ގާސިމްގެ ބަންދަށް ހަ ދުވަސް ޖެހުމާ ގުޅިގެން ފުލުހުންގެ ލޯންޗެއްގައި އޭނާ ދޫނިދޫއަށް އިއްޔެ ގެންދަނީ. އިދިކޮޅު ލީޑަރުން ބަންދުގައި ތިއްބެވުމުން ޑިމޮކްރަސީގެ ނާޒުކު ހާލަތު ރަމްޒުކޮށްދޭ ކަމަށް ޓްރާންސްޕޭރަންސީން ބުނޭ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
08 އެޕްރީލް 2017 - 12:00
ސިޔާސީ ގޮތުން ތަފާތު ފިކުރު ގެންގުޅުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށާއި ސިޔާސީ އިދިކޮޅު ލީޑަރުން މިވަގުތު ބަންދުގައި ބައިތިއްބާފައި ތިބުމަކީ ޑިމޮކްރެެސީގެ ނާޒުކު ހާލަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފި އެވެ.
ޓްރާންސްޕޭރަންސީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ މަސްރަހުން ފެނިގެން ދަނީ ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ސިޔާސީ ވެރިންނަށް ބިރު ދައްކާ މަންޒަރު ކަމަށެވެ. ލީޑަރުންގެ މައްސަލަތައް ފެންމަތިވެ، ޖިނާއީ ދައުވާތަކާއި ތަފާތު ޖޫރިމަނާތަކުގެ މައްސަލަތައް ނަގަނީ ސިޔާސީ ގޮތުން ކުރިމަތިވާ ހިޔާލުތަފާތުވުންތަކާ ދިމާކޮށް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"ސަރުކާރަށް ފާޑު ކިޔައި ބޭފުޅުން ހައްޔަރުކޮށް ޖިނާއީ ދައުވާ އުފުލައި ބިރު ދައްކައި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންސާނީ ހައްގުތަކާ ހިލާފަށް ސަރުކާރުން އަމަލުތައް ބަހައްޓަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ޓްރާންސްޕޭރަންސީގެ ބަޔާނުގައި ބުންޏެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު އޮތުމާއި ސިޔާސީ ގޮތުން ކަންކަމުގައި ބައިވެރިވުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދީފައި އޮތުމަކީ މިނިވަން ޑިމޮކްރަޓިކް މުޖުތަމައުއެއްގައި އޮތުން ލާޒިމް އަދި ރައްޔިތުންގެ ވެރިކަމެއް ކުރުމުގެ އެންމެ މުހިންމު އެއް އަސާސެވެ.
ގައުމަށް ދިމާވެފައިވާ ސިޔާސީ ހަމަނުޖެހުންތައް ހައްލު ކުރަން މަޝްވަރާގެ މަގު ހިޔާލު ކުރުމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކާއި ވާދަވެރިންގެ ހައްގުތައް ކަށަވަރުކޮށްދީ މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހިކޮށް، ރާއްޖެ ޑިމޮކްރަސީގެ މަގަށް ރުޖޫއަ ކުރުމަށާއި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ މުޖުތަމައުއެއް ގާއިމު ކުރަން ޓްރާންސްޕޭރަންސީން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވީ އިދިކޮޅު ބައެއް ލީޑަރުން ގުޅިވަޑައިގެން އިސްލާހީ މަސައްކަތްތަކެއް ފެއްޓެވުމާ ގުޅިގެންނެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތު ބަދަލުކުރަން އިދިކޮޅު ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެކި ތުހުމަތުތަކާ ގުޅިގެން އިދިކޮޅު ފަރާތްތައް ފުލުސް އޮފީހަށް ހާޒިރު ކުރަމުންދާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ހިތްވަރުދޭ ކަމުގެ ތުހުމަތުގަ އެވެ. މާމިގިލީ ދާއިރާގެ މެމްބަރު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމްގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހަ ދުވަސް ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާނާ
09 April 2017
ކޮރަޕްޝަން ގިނަވަނީ، ޕާޓީ ސިސްޓަމްގެ ސަބަބުން..މަޖުބޫރު ވެރިކަން ބޭނުމިއްޔާ ފައިސާދީގެންވެސް ސަޕޯޓަރުން ހޯދަން.. ޑިމޮކްރަސީގަ ވެރިކަމަށް އާދެވޭނީވެސް މަކަރާ ހީލަތުން. ރިޝްވަރު ދީގެން.. އަހްލާޤުން އެއްކިބާވެވެ ހަޑި ހުތުރުބަހުން ވާހަކަ ދައްކަންކެރޭ ނުލަފާ މީހުން ފަހަތަށް ލައިގެން މި ސިސްޓަމްގަ ވެރިކަން ހޯދޭނީ.
