ގދ. ފިޔޯރީގެ އިންޖީނުގޭގައި މީގެ އިރުކޮޅެއް ކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަނުގެ މުވައްޒަފަކު މަރުވެއްޖެ އެވެ.
މިއަދުގެ ހުކުރު ނަމާދުގެ ވަގުތު ހިނގި މި ހާދިސާގައި މަރުވީ އިންޖީނުގޭގެ ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 26 އަހަރުގެ ނާޒިދު އަބްދުﷲ އެވެ. އިންޖީނުގޭގައި ރޯވިއިރު އެތަނުގައި އެވަގުތު ހުރީ އޭނާ އެކަނި ކަމަށް ވެ އެވެ.

"އަޅުގަނޑުމެން ވަދެ ބެލިއިރު މުޅި މީހާ އޮތީ އަނދާފައި. އޭނާ އޮތީ އިންޖީނު ކައިރި އަށް ވެއްޓިފައި،" ފިޔޯރީގެ ކައުންސިލް މެމްބަރު ސައީދު މުހައްމަދު ވިދާޅުވި އެވެ
އޭނާ ވިދާޅުވީ ހުކުރު ނަމާދު ނިމެން އުޅެނިކޮށް، އިންޖީނުގެ އިން ބާރު އަޑެއް އިވުނު ކަމަށެވެ.

"އިންޖީނުގޭގައި ރޯވެގެން އުޅޭކަން އެނގުނީ ނަމާދުން ފޭބުމުން. ނަމާދުން ފޭބި ގޮތަށް ގޮސް ވަރަށް އަވަހަށް އަލިފާންގަނޑު ނިއްވާލައިފި،" ސައީދު ވިދާޅުވި އެވެ.
މިހާރު އެ ރަށުން ވަނީ ކަރަންޓް ވެސް ކެނޑިފަ އެވެ.
މަރުވި ނާޒިދު އިންޖީނުގޭގައި މަސައްކަތްކުރާތާ މިހާރު ތިން އަހަރު ވެއްޖެ އެވެ.
ސައީދު ވިދާޅުވީ އިންޖީނުގޭގައި ހުރި ހަމައެކަނި ޖަނަރޭޓަރު މުޅިން ހަލާކުވުމުން ރަށަށް ކަރަންޓް ދޭނެ ގޮތެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެކަމަކު އިންޖީނުގެ ހިންގަމުން އަންނަ ފެނަކަ އިން ކުރި ޓްވީޓެއްގައި ބުނީ އިރުއޮއްސުމުގެ ކުރިން ކަރަންޓް ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ތަހުގީގުކުރަން ފުލުހުން ވަނީ އިންޖީނުގޭ ސަރަހައްދު ބަންދުކޮށްފައި،" ސައީދު ވިދާޅުވި އެވެ.
މި ހާދިސާ ހިނގި ސަބަބު އަދި ނޭނގުނު ނަމަވެސް ކައުންސިލުން ލަފާކުރަނީ ބެޓެރި ސެޓް ގޮވުން ސަބަބަކަށް ވެދާނެ ކަމަށެވެ.