެ. 

ބުރުހަމަ، ފުރިހަމަ ހަނދުގައި ނޫނީ ހަނދުކޭތައެއް ނުފެންނާނެ އެވެ. މި ކޭތަ މި ހިފަނީ ރޯދަ މަހުގެ ހަނދު ފުރިހަމަވެ، "ފުލްމޫން ނައިޓް" ގައި، 15 ވިލޭރޭ ކަމަށްވާތީ މި އަހަރުގެ ރޯދަ މަސް ފެށި ދުވަހާ މެދު ސުވާލެއް އޮތިއްޔާ ޖަވާބަކަށް ވެސް ފުދެ އެވެ. 

މި ކޭތަ އުތުރު އެމެރިކާ، އޯޝަނިއާ، އީސްޓް އޭޝިއާ އަދި ޕެސިފިކަށް ފުރިހަމައަށް ފެންނާނެ އެވެ. އެހެންވެ އެމެރިކާ، ކެނެޑާ،  އޮސްޓްރޭލިއާ، ނިއު ޒީލެންޑް، ޖަޕާން، ދެކުނު ކޮރެއާ، ފިލިޕިންސް އަދި ޗައިނާއަށް ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނާނެ އެވެ. 

އެކަމަކު ރާއްޖެއަށް އެ ދުވަހު 6:21 ގައި ހަނދު އަރާ ވަގުތަކީ ދުނިޔޭގެ އަނެއް ބިތަށް ކޭތައިގެ ފުރިހަމަކަން ފެނި ނިމޭ ވަގުތެވެ. ރާއްޖެއަށް ހަނދު އަރާނީ ދުނިޔޭގެ ހިޔަނި ހަނދުން ފިލައިގެންދާ ވަގުތާ ދިމާކޮށެވެ. އެއީ "ޕެނަމްބްރަލް އެކްލިޕްސް" އެކެވެ. 

އެހެންވެ ހަނދު އަރާއިރު ކުލަ ފެންނާނީ އާންމުކޮށް ހުންނަ ވަރަށް ވުރެ ފަނޑުކޮށެވެ. މި ފަނޑު ކޭތަ ރާއްޖެއަށް ގަޑިއެއްހާއިރު ފެންނާނެ އެވެ. އެއީ 7:23 އާ ހަމައަށެވެ. 

މިއީ 30 ދުވަހުގެ ރޯދަމަހެއް

މި ފެބްރުއަރީ 18 ވަނަ ދުވަހު ފެށުނު ރަމަޟާން މަހަކީ ކަލަންޑަރުން އަދި ހިސާބުތަކުން ވެސް ދައްކާ ގޮތުން 30 ދުވަހުގެ މަހެކެވެ. ރޯދަ މަހުގެ ސީދާ މެދަށް ހަނދުކޭތައެއް އަންނައިރު މިފަހަރު ފިތުރު އީދު ދުވަހާ ދިމާވާނީ ހުކުރު ދުވަހަކަށެވެ. 

މި ރަމަޟާން މަހުގެ 29 ވަނަ ދުވަހު ޝައްވާލު މަހަށް ރާއްޖެއަށް އަދި ސައޫދީ އަރަބިއްޔާއަށް ވެސް ހަނދު ސާބިތުނުވާނެކަން ހިސާބުތަކުން ކަށަވަރުވެ އެވެ. ރާއްޖެއަށް އެ ދުވަހު އިރު އޮއްސުމުގެ ބައި ގަޑިއިރަށް ވުރެ ވެސް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި ޝައްވާލު މަހުގެ ހަނދު އުފަންވާނީ އަނެއް ދުވަހުގެ ހެނދުނު 6:10 ގަ އެވެ. އެ ހަނދު އޮއްސޭނީ އިރުއޮއްސި 15 މިނެޓް ފަހުން 6:34 ގަ އެވެ. އެހެންވެ އެ ދުވަހު އުޑުމަތި ސާފު ނަމަ ހަމަލޮލަށް ހަނދު ފެނުމުގެ ފުރުސަތު ބޮޑެވެ. 

ސައޫދީ އަރަބިއްޔާގެ މައްކާއަށް ވެސް ރަމަޟާން މަހުގެ 29 ވަނަ ދުވަހު އިރު އޮއްސުމުގެ ބައި ގަޑިއެއްހާއިރު ކުރިން ހަނދު އޮއްސެ އެވެ. މައްކާއަށް ޝައްވާލް މަހުގެ ހަނދު އުފަންވާނީ އަނެއް ދުވަހުގެ ފަތިހު 4:23 ގަ އެވެ. އަދި އެ ހަނދު އޮއްސޭނީ އިރު އޮއްސި ބައި ގަޑިއިރު ފަހުން 7:01 ގަ އެވެ.  

މި ރޯދަ މަސް ފެށުނީ ދުނިޔޭގެ އަނެއް ބިތަށް އިރުކޭތައަކުންނެވެ. އެންޓާޓިކާ ސަރަހައްދަށް ރީތި އަނގިޓި ކޭތައެއް ގޮތުގަ އެވެ. އެހެން ބައެއް ހިސާބުތަކަށް ފަޅި ކޭތައެއް ގޮތަށެވެ.  ރޯދަ މަސް ދެބައި މި ވަނީ ފުރިހަމަ ހަނދުކޭތައަކުންނެވެ.