12 މެމްބަރުންގެ ގޮނޑި ވެސް ލިބިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ސޮއިކުރި 12 މެމްބަރަކު މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ކަނޑައެޅުން ސުޕްރީމް ކޯޓުން މިއަދު ބާތިލް ކުރުމުން، އެ 12 މެމްބަރުންނަށް ވެސް މަޖިލީހަށް ވަނުމުގެ ފުރުސަތު ތަނަވަސް ވެއްޖެ އެވެ.


މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް ފޮނުވީ ޖުލައި 3، 2017ގަ އެވެ. އެއީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތަށް ވުރެ ވެސް ގިނަ އަދަދެއްގެ މެމްބަރުން ކަމަށްވާތީ، އެ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރުމުގެ ކުރިން، އޭގެ ތެރެއިން ބައެއް މެންބަރުން މަޖިލީހުން ވަކި ކުރުމަށް ސަރުކާރުން ނިންމި އެވެ. އެއީ އެފަދަ މައްސަލަތައް މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާ ކަމަށް ބަލައި، އެ މައްސަލަ އެޖެންޑާ ނުކޮށް ބޭރު ކޮށްލުމެވެ.

އެހެންކަމުން، މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުން ވަކިވާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުގެ ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ. ބަންޑާރަ ނައިބުގެ އެދުމަށް ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމްގައި ބުނެފައިވަނީ، ޖުލައި 13، 2017ގެ ފަހުން، މަޖިލީހުގެ އެއްވެސް މެމްބަރަކު އެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި ޕާޓީން އެއްވެސް ގޮތަކުން ވަކިވެގެން އެކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އެންގުމާ އެކު، އެ މެމްބަރަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވީ ކަމަށެވެ.

ސުޕްރީމް ކޯޓުން އެ ހުކުމް ކުރި އިރު، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރެއްވި ޕީޕީއެމްގެ ހުރިހާ މެމްބަރުން ތިއްބެވީ ޕާޓީން ވަކިވެފަ އެވެ. ނަމަވެސް އެ މެންބަރުންގެ ސޮއި އަނބުރާ ގެންދިއުމަށް ޕީޕީއެމުން ފުރުސަތު ދިނުމުން ސޮއި އަނބުރާ ގެންދެވީ އެންމެ ދެ މެމްބަރުންނެވެ. ސޮއި ނުގެންދެވި މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު ވަކިވީ ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި ވަކިކުރުމުންނެވެ. އަނެއް ނުވަ މެންބަރުން ވަކިވީ އަމިއްލަ އަށް އެދިގެންނެވެ.

ސޮއި އަނބުރާ ގެންދަވައި އަލުން ޕާޓީގައި ދެމިތިއްބެވި ދެ މެމްބަރުންނަކީ، މަހިބަދޫ ދާއިރާގެ އަހްމަދު ތޯރިގާއި އިސްދޫ ދާއިރާގެ އަހްމަދު ރަޝީދު (ގާރީ ރަޝީދު) އެވެ.

ޖުލައި 13، 2017 ގެ ކުރިން އަމިއްލަ އަށް ޕީޕީއެމް ދޫކޮށްލި ނުވަ މެމްބަރުންނަކީ، ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހެވެ.

ޖުލައި 13، 2017ގެ ކުރިން ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރި ތިން މެންބަރުންނަކީ، ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.

އެ 12 މެމްބަރުން، ޖުލައި 13، 2017 ގެ ކުރިން ޕާޓީން ވަކިވެފައި ވިޔަސް، އިތުބާރު ނެތް ކަމުގެ މައްސަލަ އިން މަސީހު ސަލާމަތް ކުރުމަށްޓަކައި، ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޕީޕީއެމާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ނިންމީ، އެ 12 މެމްބަރުން މަޖިލީހުން ވަކިވެއްޖެ ކަމަށް ކަނޑައެޅުމަށެވެ.

އެހެން ކަމުން އެ 12 މެމްބަރުން ވެސް ޕާޓީން ވަކިކުރީ، ޖުލައި 13، 2017ގެ ފަހުން ކަމަށް ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން، ސުޕްރީމް ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް، އެ 12 މެމްބަރުން މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގި އެވެ.

އިލެކްޝަންސްގެ އެ ނިންމުމަށް ރިއާޔަތް ކޮށް، އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ އަކީ، އެފަދަ މައްސަލައެއް ހުށަހެޅުމަށް ބޭނުންވާ ގާނޫނީ އަދަދަށް (42 މެމްބަރުން) ސޮއިކޮށްފައިވާ މައްސަލައެއް ނޫން ކަމަށް މަޖިލީހުގެ ރައީސް މަސީހު ކަނޑައަޅައި އެ މައްސަލަ ބޭރުކޮށްލީ އެވެ.

އޭގެ ފަހުން އެ 12 މެމްބަރުން ކުރެ އެއްވެސް މެމްބަރަކަށް މަޖިލީހަށް ނުވަދެވެ އެވެ.

އެ މައްސަލައިގައި ނިހާއީ ހުކުމެއް އިއްވައިދިނުމަށް އެ މެންބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން، އެ މައްސަލަތައް އެ މެމްބަރުންނާ އެއްކޮޅަށް ނިންމައިދޭން ފެށީ، މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިއާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ބޮޑު ތަފާތަކުން ނާކާމިޔާބުވެފައި ވަނިކޮށް، އޮކްޓޫބަރު 8 ވަނަ ދުވަހު އެވެ.

އެ ދުވަހު އެންމެ ފުރަތަމަ ނިންމީ ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތުގެ މައްސަލަ އެވެ. އެ ހަތަރު މެމްބަރުން ވެސް މަޖިލީހުން ވަކިނުވާ ކަމަށް ނިންމުމަށް ފަހު، އަނެއް ހަތަރު މެމްބަރުންގެ މައްސަލަ ނިންމީ އިއްޔެ އެވެ.

އެ ހަތަރު މެމްބަރުންނަކީ ތިނަދޫ އުތުރު ދާއިރާގެ އަބްދުﷲ މުހައްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދު އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.

ބާރަ މެމްބަރުންގެ ތެރެއިން ބާކީ ތިއްބެވި ހަތަރު މެމްބަރުން ކަމަށްވާ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހްގެ އިތުރުން ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް މަޖިލީހުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މިއަދެވެ.