ގާސިމް ހައްޔަރުކުރި މައްސަލާގައި ޕީޖީ އަދިވެސް ހިމޭނުން!

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާ ހިލާފަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވާ އިރު ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމްގެ ޒިންމާ އަދާނުކުރައްވާ "ހިމޭނުން" ހުންނެވި ކަމަށް ބުނެ ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.


ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ގާސިމް ހައްޔަރުކުރުމުގެ އަމުރަކަށް ކޯޓުގައި އެދެން ޖެހޭނީ، ގާނޫނުގައި އޮތް ގޮތުން، ޕްރޮސިކިއުޓަ ޖެނެރަލް އެވެ. އޭގެ ބަދަލުގައި ފުލުހުން އަމުރު ހޯދީ އެތަނުން ސީދާ ކްރިމިނަލް ކޯޓަށް ހުށަހަޅައިގެންނެވެ.

މި މައްސަލާގައި މީޑިއާތަކުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޕީޖީ އޮފީހުން އެއްވެސް ވާހަކައެއް ނުދެއްކި އެވެ.

އެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިސްތިއުނާފްގައި އޮތް މައްސަލައަކަށް ވާތީ މިވަގުތު އެއްޗެއް ބުނަން ޕީޖީ އޮފީހުން ބޭނުން ނުވާ ކަމަށެވެ.

ގާނޫނީ ވަކީލަކު ވިދާޅުވީ ގާނޫނާ ހިލާފަށް ހައްޔަރުކޮށް އެއްވެސް ރައްޔިތެއްގެ ހައްގެއް ގެއްލިގެންދާ ކަމަށް ވާ ނަމަ، ފިޔަވަޅު އެޅުމަކީ ގާނޫނުއަސާސީގައި ޕްރޮސިކިއުޓަ ޖެނެރަލްއާ މަތިކޮށްފައި އޮތް ޒިންމާއެއް ކަމަށެވެ.

"އެ ޒިންމާ އަދާނުކުރައްވައި ހިމޭނުން އެ ހުންނަވަނީ. ގާނޫނުއަސާސީގެ 223 ވަނަ މާއްދާގައި އެބަ އޮވޭ، ޝަރީއަތަށް މައްސަލައެއް ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށް ނުވަތަ މި ނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނެ ހާލަތްތަކާއި ޝަރުތުތައް މުތާލިއާ ކުރުމާއި މުރާޖައާކުރަމުން ގެންދިއުމާއި އެ އުސޫލްތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބެލުމަކީ ޕްރޮސިކިއުޓަ ޖެނެރަލް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް،" ނަން ނުޖަހަން އެދިވަޑައިގެން ވާހަކަ ދައްކެވި ވަކީލު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު ފުލުހުންގެ ލޯންޗެއްގައި ދޫނިދޫއަށް ގެންދަނީ -- ފޮޓޯ: ހުސެން ވަހީދު/މިހާރު

މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ވަނީ، "ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ އަމުރަކަށް" ކަމަށެވެ. އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ "އެ މައްސަލަ ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓަ ޖެނެރަލް އަށް ހުށަހެޅުމުން ޕްރޮސިކިއުޓަ ޖެެނެރަލް އަށް ފެނިއްޖެ ނަމަ އޭނާ" ކަމަށް ވެސް ގާނޫނުގައިވެ އެވެ.

"އެހެންވީމަ ޕީޖީ އަށް ލާޒިމް ކަމެއް ގާނޫނުގައި މަތިކޮށްފައި އޮތް ޒިންމާ އަދާކުރެއްވުމަކީ."

ރިޝްވަތު ހުށަހަޅަން އުޅުމާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާކޮށް، ޕީޖީން މިހާރު ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