ރިޔާޒްގެ ފޯނު ހުޅުވައި ދީފި، މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަނީ

ފުލުހުންނަށް ފޯނު ހުޅުވައި ނުދިން ކަމަށް ބުނެ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒަށް ކުރާ ދައުވާގެ ޝަރީއަތް ހިނގަމުން ދަނިކޮށް، އެ ފޯނު ރިޔާޒް މިރޭ ހުޅުވައި ދިނުމުން އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒްގެ މައްޗަށް "ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ" ދައުވާ ކުރަނީ ފުލުހުންގެ ތަހުގީގެއްގައި ރިޔާޒްގެ ފޯނު ހިފަހައްޓައި، އެ ފޯނު ހުޅުވައި ދޭން ފުލުހުން އެދުމުން އެކަން އޭނާ ނުކުރެއްވި ކަމަށް ބުނެ އެވެ.

އާންމުކޮށް ހުޅުވާ ނުލައި، މިރޭ ބޭއްވި ޝަރީއަތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރިޔާޒްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ، ފުލުހުންނަށް ފޯނު ހުޅުވައި ދިނުމުގެ ފުރުސަތު ރިޔާޒަށް އަދިވެސް އެބައޮތް ކަމަށް މިރޭގެ އަޑުއެހުމުގައި ގާޒީ ވިދާޅުވުމުން އެ ފުރުސަތުގެ ބޭނުން ހިއްޕަވައި، ފޯނުގެ ޕިން ކޯޑް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު އަންނަ އާދިއްތަދުވަހު ކޯޓުން ގޮތެއް ނިންމާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެންނެވިން ކުރިން ވެސް ނުބައި ނިޔަތެއް ނެތް ކަމަށް ކޯޕަރޭޓް ނުކުރުމަށް. އެހެންވީމަ އެ ފުރުސަތުގެ ބޭނުން ހިއްޕަވައި، އެ ޕިން ކޯޑް ފުލުހުންނާ މިރޭ ހަވާލު ކުރެވުނު. ދެން މި މައްސަލައާ މެދު ކުރިއަށް ގެންދަވާނެ ގޮތެއް އަންނަ އާދިއްތަދުވަހު ނިންމަވާނެ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުލާން ކުރައްވާފައި އޮތީ." ހިސާން ވިދާޅުވި އެވެ.

ރިޔާޒްގެ މައްޗަށް ދައުވާކުރާ މައްސަލައިގެ ޝަރީއަތަށް ކްރިމިނަލް ކޯޓަށް މިރޭ ވަދެވަޑައިގަތުމުގެ ކުރިން އާއިލާގެ ބޭފުޅުންނާއެކު ކޯޓުގެ ބޭރުގައި.---މިހާރު ފޮޓޯ: ނިޝާން އަލީ

ރިޔާޒް ވިދާޅުވީ އެ ދައުވާ އަކީ ގައުމުގެ ކަންކަން އިސްލާހު ކުރަން އިދިކޮޅު ލީޑަރުންނާ ގުޅިގެން އޭނާ މަސައްކަތް ކުރައްވަން ފައްޓަވާފައިވާތީ، އެކަން ހުއްޓުވަން ރައީސް އަބްދުﷲ ޔާމީން ކުރައްވާ މަސައްކަތްޕުޅެއް ކަމަށެވެ. މި ޒަމާނަކީ ސިޔާސީ މީހުން ދައްކާ ވާހަކަތަކާ ގުޅިގެން ތަހުގީގު ކުރަންޖެހޭ ޒަމާނެއް ނޫން ކަމަށާއި އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ރައީސް ޔާމީނަށް ހަޖަމް ނުވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގެންދެވީ ފުލުހުންނަށް އެއްބާރުލުން ދެއްވަމުންނެވެ. އަދި އަބަދުވެސް މަސައްކަތް ކުރައްވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ މައްސަލާގައި ފުލުހުން އަމަލުކުރީ ގަވާއިދުތަކާ ޚިލާފަށް ކަމަށާއި ދައުވާކުރީ ވެސް ތަހުގީގު ނިންމިކަން އޭނާ އަށް އެންގުމެއް ނެތި ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ފަންސަވީސް އަހަރު ވަންދެން ގާނޫނު ތަންފީޒު ކުރަން އުޅުނު މީހެއް އަޅުގަނޑަކީ. އަޅުގަނޑަކީ ގާނޫނު މުގުރާލައިގެން ކަންކަން ކުރާނެ މީހެއް ނޫން،" ރިޔާޒް ވިދާޅުވި އެވެ.

އެ މައްސަލާގައި މިރޭ އަޑުއެހުމެއް ބޭއްވީ އެ ދައުވާއަށް ޖަވާބުދާރީވުމަށް އަންނަ އާދިއްތަދުވަހާ ހަމައަށް ފުރުސަތު ދީފައި ވަނިކޮށެވެ. އެކަމަކު ފޯނު ހުޅުވައި ދިނުމުން އަންނަ އާދިއްތަދުވަހު އޮންނާނީ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމެވެ.

އެ މައްސަލާގައި ރިޔާޒް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ދައުލަތުން ކުރިން އެދުނެވެ. އެކަމަކު ގާޒީ އޭރު ނިންމެވީ ރިޔާޒް ބަންދުގައި ބެހެއްޓެން ނެތް ކަމަށެވެ.

ރިޔާޒްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އޭނާ އަށް ދައުވާކުރަނީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ އެވެ.