ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުންތަކެއް. އިމާރާތް ކުރުމުގެ ބިލު މަޖިލިހުން ފާސް ކުރީ ބިލު ހުށަހެޅި ގޮތާ ހިލާފަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި. - ފޮޓޯ: މަޖިލިސް
12 އެޕްރީލް 2017 - 22:03
އިމާރާތް ކުރުމުގެ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މަޖިލިހުން މިރޭ ފާސްކޮށްފި އެވެ.
ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި ބިލުގައި އޮތް ގޮތުން، އިމާރާތް ކުރުމުގެ ގަވާއިދާ ހިލާފުވެގެން 5،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ކަނޑައަޅައިފަ އެވެ. ނަމަވެސް ގައުމީ ތަރައްގީ ކޮމެޓީން ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 2،500ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމައިފަ އެވެ.
މަޖިލިހުގައި މިރޭ ބޭއްވި ޖަލްސާގައި ގައުމީ ތަރައްގީ ކޮމެޓީން ހުށަހެޅި ރިޕޯޓު ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު މެމްބަރުން ވަނީ މި ވޯޓުގައި ބައިވެރިވެވަޑައިނުގެން މަޖިލިސް ޖަލްސާ ބޮއިކޮޓް ކުރައްވައިފަ އެވެ.
އިމާރާތް ކުރުމުގެ ބިލަށް އިދިކޮޅު މެމްބަރުން ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އެ ގޮތުން ބިލުގައި އިމާރާތް ކުރުމުގެ ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާތީ އާއި ބިލު އަވަސް އަރުވާލައިގެން ފާސް ކުރަން އުޅޭތީ އެ މެމްބަރުން ފާޑު ވިދާޅުވި އެވެ. އިމާރާތް ކުރުމުގެ ބިލަކީ މަޖިލިހަށް މިއަދު ހުށަހަޅައި، ގައުމީ ތަރައްގީ ކޮމެޓީ އަށް ފޮނުވި ބިލެކެވެ.
ބިލުގައި އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޓޫރިޒަމަށް ދޫކުރެވޭ ރަށްރަށާއި ފަޅުތަކުގައި ކުރާ އިމާރާތް ކުރުމުގެ މަސައްކަތާއި އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅުމުގެ ބޭނުމަށް އެއް ފްލޯ އަށް ވުރެ އުސް ނޫން އިމާރާތްތަކުގައި ކުރެވޭ މަސައްކަތްތައް ހިމެނެ އެވެ.
ބިލުގައި މިހާރު އޮތް ގޮތުން ހުއްދަ ނުހޯދައި އިމާރާތް ކުރާނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި އެ ފަރާތެއް 5،000ރ. އާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ ފަރާތަކުން ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް އަންގައި ކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު މިނިސްޓްރީ އަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި މިނިސްޓްރީގެ އެންގުމަށް ހުއްޓާނުލައި ކުރިއަށް ގެންދާނަމަ، އެކަމަށް ހޭދަވާ ކޮންމެ ދުވަހަކަށް ޖޫރިމަނާ ކުރި އަދަދުގެ ތިން ޕަސަންޓު ޖޫރިމަނާގެ އަދަދަށް އިތުރު ކުރެވޭނެ އެވެ.
މީގެ އިތުރުން އިމާރާތެއް ބޭނުންކުރާ ފަރާތުން އެތަނަކަށް ދޫކޮށްފައިވާ ހުއްދައާ ހިލާފަށް އެތަނެއް ނުވަތަ ތަނެއްގެ ބައެއް ނެގުމަކީ ނުވަތަ ބަދަލު ކުރުމަކީ ނުވަތަ ބަންދުކުރުމަކީ ނުވަތަ ހުރަހެއް ކުރިމަތިވާ ފަދަ އެނޫން ވެސް ކަމެއް ކުރުމަކީ މަނާ ކަމެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި އެއާ ހިލާފުވާ ފަރާތެއް 5،000ރ. އާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެކަން ތަކުރާރުކުރާ ކޮންމެ ދުވަހަކަށް ޖޫރިމަނާ ކުރި އަދަދުގެ ތިން ޕަސަންޓު ޖޫރިމަނާ ކުރެވޭނެ އެވެ.
ބިލުގައި ބުނާ ގަވާއިދުތަކާ ހިލާފަށް އަމަލު ކުރާނަމަ، ގަވާއިދާ ހިލާފުވި ފަރާތެއް 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ ފަދަ ކަމެއް ތަކުރާރުކުރާ ކޮންމެ ދުވަހަކަށް ޖޫރިމަނާ ކުރި އަދަދުގެ ތިން ޕަސަންޓު އިތުރަށް ޖޫރިމަނާ ކުރެވޭނެ އެވެ.
ހަމައެއާކު، އިމާރާތް ކުރުމުގެ ތެރޭގައި މީހަކަށް ނުވަތަ މުދަލަކަށް އިމާރާތަކަށް ނުވަތަ ވަށައިގެންވާ ވެއްޓަކަށް ގެއްލުމެއްވާނެ ގޮތަށް މަސައްކަތްކޮށްފިނަމަ، ކަމުގެ ބޮޑުމިނަށް ބަލައި 5،000ރ. އާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. އަދި އިސްލާހުނުކޮށް ތަކުރާރު ކުރާ ކޮންމެ ދުވަހަކަށް ޖޫރިމަނާ ކުރި އަދަދުގެ ތިން ޕަސަންޓު އިތުރަށް ޖޫރިމަނާ ކުރެވޭނެ އެވެ.
