ރިޝްވަތު ދިނުމުގެ ތުހުމަތުގައި މައުމޫންގެ ފެކްޝަންގެ މީހެއްގެ ގެއެއް ފާސްކޮށްފި

ރިޝްވަތު ދިނުމާއި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަންގެ މީހެއްގެ ގެއެއް މިރޭ ފުލުހުން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފި އެވެ.


"މިހާރު" އަށް އެނފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކޮށްފައި ވަނީ މައުމޫނަށް ތާއީދުކުރާ އިބްރާހިމް އަފްރާތު (އަފޫ) ދިރިއުޅޭ މއ. ގުލްޝަން ކިނާރާ އެވެ.

އެ އަމުރުގައި ބުނެފައިވާ ގޮތުން އަފޫގެ ގެ ފާސްކުރީ "މަޖިލީހުގެ ނައިބު ރައީސްގެ ރުހުން އޮތްތޯ ބެލުމަށް، ނެގުމަށް ތާވަލްކޮށްފައިވާ ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ހުށަހަޅަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، ސިޔާސީ ފަރާތްތަކުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ފަދަ މިނިވަން ބާރަކަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތްތަކުގައި، ސިޔާސީ ފަރާތްތަކާ ބައްދަލުކޮށް، އެފަދަ ފައިސާ ހަވާލުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ މއ. ގުލްޝަން ކިނާރާ، އިބްރާހިމް އަފްރާތު ކަމާ، މީނާ އަށް ފައިސާ ފޯރުކޮށްދެނީ ސިޔާސީ ފަރާތްތަކުން ކަމާއި، އެ ފައިސާ އެކި ފަރާތްތަކަށް ހަވާލުކުރުމަށް މއ. ގުލްޝަން ކިނާރާގައި ރައްކާކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާތީ، މައްސަލައާ ގުޅުންހުރި ހެކި ގާރީނާ ހޯދައި، މައްސަލައާ ގުޅުން ހުރި އެންމެހާ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް" ކަމަށެވެ.

"މިހާރު"އާ ވާހަކަދެއްކި އަފްރާތުގެ ރައްޓެއްސަކު ބުނީ އެގެ ބަލާ ފާސްކުރިއިރު އެފަދަ އެއްވެސް އެއްޗެއް އެގެއިން ފެނިފައިނުވާ ކަމަށެވެ.

މިދިޔަ މަހުގެ 27 ގައި އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓާ ދިމާކޮށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވެސް މިރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.