ރާއްޖޭގައި ޓެރަރިޒަމް ހިންގަނީ ސިޔާސީ ކަންކަމާ ގުޅުވައިގެން: ޑިފެންސް މިނިސްޓަރު

ޓެރަރިޒަމްގެ އަމަލުތައް ރާއްޖޭގައި ގިނައިން ހިންގާފައި ވަނީ ސިޔާސީ ކަންކަމާ ގުޅިގެން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.


ސިފައިންގެ ޚިދުމަތަށް 125 އަހަރު ފުރުން ފާހަގަކުރުމަށް ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ މަދުން ނަމަވެސް ރާއްޖޭގައި ހިންގާފައި ވާ ޓެރަރިޒަމްގެ ގިނަ އަމަލުތަކަކަކީ ސިޔާސީ ކަންކަމާ ގުޅިގެން ހިންގާފައިވާ ކަންތައްތަކެއް ކަމަށެވެ.

"އެފަދަ އަމަލުތައް ހިނގާފައި ވަނީ ކޮން ބައެއް ކަމާއި ކޮން ބޭނުމެއްގައި ކަން އަދި ކިހިނެއްކަން ރާއްޖޭގެ ތާރީހު ހެކިދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ދިވެހިންނަކީ ސުލްހަ އަށް ލޯބި ކުރާ، ސުލްހަ މަސަލަސްކަން ގާއިމު ކުރުމަށް މަސައްކަތް ކުރާ ކިޔަމަންތެރި ބައެކެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތަކާ ސިޔާސީ ކަންކަމާ ގުޅުން ހުރުމުން، މާޒީން އިބުރަތް ހޯދައި، މިއަދު ހިންގަމުންދާ ކަންކަމާ ކުރިމަގުގައި އަޅަން ޖެހޭ ފިޔަވަޅުތަކާ މެދު ދުރާލައި ވިސްނައި ޕްލޭންތަކެއް ރޭވުމަކީ ދިފާއީ ބާރުތަކަށް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ.

"ރާއްޖޭގައި ހިންގަމުންދާ ކުށްތަކާއި ޖަރީމާތައް ހުއްޓުވުމަށް ދިވެހި ސިފައިން އަބަދުވެސް ތިބޭނީ ދިވެހި ފުލުހުންނާ އެކު ތައްޔާރަށް. ސިޔާސީ ހަމަނުޖެހުންގެ ތެރެއިން ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެކަމާ މެދު ދިވެހި ސިފައިން އަބަދުވެސް ހުށިޔާރުވެ ތިބެން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ބަދަހި ސަފުތައް ގައްދާރުންނާއި ހިޔާނާތްތެރިންގެ މަކަރުވެރިކަމުން ފޫއަޅުވައިލެވިގެން ނުވާނެ ކަމަށެވެ.

ސިފައިންގެ 125 ވަނަ އަހަރީ ޖަލްސާގެ ތެރެއިން.

"މިއަދު ވެސް ދިވެހި ސިފައިންގެ އަޒުމަކަށް ވާނީ ގައުމީ އަޒުމުގައި އަމިއްލަ ނަފުސަށް ވުރެ ގައުމު އިސްކޮށް ތެދުވެރިކަމާއި އަމާނާތްތެރިކަން މަތީގައި ދެމި ތިއްބެވުން. އަސްކަރީ އަޚުލާގުގެ މަތިވެރި ސިފަތަކުން ޒީނަތްތެރިވެ މާތްވެގެންވާ އިސްލާމްދީނާއި ގާނޫނުއަސާސީ އާއި ގައުމު ހިމާޔަތް ކުރުމާއި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރަށް ކިޔަމަންތެރިވެ، ސަރުކާރަށް އެހީތެރިކަން ފޯރުކޮށް ދިނުމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރުން،" ދިފާއީ ވަޒީރު ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ސިފައިންނަކީ ސިޔާސީ ކަންކަމުން ދުރުވެ، ނަޒާހަތްތެރި ލަޝްކަރަކަށް ވާން ޖެހޭ ކަމަށެވެ.