ބިލުގައި އޮތް ގޮތުން އިމާރާތްކުރުމުގެ ދާއިރާއާ ގުޅުން ހުރި ހުރިހާ ފަރާތްތަކެއް ކަމާ ގުޅޭ މިނިސްޓްރީގައި ރަޖިސްޓްރީ ކުރަން ޖެހެ އެވެ. އަދި ރަޖިސްޓްރީ ނުކުރާ ފަރާތްތައް 2،500ރ. އާއި 250،000ރ. އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ރަޖިސްޓްރީ ކުރުމުގެ ބޭނުމަށް އެ ފަރާތަކުން ދީފައިވާ މައުލޫމާތު ބަދަލު އައުމުން، އެކަން ނާންގާ ހުރުމަކީ ވެސް މަނާ ކަމެކެވެ. އެފަދަ ފަރާތެއް 2،500ރ. އާއި 50،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އިމާރާތް ކުރުމުގެ ދާއިރާއާ ގުޅޭ ގޮތުން މިނިސްޓަރު ލަފާ ދިނުމަށް ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް ބިލްޑިން އެންޑް ކޮންސްޓްރަކްޝަން ބޯޑުގެ ނަމުގައި ބޯޑެއް އުފައްދަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ އެއް މަސް ތެރޭގައި ކަމާ ގުޅޭ ގަވާއިދުތައް ހަދައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ޖެހެ އެވެ. މި ގާނޫނަށް އަމަލު ކުރަން ފަށާނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ތާރީހުން ފެށިގެން ހަމަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
ސައުދުﷲ ހުށަހެޅުއްވި އިމާރާތް ކުރުމުގެ ބިލަކީ 2015 ގެ ތެރޭގައި ވެސް މަޖިލިހަށް ހުށަހެޅި ބިލެކެވެ. ނަމަވެސް މިދިޔަ އަހަރު މަޖިލިހުން ވަނީ އެ ބިލު ފާސްނުކޮށް ބޭރުކޮށްލައިފަ އެވެ. ބިލު އަލުން ހުށަހެޅި އިރު ވެސް އޮތީ ކުރިން ހުށަހެޅި ގޮތާ ދާދި އެއްގޮތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
13 April 2017
ގަވާއިދާ ޚިލާފަށް އިމާރާތްތައްކުރޭ. ހުރިހާ ގެއްލުމެއް ނިކަމެތިންނަށް. ގަވާއިދާ ޚިލާފަށް ހަދާއިރުވެސް އަޅާނުލާނީ ސޯސަލް ހައުސިން އާ ދިގުމުއްދަތަށް ހަދާތަންތަން. މީ ސަރުކާރަށް ތާއީދުކުރާ މުއްސަނދިންނަށް ހުޅުވާދިން ފުރުސަތެއް.
ނިމޮ
13 April 2017
މަގައް ދިމާކޮށްގެން ތަށިމުށި ކެފުމް މީ ބޮޑުވެއްޖެ އުނދަގުލެއް. ކޮންފަރާތަކުންތޯ ށަކުވާ ބައްލަވަނި
ދދ
13 April 2017
މީހަމަ ފައިސާ ހޯދަން ކުރާކަމެއް
ސީދި
13 April 2017
އަނެއްކާވެސް ކުލިތައް ޖެހިލާނެ އުތަ...
ދުންމާރި
13 April 2017
އިދިކޮޅު މީހުން ވީމަ ހަމަކޮންމެކަމަކަށް ވެސް އިދިކޮޅުހަދަން ވާނެތާ ހަގީގޓުގަ މިބިލަކީ ވަރަށް މުހިންމު ބިލެއް
ދުންމާރިގެ ބަފާ
13 April 2017
ކަލެއަށްދޯ އިނގެނީ.ކަލޭ ދެކުނިންތަ ސިމެންތި ކޮތަޅެއް؟؟
ނަގައުކޯ އަކަޝީމޯ
13 April 2017
މިބިލު އަވަސްއަރުވާލައިގެން ފާސްކުރުމުގެ ސިއްރެއް އޮންނާނެ، މިސަރުކާރުން މިކަންކަން ކުރަނީ..... ކުށްވެރިވެދާނެ ދެން އިތުރަށް ލިޔެފިއްޔާ، ރ.ޔާމީން ރަގަޅު 2018 ކަށަވަރު
ބުލްބުލް
12 April 2017
ބުނާނެ އެއްޗެއް ނެތް.
ާާމުލީ ހަސްނާ
12 April 2017
ޖުރުމައިނާ އިން ގައުމު ހިންގުމަށް ދަންނަ އެކޮނަމިސްޓް އެއް ވެރިކަމުގާ.....
ފެނޭދޯ
12 April 2017
ކޮބާ ޓްވިޓަރޭ. ދެން ތަމެންގެ ކިއްލި ތަޅާ ގްރޫޕްގެ މީހުން ޖެހޭނީ މަހަށް ދާން.
ޖޯޖް
12 April 2017
ކިއްލިތަޅަން ދާންޖެހޭނީ ދަރުބާރު ކޯލިޝަނުން
ބޯގޯސް
13 April 2017
ހަމަ ކަލެއާ ކަލޭގެ އާއިލާ އަށްވެސް މިކަމުގެ އަސަރު ކުރާނެ.