ޑިމޮކްރަސީގެ އަސާސްތައް ދެމެހެއްޓުމަށް އދ. އިން ރާއްޖެ އަށް ގޮވާލައިފި

ރާއްޖޭގައި އޮތް ޑިމޮކްރަސީގެ އަސާސްތައް ދެމެހެއްޓުމަށް ކަމާ ގުޅޭ ހުރިހާ ފަރާތްތަކަށް އދ. އިން ގޮވާލައިފި އެވެ.


އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ތަރުޖަމާނު ސްޓެފާން ޑްޖެރިކް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، ރާއްޖޭގައި ހިނގަމުން އަންނަ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށެވެ. އެހެންވެ، ގާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ޑިމޮކްރަސީގެ އަސާސްތަކާއި އިންސާނީ ހައްގުތައް ދެމެހެއްޓުމަށް އޭނާ ގޮވާލެއްވި އެވެ.

ރާއްޖޭގައި އުފެދިގެން އުޅޭ މައްސަލަތައް ސިޔާސީ ލީޑަރުންގެ މެދުގައި މަޝްވަރާކޮށްގެން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރުމަށް ވެސް ސްޓެފާން ވަނީ ގޮވާލައްވައިފަ އެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތު އިތުރަށް ގޯސްވެ މިހާރު އޮތީ ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީ އަށް ފަހި ހާލަތެއް ނޫން ކަމަށް ޖަރުމަނުން ވަނީ އިއްޔެ ބުނެފަ އެވެ.

ސިޔާސީ މަޝްރަހު ހަލަބޮލިވީ އިދިކޮޅު ބައެއް ލީޑަރުން ގުޅިވަޑައިގެން އިސްލާހީ މަސައްކަތްތަކެއް ފެއްޓެވުމާ ގުޅިގެންނެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތު ބަދަލުކުރަން އެ އިދިކޮޅު ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެކި ތުހުމަތުތަކާ ގުޅިގެން އިދިކޮޅު ފަރާތްތައް ފުލުސް އޮފީހަށް ހާޒިރު ކުރަމުންދާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ހިތްވަރުދޭ ކަމުގެ ތުހުމަތުގަ އެވެ. މާމިގިލީ ދާއިރާގެ މެމްބަރު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމްގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހަ ދުވަސް ޖަހައިފަ އެވެ.

ގާސިމް ހައްޔަރުކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު އިތުރު ދެރައެއް ކަމަށް ވިދާޅުވެ، ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.