ގާސިމް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް ހުކުމް މާދަމާ އިއްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.


ނުފޫޒު ފޯރުވުމާއި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ. އެ މައްސަލަ ގާސިމްގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ފަށައި، އަދި އިއްޔެ ވަނީ އަޑުއެހުންތައް ނިންމާލައިފަ އެވެ.

މާދަމާ މެންދުރު އެ މައްސަލައިގެ ހުކުމް އިއްވަން ހައި ކޯޓުން ހަމަޖައްސާފައިވާ ކަން ގާސިމްގެ ވަކީލުންގެ ޓީމުން ކަށަވަރުކޮށްދެ އެވެ.

މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ގާސިމް ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނިކޮށް އޭނާ ދޫކޮށްލަން އަމުރުކުރީ ހައި ކޯޓުންނެވެ. އޭރު ގާސިމް ދޫކޮށްލަން އެންގީ މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް، ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ނުކޮށް ގާސިމް ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާތީ އެވެ.

މެމްބަރުންގެ ރިޝްވަތު ދޭން އުޅުނު މައްސަލާގައި ގާސިމްގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ. އެ މައްސަލާގައި ތިން ދައުވާއެއް ގާސިމްގެ މައްޗަށް ކުރެ އެވެ.