އަހްމަދު
09 April 2017
މީހުންގެ ތާއީދަކީ ފަހުން ހޯދާއެއްޗެއް..އިސްލާމީ ޤައުމެއްގެ ވެރިއެއްގައި ހުންނަންޖެހޭ ޝަރުޠު ހަމަވާ ކޮންމެ މީހަކަށް ވެރިކަމަށް ކުރިމަތިލެވޭ ނިޒާމެއް ގާއިމް ކުރަންވީ..ލާރި ހުރިމީހުން އެކަންޏެއް ނޫން ވެރިކަމަށް އަންނަންޖެހޭނީ.. ކޮންމެ މީހެއްގެވެސް ހައްޤެއް އެމީހެއްގެ ހުރި ޤާބިލްކަމާ ކުޅަދާނަކަން ދައްކާލާނެ ފުރުޞަތު ލިބުމަކީ،
ޙަސަން
09 April 2017
ޕާޓީ ނޯންނަ ނިޒާމަކަށް ވެރިކަމުގެ ނިޒާމް ބަދަލު ކުރަންވީ..އެހެންނޫނީ ރިޝްވަތާ ފަސާދަ އޮންނާނެ..ގޮތެއް ނެތިފަ ތިބޭ ކުށްވެރިންތައް ޕާޓީތަކުގަ ނަގާ ކިޔާނެ..އެމީހުންނަށް ހިމާޔަތްދޭން މަޖުބޫރުވާނެ..ޑިމޮކްރަސީ ދޫކޮށް ބޭނުން ކޮންމެ މީހަކަށް ހަމަޖެހޭ އުސޫލަކުން ވެރިކަމަށާއި މަޖްލީހުގެ މެމްބަރު ކަމަށް އާދެވޭގޮތަށް ޤާނޫނު އަސާސީ އަށް ބަދަލު ގެންނަން އެންމެން ގޮވާލަމާ.
ޙުސައިންދި
09 April 2017
ހަސަނާ ތިޔައްކިޔަނީ ޑިމޮކްރަސީ! ތަރައްގީވާންވީ މީހުން
އާދަނު
09 April 2017
ބޭނުން ކޮންމެ މީހަކަށް ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް އޮންނަ ނިޒާމަކަށް ވެރިކަމުގެ ނިޒާމް ބަދަލު ކޮށްލަންވީ..އޭރަށް ނުޖެހޭނެ ޕާޓީ ހަދައިގެން ބައިގަނޑު ފަހަތަށް ލައިގެން އުޅޭކަށް.. ހަމަޖެހުން ޤާއިމްވާނެ މިޤައުމުގަ..
ފާތުން
09 April 2017
ވޯޓް އަގެއިންސްޓް ޑިމޮކްރަސީ..އެއީ 1500 އަށްވުރެ ގިނަދުވަސްވެ ބާވެފައިވާ ފިކުރެއް..ހަމައެކަނި ހުޅަނގުން ހަންފެތުރުމަށް ބޭނުންކުރާ ޝިއާރެއް.. އިސްލާމީ މުޖުތަމައުތަކުން ނޫނުކޭ ބުނަންޖެހޭ ވެރިކަމުގެ ނިޒާމެއް.
އާދަނު
09 April 2017
ޑިމޮކްރަސީއަކީ، އިސްލާމީ މުޖުތަމައުތައް ފަސާދައިގެ ތެރެއަށް ވައްޓާލާ ނިޒާމް..އެންމެން ޑިމޮކްރަސީއަށް ނޫނެކޭ ބުނަމާތޯ؟
ޝަރަފް
09 April 2017
މިތަނުގައި ތި ޚިޔާލު ފައުޅުކުރީވެސް ޑިމޮކްރަޓިކް ޙައްޤެއް ބޭނުންކޮށްގެން
ފާތުން
09 April 2017
ޑިމޮކްރަސީއަކީ ހަމަރީތީތަ؟ ނޫނީ އެއީ، ދޮންމީހުން ގެނައި އެއްޗަކަށްވީތީ އެއަށް ސަނާ ކިޔަނީތަ؟ އިސްލާމީ މުޖުތައެއްގެ ހާކިމާއަކީ، ރައްޔިތުން ރުހޭ އިސްލާމްދީން ނަގަހައްޓާ، ރައްޔިތުންނަށް ހަމަހަމަކަމާއެކު އަދްލް އިންސާފު ހޯދަައިދޭން ހުންނަވެރިއެއް.. އެއީ، ޑިމޮކްރަސީ ދިރުވަން އަރާ ހުންނަ ވެރިއެއްނޫ.. ޑިމޮކްރަސީއަކީ، ހުރިހާ އިސްލާމީ މުޖުތަމައުތަކެއް ފަސާދަ ކުރަން ހުޅަނގުން ގެންގުޅޭ ފިކުރެއް..އެއަށް ތަބާވާކަށް ނުޖެހޭނެ..އޭގެން ހަމައެކަނި ލިބޭނެ އެއްޗަކީ، މިހާރު މިޤައުމަށް މިލިބެމުންދާ އެތި.. އެއީ ބައިބައިވުމާއި، ނެތިމޮށުމުގެ އާދަ ހިފުމާއި، ހަމަނުޖެހުމާއި، އަނިޔާވެރިކަން.
ޢަލީ
09 April 2017
ފާތުން ދޮންކަނބުލޯ! ރައްޔިތުން ރުހޭ މީހަކު ވެރިޔަކަށް ޢައްޔަންކުރުމަށް ކިޔަނީ ޑިމޮކްރަސީއޭ. ޢަދުލު އިންޞާފަށް ހަމަހަމަ ކަމާއެކު ޢަމަލުކުރުމަކީ، ވެރިމީހާގެ މައްޗަށް ލާޒިމުކަމެއް. ޑިމޮކްރަސީގައިވެސް އެކަން އޮތީ އެހެން.
ފާތުން
09 April 2017
ފިކުރު ތަފާތު ވުމެއް ނޫން މައްސަލައަކީ، މައްސަލައަކީ، 5 އަހަރު ދުވަހުގެ ޓަރމެއް ވެރިކަމަށް ކަނޑައެޅުމަށްފަހު އެ 5 އަހަރުވަންދެންވެސް ކެތް ނުވާކަން. ހިސާބަށްވުރެ ނާތަހުޒީބުކަން. މަގުމަތިން ވައްޓާލަން ބޭނުންވާކަން.
ހޭލާ
08 April 2017
މިރާއްޖޭގެ ޒަމާން ވެއްޔާއި މޮޑެވިގެން މިދަނީ
ތުއްތުކަމަނަ
08 April 2017
ނުރައްކާ ވަނީ މުޢައްސަސާތަކުން ޒިންމާދާރު ނުވެ ސަނާ ކިޔާ ސަގާފަތް ގެންގުޅޭތީ. އެންމެންވެސް އެއް ހާލެއް. ތަފާތު ފިކުރުތައް ހަޖަމްވެސް ކުރަންޖެހޭ. އަނބިމީހާއާއި ފިރިމީހާްއަކީވެސް ކެއުމުގަވެސް ތަފާތު ރަހަ ކަމުދާ ބައެއް. އެކަން ހަޖްމް ނުކޮށް ކިހިނެއް އިނދެގެން އުޅޭނީ