މާދަމާ ޝަރީއަތް ފަށަނީ ގާސިމް އަލުން ހައްޔަރު ކުރަން: ވަކީލުން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ބަންދުން ދޫކޮށްލިޔަސް މާދަމާ ފަށަން ހަމަޖައްސާފައިވާ ޝަރީއަތުގައި ގާސިމް އަލުން ބަންދުގައި ބަހައްޓަން އަމުރު ކުރާނެ ކަމަށް ބެލެވޭ ކަމަށް ގާސިމްގެ ވަކީލުން މިރޭ ބުނެފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމާއި ސަރުކާރު ވައްޓާލަން ރޭވުމުގެ ތުހުމަތުގައި ގާސިމް ހައްޔަރު ކޮށްފައި ވަނިކޮށް ހައި ކޯޓުން މިއަދު ވަނީ ގާސިމް މިނިވަންކޮށްފަ އެވެ. ގާސިމް ދޫކޮށްލަން ހައި ކޯޓުން އެންގީ އޭނާ ހައްޔަރު ކުރުމުގެ އަމުރު ހޯދުމުގައި، އިމްތިޔާޒްގެ ގާނޫނުގައި ބުނާ އިޖްރައާތު ފުލުހުން ފުރިހަމަ ކޮށްފައި ނުވާތީ އެވެ. އެކަމަކު ގާސިމަށް އެ މައްސަލާގައި ކުރާ ދައުވާތަކުގެ ޝަރީއަތް މާދަމާ އަށް ވަނީ ތާވަލްކޮށްފަ އެވެ.

ގާސިމްގެ ވަކީލުންގެ ޓީމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ ގާސިމްގެ ޝަރީއަތް ކުއްލިއަކަށް މާދަމާ އަށް ތާވަލް ކުރީ ގާސިމް ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރެއް ހޯދުމަށް ކަމަށް ބެލެވޭ ކަމަށެވެ. ހުރިހާ ފަރާތަކުން ވެސް އަމަލުކުރަންޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި ގާސިމް އަލުން ބަންދުގައި ބަހައްޓަން އަމުރު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހިސާން ވިދާޅުވި އެވެ.

"ގަބޫލު ކުރެވެނީ މާދަމާ ވާނުވާ ޖަހާނެ ކަމަށް. ވާނުވާގެ މާނައަކީ ޝަރީއަތް ފެށުމަށް ފަހު އިންނަވާ ގާޒީ ޖައްސަވާނެ އަމުރެއް، އެ އަމުރުގައި އޮންނާނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފީމޭ. ދެން ޝަރީއަތް ފެށިގެން ނިމޭނެ ދުވަހެއް މާތްކަލާނގެ ދެނެވޮޑިގެންވާނީ،" ހިސާން ވިދާޅުވި އެވެ.

ގާސިމްގެ ވަކީލުންގެ ޓީމުން ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަނީ: ހައި ކޯޓުގެ ހުކުމާ އެކު ގާސިމްގެ ދައުވާ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވަކީލުން ބުނޭ --މިހާރު ފޮޓޯ/ހުސައިން ވަހީދު

އެ ޓީމުގައި ހިމެނޭ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ ގާސިމް ހައްޔަރު ކުރި އިޖްރައާތު ގޯސް ކަމަށް ހައި ކޯޓުން ނިންމާފައިވާތީ، ގާސިމަށް ކުރާ ދައުވާތައް އިތުރަށް ކުރިއަށް ގެންދޭނެ ކަމަކަށް ނުބެލެވޭ ކަމަށެވެ. ސަބަބަކީ ހައްޔަރުކުރި އިޖްރައާތު ބާތިލް ކަމަށް ނިންމާފައިވާތީ ހައްޔަރުކުރި ފަހުން ފުލުހުން ކުރި ހުރިހާ ކަމެއް ވެސް ބާތިލްވީ ކަމަށް ވައްޑެ ވިދާޅުވި އެވެ. އެހެންވެ، އެ މައްސަލާގައި އިތުރަށް ގާސިމް ބަންދު ކުރަން އަމުރު ކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހައްޔަރުކުރި އަމުރަކީ ބާތިލް އަމުރެއް ކަން އެނގެން އޮންނާތީވެ، ބާތިލް ކަމެއްގެ މައްޗަށް ތަރުތީބު ވެގެން އަންނަ ކޮންމެ ކަމަކީ ބާތިލް ކަމަކަށްވާނެތީ، އެ އަމުރުގެ މައްޗަށް ބިނާ ކުރައްވައިގެން ކުރި ތަހުގީގަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލް ކޯޓަށް ފޮނުވި މައްސަލައަކީ ވެސް ބާތިލްކަމުގެ ތެރެއަށް ތަރުތީބު ވެގެންދާނެ ކަމެއް،" ވައްޑެ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ މާދަމާ އެފަދަ ކަމެއް ހިނގުމުގެ ފުރުސަތެއް އޮވެދާނެ ކަމަކަށް. އެކަމަކު ކަން ހިނގާނެ ގޮތެއް ބަލަން ތިބެމާ،" ވައްޑެ ވިދާޅުވި އެވެ.

ހިސާން އިތުރަށް ވިދާޅުވީ ހައި ކޯޓުގެ ހުކުމަށް މަރުހަބާ ކިޔާ ކަމަށާއި އެ ނިންމުމުގެ ސަބަބުން އިތުރު ހިތްވަރެއް ރައްޔިތުންނަށް ލިބިގެން ގޮސްފައިވާ ކަމަށެވެ. އެ ނިންމުމާ އެކު އެ މައްސަލާގައި ފުލުހުން އަމަލުކުރި ހުރިހާ އިޖްރައާތުތަކެއް ބާތިލްވީ ކަމަށާއި އެއީ އޮޅުމަކުން ކުރި ކަމެއް ވިޔަސް ނުހައްގު ގޮތެއްގައި މީހަކު ބަންދު ކުރުމުގެ ޒިންމާ ފުލުހުން އުފުލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން އެގޮތަށް ދިމާވަނީ ގާނޫނުތައް ނުބަލައި، އަމަލުކުރާތީ ކަމަށް ހިސާން ވިދާޅުވި އެވެ.

"ދިމާވާ މައްސަލައަކީ ބައެއް ޒާތުގެ ކަންކަން ކުރައްވަން އެ ބޭފުޅުން ބޭނުންފުޅުވެ ވަޑައިގަންނަވާލެއް ބޮޑުކަމުން އަވަސް އަރުވާލައިގެން، ގާނޫނުތައް ނުބައްލަވައި، އިޖްރައާތުތަކަށް ތަބާނުވެ މިކަންތައްތައް ކޮށްލުން." ހިސާން ވިދާޅުވި އެވެ.

ގާސިމްގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން އުފުލާފައިވާއިރު އެ ތިން މައްސަލައިގެ ޝަރީއަތް ވެސް މާދަމާ ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.