އެމްއެމްޕީއާރުސީގެ ތަހުގީގުގެ މައުލޫމާތު ޕީޖީއާ ހިއްސާ ކުރަން ފަށައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ތަހުގީގުގެ މައުލޫމާތު ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އާ ހިއްސާ ކުރުމުގެ ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފި އެވެ.


އެމްއެމްޕީއާރުސީގެ ތަހުގީގީ ރިޕޯޓް މި މަހު އާންމު ކުރާނެ ކަމަށް އޭސީސީން ކުރި ބުނެފައިވީ ނަމަވެސް، މަސް މިއަދު ނިމުނުއިރު ވެސް އެ ރިޕޯޓެއް ނުނެރުނެވެ.

އޭގެ ބަދަލުގައި އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގީ ރިޕޯޓް ޕީޖީ އަށް ފޮނުވުމަށްޓަކައި "ޑިއުޓީ ޕްރޮސެކިއުޝަން" ގެ މަރުހަލާ ފަށާފައިވާ ކަމަށެވެ.

ޑިއުޓީ ޕްރޮސިކިއުޝަނަކީ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުގެ ކުރިން ތަހުގީގީ އިދާރާތަކުން ޕީޖީ އޮފީހާ އެކު މައުލޫމާތު ހިއްސާ ކުރުމެވެ.

ގައުމު ސިއްސުވާލި 1.2 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގެ ތަހުގީގު އޭސީސީން ފެށީ މީގެ ދޮޅު އަހަރު ކުރިންނެވެ.

އޭސީސީން ތަކުރާރުކޮށް ބުނެފައި ވަނީ ތަހުގީގު ލަސްވަނީ އެއީ މިހާތަނަށް އެ ކޮމިޝަނުން ތަހުގީގުކުރާ އެންމެ ބޮޑު މައްސަލައަށް ވެފައި ގިނަ ބަޔަކާ ސުވާލުކޮށް މައުލޫމާތު ހޯދަން ޖެހޭތީ އެވެ. އެކަމަކު އެ ރިޕޯޓް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް މިދިޔަ މަހު ވެސް އޭސީސީން ވަނީ ބުނެފަ އެވެ.