އިމާރާތް ކުރުމުގެ ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އިމާރާތް ކުރުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.
ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި އެ ބިލަކީ 2015 ގެ ތެރޭގައި ވެސް މަޖިލިހަށް ހުށަހެޅި ބިލެކެވެ. ނަމަވެސް މިދިޔަ އަހަރު މަޖިލިހުން ވަނީ އެ ބިލު ފާސްނުކޮށް ބޭރުކޮށްލައިފަ އެވެ. ބިލު އަލުން ހުށަހެޅި އިރު ވެސް އޮތީ ކުރިން ހުށަހެޅި ގޮތާ ދާދި އެއްގޮތަކަށެވެ.
ބިލުގައިވާ ގޮތުން އިމާރާތް ކުރުމަށާއި އިމާރާތް ބޭނުން ކުރުމަށް ހުއްދަ ދޫކުރަން ވާނީ ގާނޫނުގެ ދަށުން ހަދާ އިމާރާތްކުރުމުގެ ގަވާއިދާއި އިމާރާތްކުރުމާ ބެހޭ އިދާރީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ހުއްދަ ހޯދުމަކާ ނުލައި އެއްވެސް ފަރާތަކުން އިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާ ކަމެކެވެ. އިމާރާތް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކާއި ތަފްސީލްތަކާއި އިމާރާތްތައް ހުންނަންވާނީ ބިލްޑިން ކޯޑާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ހުއްދަ ނުހޯދައި އިމާރާތް ކުރާނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި އެ ފަރާތެއް 50،000ރ. އާއި 1،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި އެ ފަރާތަކުން ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް އަންގައި ކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު މިނިސްޓްރީ އަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި މިނިސްޓްރީގެ އެންގުމަށް ހުއްޓާނުލައި ކުރިއަށް ގެންދާނަމަ، އެކަމަށް ހޭދަވާ ކޮންމެ ދުވަހަކަށް ޖޫރިމަނާ ކުރި އަދަދުގެ ތިން ޕަސަންޓު ޖޫރިމަނާގެ އަދަދަށް އިތުރު ކުރެވޭނެ އެވެ.
ހުއްދަ ހޯދުމަކާ ނުލައި މަސައްކަތް ކުރެވޭނެ ހާލަތްތައް:
- ދިމާވާ ކުއްލި ހާލަތެއްގެ ސަބަބުން އިމާރާތް ކުރުން
- މީހެއްގެ ފުރާނައަށް ރައްކާތެރިކަން ދިނުމަށް
- މީހެއްގެ މުދަލަށް ގެއްލުމެއް ލިބިދާނެ ހާލަތަކުން ސަލާމަތް ކުރުމަށް
- ގުދުރަތީ ކާރިސާއަކުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް
ބިލުގައި އޮތް ގޮތުން އިމާރާތްކުރުމުގެ ދާއިރާއާ ގުޅުން ހުރި ހުރިހާ ފަރާތްތަކެއް ކަމާ ގުޅޭ މިނިސްޓްރީގައި ރަޖިސްޓްރީ ކުރަން ޖެހެ އެވެ. އަދި ރަޖިސްޓްރީ ނުކުރާ ފަރާތްތައް 10،000ރ. އާއި ފަސްލައްކަ ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ރަޖިސްޓްރީ ކުރުމުގެ ބޭނުމަށް އެ ފަރާތަކުން ދީފައިވާ މައުލޫމާތު ބަދަލު އައުމުން، އެކަން ނާންގާ ހުރުމަކީ ވެސް މަނާ ކަމެކެވެ. އެފަދަ ފަރާތެއް 5000ރ. އާއި ބައިލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
މީގެ އިތުރުން އިމާރާތެއް ބޭނުންކުރާ ފަރާތުން އެތަނަކަށް ދޫކޮށްފައިވާ ހުއްދައާ ހިލާފަށް އެތަނެއް ނުވަތަ ތަނެއްގެ ބައެއް ނެގުމަކީ ނުވަތަ ބަދަލު ކުރުމަކީ ނުވަތަ ބަންދުކުރުމަކީ ނުވަތަ ހުރަހެއް ކުރިމަތިވާ ފަދަ އެނޫން ވެސް ކަމެއް ކުރުމަކީ މަނާ ކަމެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި އެއާ ހިލާފުވާ ފަރާތެއް 5000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެކަން ތަކުރާރުކުރާ ކޮންމެ ދުވަހަކަށް ޖޫރިމަނާ ކުރި އަދަދުގެ ތިން ޕަސަންޓު ޖޫރިމަނާ ކުރެވޭނެ އެވެ.
ބިލުގައި ބުނާ ގަވާއިދުތަކާ ހިލާފަށް އަމަލު ކުރާނަމަ، ގަވާއިދާ ހިލާފުވި ފަރާތެއް 15،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ ފަދަ ކަމެއް ތަކުރާރުކުރާ ކޮންމެ ދުވަހަކަށް ޖޫރިމަނާ ކުރި އަދަދުގެ ތިން ޕަސަންޓު އިތުރަށް ޖޫރިމަނާ ކުރެވޭނެ އެވެ.
ހަމައެއާކު، އިމާރާތް ކުރުމުގެ ތެރޭގައި މީހަކަށް ނުވަތަ މުދަލަކަށް އިމާރާތަކަށް ނުވަތަ ވަށައިގެންވާ ވެއްޓަކަށް ގެއްލުމެއްވާނެ ގޮތަށް މަސައްކަތްކޮށްފިނަމަ، ކަމުގެ ބޮޑުމިނަށް ބަލައި ބައިލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. އަދި އިސްލާހުނުކޮށް ތަކުރާރު ކުރާ ކޮންމެ ދުވަހަކަށް ޖޫރިމަނާ ކުރި އަދަދުގެ ތިން ޕަސަންޓު އިތުރަށް ޖޫރިމަނާ ކުރެވޭނެ އެވެ.
ބިލުގައި އޮތް ގޮތުން އިމާރާތް ކުރުމުގެ ހުއްދަ ދޫކުރުމަށްފަހު، އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދުގައިވާ ގޮތުގެ މަތިން އިމާރާތުގެ މަސައްކަތް ފެށުމަށް ކަނޑައަޅާފައިވާ މުއްދަތުގައި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ނުފަށައިފިނަމަ، އެ ހުއްދަ ބާތިލްވާނެ އެވެ.
އިމާރާތް ކުރުމުގެ ދާއިރާއާ ގުޅޭ ގޮތުން މިނިސްޓަރު ލަފާ ދިނުމަށް ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް ބިލްޑިން އެންޑް ކޮންސްޓްރަކްޝަން ބޯޑުގެ ނަމުގައި ބޯޑެއް އުފައްދަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަސް ތެރޭގައި އިމާރާތް ކުރުމާ ގުޅޭ ގަވާއިދުތައް ހަދައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ޖެހެ އެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑުގައި ތިއްބަވަނީ މިނިސްޓަރު ކަނޑައަޅުއްވާ ދެ މެމްބަރަކާއި އިމާރާތް ކުރުމާ ގުޅޭ ފަންނީ ލަފާދޭ ފަރާތްތަކުގެ ތެރެއިން ދެ ދާއިރާ ތަމްސީލް ކުރާ ދެ މެމްބަރަކާއި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތައް ތަމްސީލް ކުރާ މެމްބަރަކާއި ގާނޫނީ ދާއިރާ އިން މެމްބަރަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އައްޔަން ކުރާ މެމްބަރެކެވެ. ބިލުގައި ބުނާ ގޮތުން ބޯޑަށް މެމްބަރުން އައްޔަންކޮށް ވަކި ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.