ގާސިމް ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

ޖުމްހޫރީ ޕާޓީގެ ލީޑަަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށްޓަކައި ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. މީގެ އިތުރުން އެ މައްސަލަ ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ވެސް ހުށަހަޅައިފަ އެވެ.


އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް މި ފަހުން ފެށި ހަރަކާތްތަކުގައި އިސްކޮށް އުޅުވި ގާސިމް ހައްޔަރުކޮށް، މިދިޔަ ހުކުރުދުވަހު އޭނާގެ ބަންދަށް ހަ ދުވަސް ޖެހީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދީ ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރުމަށް ހިތްވަރު ދޭ ކަމުގެ ތުހުމަތުގަ އެވެ. އެކަމަކު އެ ތުހުމަތުތައް ގާސިމް ދޮގުކުރައްވަ އެވެ.

ހިސާން ކުރެއްވި ޓްވީޓް

ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސެއިން "މިހާރު" އަށް ވިދާޅުވީ ގާސިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނުގެ 13 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

އެ މާއްދާ ބުނާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ، އެފަދަ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން އަމުރު ނެރެން ވާނީ ސުޕީރިއާ ކޯޓަކުންނެވެ. އަދި އެފަދަ އަމުރަކަށް އެ ކޯޓެއްގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅުމުން ޕީޖީއަށް ފެނިއްޖެ ނަމަ ޕީޖީ އެވެ.

ހިސާންގެ ޓްވީޓް

ނަމަވެސް ގާސިމް ހައްޔަރުކުރުމުގެ އަމުރު ނެރެދިނުމަށް ކްރިމިނަލް ކޯޓުގައި އެދުނީ ފުލުހުންނެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމުގެ އަމުރަށް ވެސް ކްރިމިނަލް ކޯޓުގައި އެދުނީ ސީދާ ފުލުހުން ކަމަށް ހިސާން ވިދާޅުވި އެވެ.

ގާސިމްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމައިފަ އެވެ.