އަންނަ ބުދަ ދުވަހަކީ ރާއްޖެއާ އެކު ރަމަޟާން މަސް ފެށި އިސްލާމީ އެހެން ގައުމުތަކުގައި ވެސް ޝައްވާލް މަހަށް ހަނދު ފެނޭތޯ ބަލާ ދުވަހެވެ. އެކަމަކު ވަރަށް ގިނަ ގައުމުތަކުގައި ރޯދަމަސް ފެށީ އަހަރެމެންނަށް ވުރެ އެއް ދުވަސް ފަހުންނެވެ.
އަހަރެމެންނާ އެކު، މިދިޔަ ފެބްރުއަރީ މަހު 18 ގައި ރޯދަ ހިފަން ފެށި ގައުމުތަކުން، މި މާޗް މަހުގެ 18 ވާ ބުދަ ދުވަހު އިރު އޮއްސުމާ އެކު ޝައްވާލް މަހުގެ ހަނދު ފެނޭތޯ ބަލާނެ އެވެ.
އެކަމަކު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި ސައޫދީ އަރަބިއްޔާއަށް ވެސް އެ ދުވަހު އިރު އޮއްސޭއިރު ހަނދު ފެންމަތީ ހުރުމުގެ އެއްވެސް ފުރުސަތެއް ނެތްކަން ހިސާބުތަކުން ދައްކަ އެވެ.
ހަނދު މަހެއް ފެށުނު ކަމަށް ބަލަނީ އާ މަހުގެ ހަނދު އުފަންވެ، އެ ދުވަހުގެ އިރު އޮއްސުމަށް ފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ވިޔަސް ހަނދު ފެންމަތީ ހުރެއްޖެ ނަމަ އެވެ. ބުދަ ދުވަހަކީ އެ ފުރުސަތު އޮތް ދުވަހެއް ނޫނެވެ.
ޝައްވާލް މަހުގެ ހަނދު ރާއްޖެއަށް އުފަންވާނީ ވެސް ބުރާސްފަތި ދުވަހުގެ ހެނދުނު 6:23 ގަ އެވެ. މާނަ އަކީ މި ރަމަޟާން މަސް ފުރިހަމަވަނީ 30 ދުވަހުން ކަމަށް ވުމެވެ.
އެހެންވެ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށްވާ، އަންނަ ބުދަ ދުވަހު އިރު އޮއްސޭއިރު ހަނދު ފެންމަތީ ހުރުމުގެ އެއްވެސް ފުރުސަތެއް ނެތެވެ.
ބުދަ ދުވަހު މާލެއަށް ހަވީރު 6 ޖެހުމުގެ ވެސް މާ ކުރިން ހަނދު އޮއްސޭނެ އެވެ. ސައޫދީ އަރަބިއްޔާގެ މައްކާ އަށް ވެސް ބުދަ ދުވަހު 6:31 ގައި އިރު އޮއްސޭއިރު އޭގެ 28 މިނެޓް ކުރިން 6:03 ގައި ހަނދު ހުންނާނީ އޮއްސިފަ އެވެ.
ޝައްވާލް މަހުގެ ހަނދު އުފަންވަނީ ބުރާސްފަތި ދުވަހު ކަމަށް ވާއިރު އެ ދުވަހު މޫސުން ރަނގަޅު ނަމަ ހަމަ ލޮލަށް ހަނދު ފެނުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ.
ބުރާސްފަތި ދުވަހު ރާއްޖޭގެ އެންމެ އުތުރަށް ހަނދު އޮއްސޭނީ 18:38 ގަ އެވެ. އެއީ އިރު އޮއްސޭތާ 16 މިނެޓް ފަހުންނެވެ. މާލެއަށް ހަނދު އޮއްސޭނީ 18:34 ގަ އެވެ. އެއީ އިރު އޮއްސޭތާ 12 މިނެޓް ފަހުންނެވެ. ރާއްޖޭގެ އެންމެ ދެކުނަށް ވެސް ހަނދު އޮއްސޭނީ 18:34 ގައި، އިރު އޮއްސޭތާ 13 މިނެޓް ފަހުންނެވެ.
މައްކާއަށް ވެސް ޝައްވާލް މަހުގެ ހަނދު އުފަންވާނީ އަންނަ ބުރާސްފަތި ވަނަ ދުވަހުގެ ފަތިހު 4:23 ގަ އެވެ. އެ ހަނދު އޮއްސޭނީ އެ ދުވަހު އިރު 18:31 ގައި އޮއްސޭތާ ބަރާބަރު ބައިގަޑިއިރު ފަހުން 19:01 ގަ އެވެ.
ސައޫދީ އަރަބިއްޔާގެ މަޖްމައާ ޔުނިވަސިޓީ އޮބްޒަވޭޓަރީން ވެސް ބުނެފައިވަނީ ބުދަ ދުވަހު މައްކާއަށް އިރު އޮއްސުމުގެ ބައި ގަޑިއެއްހާއިރު ކުރިން ހަނދު އޮއްސޭނެ ކަމަށާއި އެހެންވެ ބުރާސްފަތި ދުވަސް ފިތުރު އީދަށް ވުމުގެ ފުރުސަތެއް ނެތް ކަމަށެވެ.
އަހަރެމެންނަށް ވުރެ ފަހުން ރޯދަ މަސް ފެށި ގައުމުތައް ކަމަށްވާ މެލޭޝިއާ، އިންޑޮނީޝިއާ، އޮމާން، ތުރުކީ، ޖޯޑަން، މިސްރު، ސިންގަޕޫރު، ބުރޫނާއީ، އަޒަރްބައިޖާން، ކަޒަކްސްތާން، ކިރްގިސްތާން އަދި އުޒްބެކިސްތާން ފަދަ ގައުމުތަކުން ހަނދު ބަލާނީ ބުރާސްފަތި ދުވަހު އެވެ. ހިސާބުތަކުން ދައްކަނީ އެ ގައުމުތަކަށް އެ ދުވަހު ހަނދު ފެންނާނެ ކަމަށެވެ. އެހެންވެ އެ ގައުމުތަކުން 29 ދުވަހުގެ ރޯދަ މަހެއްގެ ގޮތުގައި ކަނޑައަޅައި އަހަރެމެންނާ އެއް ދުވަހެއްގައި އީދު ފާހަގަކުރުން ވަރަށް ބޮޑަށް އެކަށީގެންވެ އެވެ.