ތާރީޚީ ދުވަހެއް! 12 މެމްބަރުން އެކުގައި މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ނުދޭތާ ދޮޅު އަހަރެއްހާ ފަހުން، މަޖިލީހަށް ވެންނެވުމުގެ ފުރުސަތު، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަށް މިއަދު ފުރުސަތު ދީފި އެވެ. މިއީ، މަޖިލީހުގެ ތާރީޚުގައި ފާހަގަ ކުރެވޭނެ ދުވަހެކެވެ.


ޕީޕީއެމް ދޫކުރައްވައި އިދިކޮޅާ ގުޅިވަޑައިގެންނެވި މެމްބަރުންގެ މައްސަލަތައް އެ ޕާޓީން އެންމެ ފުރަތަމަ ބަލަން ފެށީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޖުލައި 3، 2017 ގައި މަޖިލީހަށް ހުށަހެޅި ފަހުންނެވެ. އެކަމަކު، ޕީޕީއެމުން މެމްބަރުންގެ މައްސަލަތައް ބަލަން ފެށި ފަހުން، 12 މެމްބަރުން ވަނީ ޕީޕީއެމުން ވަކިވުމަށް އެދި ޕާޓީއަށް ސިޓީ ފޮނުވައިފަ އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައެޅި 12 މެމްބަރުން. - ފޮޓޯ: މިހާރު

ނަމަވެސް، މަސީހްގެ މައްސަލަ އެޖެންޑާ ކުރުމުގެ ކުރިން، އޭގެ ތެރެއިން ބައެއް މެންބަރުން މަޖިލީހުން ވަކި ކުރުމަށް ސަރުކާރުން ނިންމި އެވެ. އެއީ އެފަދަ މައްސަލަތައް މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާ ކަމަށް ބަލައި، އެ މައްސަލަ އެޖެންޑާ ނުކޮށް ބޭރު ކޮށްލުމެވެ.

އެހެންކަމުން، މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުން ވަކިވާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުގެ ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ. ސުޕްރީމް ކޯޓުން ހުކުމް އައީ، މެމްބަރުން ޕީޕީއެމުން ވަކިވި ފަހުންނެވެ.

ބަންޑާރަ ނައިބުގެ އެދުމަށް ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމްގައި ބުނެފައިވަނީ، ޖުލައި 13، 2017ގެ ފަހުން، މަޖިލީހުގެ އެއްވެސް މެމްބަރަކު އެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި ޕާޓީން އެއްވެސް ގޮތަކުން ވަކިވެގެން އެކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އެންގުމާ އެކު، އެ މެމްބަރަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވީ ކަމަށެވެ.

އިދިކޮޅު މެމްބަރުންތަކެއް މަޖިލީހަށް ވެންނެވުމަށް މީގެ ކުރިން މަސައްކަތް ކުރެއްވުމުން، ފުލުހުން ހުރަސް އަޅަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަމަވެސް ހުކުމުގެ ފަހުން ޕީޕީއެމުން ވަނީ މެމްބަރުންގެ މައްސަލަތައް ސުލޫކީ ކޮމިޓީއަށް ހުށަހަޅައިގެން، މެމްބަރުން ޕާޓީން ވަކި ކުރި ކަމަށް ބުނެފަ އެވެ. އަދި ޕީޕީއެމުން އެދިގެން، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ މެމްބަރުންގެ ގޮނޑި ގެއްލުވާލައިފަ އެވެ. އެހެންވެ، އޭގެ ތެރެއިން ގިނަ އަދަދެއްގެ މެމްބަރުންނަށް މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މަޖިލީހަށް ނުވަދެވެ އެވެ.

އެކަމަކު، 12 މެމްބަރުން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ކުރި ދައުވާއާ ގުޅިގެން ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ މެމްބަރުންނާ އެއްކޮޅަށެވެ.

ތިމަރަފުށީ ދާއިރާގެ މުސްތަފާ (ކ) އާއި ވިލުފުށީ ދާއިރާގެ ރިޔާޒް.

އެއީ މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދަނގެތި ދާއިރާގެ އިލްހާމް އަހުމަދާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު (އަބުޅޯ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިނާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.

މީގެ ތެރެއިން ބައެއް މެމްބަރުން ވަނީ ސަރުކާރަށް ފާޑުވިދާޅުވެގެން، އެކި ތުހުމަތުތަކުގައި ޖަލުގައި ވެސް ދުވަސްތަކެއް ހޭދަ ކުރައްވައިފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަކުރެއްވި މެމްބަރުންގެ ތެރޭގައި ސިނާނާއި އިލްހާމާއި މުހައްމާ އާއި ސައުދާއި ވައްޑެ އާއި ލަތީފް އާއި އަމީތު ފަދަ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

ސައުދުﷲ ކުރެއްވި ޓުވީޓު.

އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމުގެ ބަހުސް ކުރައްވައި އިލްހާމް ވިދާޅުވީ ޖަލުގައި ހޭދަކުރެއްވި އަށް މަސް ދުވަހަކީ ވަރަށް ބޮޑެތި ތަކުލީފްތަކެއް އުފުލަން ޖެހުނު ދުވަސްތަކެއް ކަމަށެވެ. އަދި މިއަދު އެ ބޭފުޅުންގެ ގޮނޑި ލިބުނު އިރު، ރައީސް އަބްދުﷲ ޔާމީންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލްހާމް ވިދާޅުވި އެވެ.

މެމްބަރު އިލްހާމް ކުރެއްވި ޓުވީޓު.

"މިތިބީ މަޖިލީހަށް ވަދެފައި. ބޭނުންހާ އެއްޗެއް ދެން ނުހެދޭނެ،" އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވި ގޮތުގައި އޭނާ އާއި ސިނާން ރާއްޖެ އިން ބޭރުގައި އުޅުއްވި އިރު، ރާއްޖެ ވަޑައިނުގަތުމަށް އިންޒާރު ދެއްވި އެވެ. އަދި ރާއްޖެ ވަޑައިގެންފި ނަމަ، ޖަލަށް ދާން ޖެހޭނެ ކަމަށް ބުނެ، އިންޒާރު ދިނަސް، އެކަމާ ޖެހިލުންވެވަޑައިނުގެންނެވި ކަން ވެސް އިހްލާމް ފާހަގަކުރެއްވި އެވެ.

އިލްހާމް ވިދާޅުވީ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލަން މަޝްވަރާ ކުރި އެއް ތަނަކީ ރައީސް އޮފީސް ކަމަށެވެ. އެކަމާ ހެކިވާނެ މެމްބަރުން މަޖިލީހުގައި ތިއްބަވާނެ ކަމަށް އިލްހާމް ވިދާޅުވި އެވެ. އިދިކޮޅު 12 މެމްބަރުންނަށް މަޖިލީހަށް ދެން ނުވަދެވޭނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި ކަމަށް އިލްހާމް ވިދާޅުވި އެވެ.

ދޮޅު އަހަރެއްހާ ދުވަސް ފަހުން، 12 މެމްބަރުންނަށް މަޖިލީހަށް ވަދެވޭ ގޮތްވުމުން، މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވަނީ މިއަދުގެ ޖަލްސާ ފައްޓަވަމުން އެ މެމްބަރުންނަށް މަރުހަބާ ދަންނަވައިފަ އެވެ.