ކުރީގެ މެމްބަރު ނާޒިމް: އޭނާ މިހާރު ދަނީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން-- ފޮޓޯ/މަޖިލިސް
17 މެއި 2016 - 21:30
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒުގެ އަތުން 35،000 ޑޮލަރު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ކޮރަޕްޝަންގެ މައްސަލައެއްގައި 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވުމުން ސަރުކާރަށް ނޭނގި އިނގިރޭސި ވިލާތަށް މިހާރު ވަޑައިގެން ހުންނެވި ނާޒިމްގެ ފަރާތުން ނާފިޒާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ، ފަހުން އަނބުރާ ދޭ ގޮތަށް ނާފިޒަށް ދޫކުރި 35،000 ޑޮލަރު(539،000 ރުފިޔާ) އަނބުރާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދުމަށެވެ.
އެ މައްސަލާގައި ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދެ ފަރާތުން އެއްބަސްވުމަކަށް ނާދެވުމުން މިހާރު އެ މައްސަލަ ވަނީ ޝަރީއަތް ހިންގަން ނިންމައިފަ އެވެ.
ނާފިޒާ ދެކޮޅަށް ނާޒިމްގެ ފަރާތުން ކޯޓަށް މައްސަލައެއް ހުށަހެޅިއިރު، ނާޒިމް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ. ނާޒިމް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކުރީ ސަރުކާރުގެ ޕްރޮޖެކްޓެއް މަކަރާއި ހީލަތުން ނާޒިމް ކާމިޔާބުު ކުރެއްވި މައްސަލައަކާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy