ސްކޫލުގައި ބުލީކުރާތީ ކުއްޖަކު އަމިއްލަ އަށް މަރުވާން އުޅެފި

މާލޭގެ ސްކޫލެއްގައި "ބުލީންގެ ޝިކާރައަކަށް" ވި އަންހެންކުއްޖަކު އަމިއްލަ އަށް މަރުވާން ރޭ ލައްފިލުވާ ބުއިމުގެ ސަބަބުން ހާލު ދެރަވެ، ހޮސްޕިޓަލުގައި ފަރުވާދެމުން އެބަ ގެންދެ އެވެ.


އުމުރުން 14 އަހަރުގެ ދަރިވަރު ގޭގައި ލައްފިލުވާ ފުޅިއެއް ބޮއެގެން ފާޚާނާ ތެރެ އަށް ވެއްޓިފައި އޮއްވާ ފެނުނު އޭނާގެ މަންމަ ތުހުމަތުކުރާ ގޮތުގައި އެކުގައި ކިޔަވާ ކުދިން އެ ކުއްޖާ އަށް އެކި ކަހަލަ ގޯނާ ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

އައިޖީއެމްއެޗުގެ އިމަޖެންސީ ބައިގައި ފަރުވާ ދިނުމަށް ފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ އަންހެންކުއްޖާގެ ހާލު ސްޓޭބަލް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ މަންމަ ބުންޏެވެ.

"އަޅުގަނޑު ގަތް ގޮތަށް ބަހައްޓާފައި ހުރި ބޮޑު ސައިޒުގެ ލައްފިލުވާ ފުޅިއެއް އެއްކޮށް ބޯލައިގެން އޭނަ އަމިއްލަ އަށް މަރުވާން އުޅުނީ،" ތިން ކުދިންގެ މަންމަ ކިޔައިދިނެވެ.

"އަޅުގަނޑު އެކަމާ ރޮއެ ހަދައި ސުވާލުތައް ކުރަން ފެށީމަ އޭނަ ބުނީ ތިމަންނަ ސްކޫލަށް ނުދާން ވެގެން ކުރި ކަމެކޭ އެއީ."

ކުދިންގެ ބައްޕައާ ވަކިވި ފަހުން މިހާރު އެހެން މީހަކާ ކައިވެނިކޮށްގެން އުޅޭ އަންހެންމީހާ ބުނިގޮތުގައި މިއީ އޭނާގެ ދެވަނަ ދަރިފުޅު މިފަދަ ކަމެއް ކުރި ދެވަނަ ފަހަރެވެ. މިދިޔަ ފެބްރުއަރީ މަހު އަމިއްލަ އަށް އަތުގައި ކަޓަރު ވެސް އެޅި އެވެ. އެކަމަކު މާ ބޮޑަކަށް ޒަޚަމެއް ނުވެ އެވެ.

މާލޭގެ އެހެން ސްކޫލެއްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާ އަންހެންމީހާ ބުނީ ގްރޭޑް ނުވައެއްގައި ކިޔަވާ އެ ކުއްޖާ ސްކޫލަށް ނުދާން އެކި ކަހަލަ ބަހަނާތައް ދައްކާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި ސްކޫލަށް ނުދާ ދުވަސްތައް ގިނަވެ ހާޒިރީ ވަރަށް ބޮޑަށް ދަށްވުމުގެ އިތުރުން ކިޔެވުން ވެސް ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކޮށް އޭނާ ބުނީ ކްލާހުގައި އުޅޭ އެހެން ކުދިން ދަރިފުޅު ބާކީކޮށްލާތީ އާއި ބުލީކުރާތީ އޭނާ އުޅުނީ ވަރަށް ބޮޑަށް ދެރަވެ އަދި ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

"ކުދިން ބެހޭ ވާހަކަ ބުނީމަ، އަޅުގަނޑަށް ވެސް ބުނެވިފައި ހުރީ ދަރިފުޅު ހަމަ ހުއްޓާ ހެއްޔޭ ބެހުނީ، ދަރިފުޅު ކަމެއް ނުކޮށް ހުއްޓާ އެ ކުދިން ވެސް ކަމެއް ނުކުރާނެއެއް ނޫން ހެއްޔޭ،" އެ ކުއްޖާގެ މަންމަ ބުންޏެވެ.

"ކޮންމެވެސް ތަނަކަށް ތަދުވާތީއޭ ކިޔާފައި އަބަދުވެސް އުޅޭނީ ސްކޫލަށް ނުދާން. މިދިޔަ ހަފްތާ އިން ފެށިގެން ހަމަ އެއްގޮތަކަށް ވެސް ނުދާން އުޅޭތީ އަޅުގަނޑު ބުނީ، މާދަމާ (މިއަދު) ކޮންމެހެން ވެސް ޖެހޭނެއޭ ސްކޫލަށް ދާން، ވަރިހަމައޭ ކޮންމެ ތަނަކަށް ތަދު ވިޔަސް. ނޭވާ ހިއްލާ ކުއްޖެއް އެއީ. އަޅުގަނޑު ބުނިން ނޭވާ ހިއްލަންޏާ އިންހޭލާ ހިފައިގެން ވެސް ވާނީ ދާށޭ. އަޅުގަނޑު އެހެން ބުނީމަ މިއަދު ސްކޫލަށް ނުގޮސް ވާނެ ގޮތެއް ހަދަން ސުއިސައިޑަށް އޭނަ އެ ދިޔައީ."

އެ އުމުރުގެ އެހެން ކުދިންގެ އެވްރެޖް އިސްކޮޅަށް ވުރެ ކުރުކޮށް ހުންނާތީ ކުރިންސުރެ ވެސް އެހެން ކުދިން ދިމާކުރަމުން ގެންދިޔަ ދަރިވަރަށް ކުރިއަށް ވުރެ ބޮޑެތި ގޯނާތަކެއް ދިމާވާން ފެށީ، މަންމަ ކިޔައިދިން ގޮތުގައި، ކުދިންތަކެއްގެ އަޚުލާގީ މައްސަލަތަކެއް ރިޕޯޓްކުރި ހިސާބުންނެވެ. އަދި އެކަމުގައި ސްކޫލުގެ އިހުމާލު ވަރަށް ބޮޑު ކަމަށް އޭނާ ބުނެ އެވެ.

"އެ ކްލާހަކީ ވަރަށް ގޯސް ކަންތައްތައް ކުރާ ކުދިން އުޅޭ ކްލާހެއް. ކްލާސް ތެރޭގައި އިލެކްޓްރޯނިކް ޝީޝާ ބޮއެ، ފާޚާނާ ތެރެއަށް ކުދިން ވައްދައި ބިރުދައްކައިގެން ލާރި އަތުލާ އެބަ ހަދާ. އަޅުގަނޑުގެ ދަރިފުޅު މި ކަންކަން ލީޑިން ޓީޗަރަށް ރިޕޯޓްކުރީ، އެ ވާހަކަ ބުނީ އޭނާކަން ހާމަނުކުރަން ޝަރުތުކޮށްފައި. އެކަމަކު އެއްކަލަ ކުދިންނަށް އޮތީ އެނގިފައި، އޭނާކަން ބުނީ،" އަންހެންމީހާ ބުންޏެވެ.

"އޭގެ ފަހުން ވަރަށް ބޮޑަށް ޖައްސާލާފައި އެ ކުދިން ތިބެނީ. އަޅުގަނޑުގެ ދަރިފުޅު ހުންނަނީ ޑަސްބިނަކަށް ހަދާފައި. ފެން ބޮއެފައި ފުޅި އޭނަގެ ގަޔަށް އުކާނެ، އެއްޗެހި ކައިފައި ކަރުދާސް އުކާނެ. އޭނާ ފިލާވަޅު ހަދަން އިންދާ ފޮތުގެ ގަނޑު ކަނޑާލާނެ، ފޮތުގައި ކުރާހާލާނެ، ފޮތަށް ފެން އަޅާނެ. އަޅުގަނޑު މިދިޔަ އަހަރު ޓީޗަރެއް ކައިރީގައި މި ވާހަކަ ދެއްކިން. އެކަމަކު ފިޔަވަޅެއް ނާޅާ. މި އަހަރު ފެށުނީއްސުރެ މި ކަންތައް ބޮޑުވެގެން އެ ވާހަކަ ދައްކަން އަޅުގަނޑު ސްކޫލަށް ދާން އުޅޭ އިރަށް ދަރިފުޅު ބުނާނެ، މަންމަ ނުދައްޗޭ، ދިޔަޔަސް ވާނެ ކަމެއް ނޯންނާނެއޭ، ތިމަންނަ އަށް އަދި މާ ބޮޑުވަރު ކޮށްލާނެއޭ."

އޭނާ ބުނީ ދަރިފުޅު ހުރީ ޓީޗަރުންގެ ފަރާތުން ކޮންމެވެސް ކަހަލަ ހިމާޔަތެއް ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށާއި ނަމަވެސް ބުލީކުރުން ހުއްޓުވަން ސްކޫލުން ފިޔަވަޅެއް ނާޅާ ކަމަށެވެ.

"އަޅުގަނޑު މި ކަމުގައި ސްކޫލުގެ ޓީޗަރުން ވަރަށް ބޮޑަށް ކުށްވެރިކުރަން. މިހާރު ބޭނުން ވަނީ ދަރިފުޅު ސްކޫލުން ކަނޑާލަން،" އުމުރުން ފަސް އަހަރުގެ އޯޓިސްޓިކް ކުއްޖަކު ވެސް ހުންނަ މަންމަ ކިޔައިދިނެވެ.

"އޭނާގެ ފޮތަށް ކުދިންތަކެއް ފެން އަޅައިގެން އުޅެނިކޮށް ޓީޗަރަކަށް ފެނިގެން ފޮޓޯ ވެސް ނެގި ކަމަށްވޭ. އެކަމަކު އޭރުންސުރެ ވެސް އެޅުނު ފިޔަވަޅެއް ނެތް."

މިކަމާ ބެހޭ ގޮތުން ސްކޫލުގެ ޕްރިންސިޕަލްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ޑޮކްޓަރުންނާ ހަވާލާދީ އަންހެންމީހާ ބުނީ ދަރިފުޅަށް ފަރުވާދެމުން އަންނަނީ ހަށިގަނޑުން ލައްފިލުވާގެ އަސަރު ކަނޑުވާލަން ކަމަށެވެ.

"ފާހާނާ ތެރޭ އޮއްވާ ފެނިގެން ޖަހާ ތަޅުވައިގަތީމަ ކޮށިއަރާފައި ވަރަށް ކުޑަ އެތިކޮޅެއް ބޭރުވީ. ޑޮކްޓަރުން ބުނަނީ އޭނާ އުމުރުން ޅަވީމަ ޕަމްޕުކޮށްފިއްޔާ ގެއްލުންތަކެއް ލިބިދާނެއޭ. އެހެންވީމާ އައިވީ ގުޅައިގެން، ކެމިކަލްގެ ބާރު ކަނޑުވާލަން މަސައްކަތްކުރަނީ. އަދި ނޭނގެ ދޫކޮށްލާނެ އިރެއް،" އޭނާ ބުންޏެވެ.