ޒައިދުގެ މައްސަލަ ނުބަލަން ނިންމުމުން މައުމޫންގެ ފާޑުވިދާޅުވުން އެޗްއާރުސީއެމަށް

ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ މައްސަލަ ބަލައި ދިނުމަށް އޭނާގެ އަންހެނުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށަހެޅުމުން އެކަން ނުބަލަން އެ ކޮމިޝަނުން ނިންމާފައިވާތީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ފާޑުވިދާވެއްޖެ އެވެ.


މިހާރު ދޫނިދޫގައި ހައްޔަރުކޮށްފައިވާ ޒައިދު އަށް ސިޔާސީ ތަފާތު ޕްރެޝަރުތައް ކުރިމަތިކުރަމުންދާތީ، އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ވާނެ ގޮތެއް ހަދައި ދިނުމަށާއި އެ މައްސަލައިގެ ތަހުގީގު އަވަސް ކޮށްދިނުމަށް އެދި ޒައިދުގެ އަންހެނުން ޝިޔާމާ މުހައްމަދު އެޗްއާރުސީއެމަށް ލީ ސިޓީގެ ޖަވާބުގައި އެ ކޮމިޝަނުން ބުނެފައި ވަނީ އެ މައްސަލަ އިތުރަށް ނުބަލާނެ ކަމަށެވެ. އަދި އެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެޗްއާރުސީއެމުން ވަނީ ޝިޔާމާ އަށް ލަފާދީފަ އެވެ.

އެޗްއާރުސީއެމުން ދިން މި ޖަވާބުގެ ލިޔުމާއެކު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މައުސޫމް މީހަކު ތިން މަސް ވަންދެން ހައްޔަރުކޮށްފައި ބެހެއްޓި ސަބަބު އެޗްއާރުސީއެމަށް ނުބެލޭނެ ނަމަ އެ ތަނުން ހިމާޔަތް ކުރަނީ ކޮން އިންސާނީ ހައްގެއްތޯ؟ އެވެ.

ވެރިކަން ކުރާ ޕީޕީއެމް ދެބައިވެ، މައުމޫންގެ ފެކްޝަނާ ގުޅިވަޑައިގެންނެވި ޒައިދު މިދިޔަ ޖެނުއަރީ މަހު ހައްޔަރުކޮށް ބަންދުގެ މުއްދަތު އަށް ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފަ އެވެ.

ޒައިދު މީގެ ކުރިން ވިދާޅުވީ އޭނާ އަށް ކުރަނީ އަސްލެއް ނެތް ތުހުމަތެއް ކަމަށާއި ބޭނުމަކީ މައުމޫން ހައްޔަރު ކުރެވޭ ފަދަ ބަޔާނެއް ހޯދުން ކަމަށެވެ. އޭނާއާ ސުވާލު ކުރަނީ ޕީޕީއެމްގެ ތެރޭގައި އުފެދުނު މައްސަލަތަކުގެ ތެރެއިން ގެއްލުނު ހާޑްޑިސްކާ ގުޅޭ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.

ބްލެއިކްމެއިލް ކުރަން އުޅުނީ ކާކު ކަމެއް ތުހުމަތުގައި މިހާތަނަށް ފުލުހުން ސާފުކޮށްދީފައި ނުވާ ކަމަށް ވެސް ޒައިދު ވިދާޅުވެފައި ވެ އެވެ. އޭގެ ބަދަލުގައި ސުވާލުކުރަނީ "ދައުލަތުގެ އެއްވެސް އިސް ވެރިއެއްގެ ގެއަށް ގޮސް އެ މީހަކު ދެއްކި ވާހަކަ ރެކޯޑު ކުރިންތޯ" ކަމަށް އޭނާ ވިދާޅުވި އެވެ.