މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ ބަޔާންތަކުގައި ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މެންބަރުންގެ ތެރެއިން މިހާތަނަށް ސުޕްރީމް ކޯޓުން މައްސަލަ ނުނިމި ތިއްބެވި އަށް މެމްބަރުންގެ ބަޔާންތަކުގައި ވަކީލުން އިއްޔެ ސޮއިކުރައްވައިފި އެވެ.


އެހެންވެ މި މައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުމެވެ. ދެ މަހަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އާދީއްތަ ދުވަހަށް ތާވަލްކޮށްފައި ވާއިރު ހުރިހާ މެންބަރުންނާ އެކު ޖަލްސާ ބޭއްވުމުގެ މުހިންމުކަން ބޮޑުކަން ފާހަގަކުރައްވައި، މެންބަރުންގެ މައްސަލަތައް އަވަހަށް ނިންމަވައިދެއްވުމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ. އަދި މަޖިލީހުގެ ޖަލްސާތައް ފަށާއިރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ވެރިކަންކުރާ ޕީޕީއެމް ދޫކޮށް، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންނެވި މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާޔަތްކޮށެވެ.

ނަމަވެސް، އެ ހުރިހާ މެމްބަރުންނަކީ ހުކުމުގެ ކުރިން ޕީޕީއެމުން ވަކިވާން ސިޓީ ފޮނުވާފައި ތިއްބެވި ބޭފުޅުން ކަމަށް ވިޔަސް، އިލެކްޝަންސް ކޮމިޝަނުން ނިންމީ އެ ބޭފުޅުން ޕާޓީން ވަކިވީ ހުކުމުގެ ފަހުން ކަމަށެވެ. އެހެންވެ، އެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރެ އެވެ.

މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި މެމްބަރުން. މީގެތެރެއިން ބައެއް މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި. --- އަހުމަދު ނިޝާތު/ މިހާރު

އެކަމަކު އެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ ކުރިން، މެމްބަރުން ވަނީ ޕީޕީއެމުން ވަކިވާން އެދި ސިޓީ ފޮނުވައިފަ އެވެ.

ސިޔާސީ ޕާޓީގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތަށް އަމަލު ކުރެއްވުމުގެ ސަބަބުން ގޮނޑި ގެއްލެން ޖެހޭ ސަބަބެއް ނެތް ކަމަށް މެމްބަރުން ގަބޫލު ކުރައްވަ އެވެ.

ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅަން އަށް މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ވަނީ ނިންމާލައިފަ އެވެ. އެހެންވެ، އެ މައްސަލަތަކުގައި ވެސް ދެން އޮންނާނީ ހުކުމް އިއްވުމެވެ. އެކަމަކު، ހުކުމް އިއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މެމްބަރުންގެ މައްސަލަތައް ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިމަހު ވަނީ ހުކުމްކޮށްފަ އެވެ. އެއީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ އެވެ.

ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އަނެއް އަށް މެމްބަރުންނަކީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނެވެ.