އަމިއްލަ ތަންތަނުން އާސަންދައިގެ ޚިދުމަތް ކަނޑާލައިފި

ސިއްހީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން އާސަންދައިގެ ޚިދުމަތް މިއަދުން ފެށިގެން ކަނޑާލަން އާސަންދަ ކުންފުނިން ނިންމައިފި އެވެ.


އެ ކުންފުނިން ކުއްލި ގޮތަކަށް ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ އެގޮތަށް ނިންމީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ހިންގާ ބޯޑުން ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ "އާސަންދަ ސްކީމް" ހިންގުމުގެ އުސޫލު މުރާޖައާ ކުރަމުންދާތީ އެވެ.

އާސަންދަ ކުންފުނިން ބުނިގޮތުގައި، އާސަންދަގެ ސިއްހީ ނިޒާމު ހިންގާ ބޯޑުން ނިންމާފައި ވަނީ ދައުލަތުގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައި އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯރެޓަރީގެ ޚިދުމަތް އަދި ސްކޭންގެ ޚިދުމަތް އެއްވެސް އަގަކާ ނުލައި ފޯރުކޮށްދޭތީ، އަމިއްލަ ތަންތަނުން އެ ޚިދުމަތްތަކަށް އާސަންދަ ސްކީމްގެ ތެރެއިން ޚަރަދު ކުރުން ހުއްޓާލުމަށެވެ.

ނަމަވެސް ކުއްލި ގޮތަކަށް، ކުރިން އެންގުމަކާ ނުލައި، އަމިއްލަ ތަންތަނުން އާސަންދަގެ ޚިދުމަތް ކަނޑާލި ސީދާ ސަބަބެއް އާސަންދަ އިން ނުބުނެ އެވެ.

އާސަންދަ ކުންފުނިން ބުނީ އަމިއްލަ ތަންތަނުން އާސަންދަގެ ޚިދުމަތް ކަނޑާލި ނަމަވެސް، މިއަދާ ހަމައަށް އެޑްމިޓްކޮށް، ފަރުވާދެމުން އަންނަ ފަރާތްތަކުގެ ފަރުވާ ނިމެންދެން އާސަންދަ ސްކީމްގެ ތެރެއިން ކުރިއެކޭ ވެސް އެއްގޮތަށް ޚިދުމަތް ލިބެމުންދާނެ ކަމަށެވެ. އަދި އެ މީހުންގެ މައުލޫމާތު މިއަދުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އާސަންދަ ކުންފުންޏަށް އެންގުމަށް ވެސް ސާކިއުލާގައި ވަނީ އެދިފަ އެވެ.

"މި ތާރީޚަށް ފަހު ސްކީމްގެ ދަށުން ފައިސޭ ދެއްކޭނީ ހަމައެކަނި މި ކުންފުންޏާ ހިއްސާކުރާ ތަފުސީލްގައި ހިމެނޭ ފަރާތްތަކަށް ހިނގާ ޚަރަދުތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މި ތާރީޚުން ފެށިގެން، އަމިއްލަ ހޮސްޕިޓަލްތައް ޑީއެމްޕެނަލްކޮށް، ވެފައިވާ އެއްބަސްވުންތައް ބާތިލް ކުރަން ނިންމާފައިވާ ކަމަށާއި އަދި މި ތާރީޚާ ހަމައަށް، ސްކީމް މެދުވެރިކޮށް ދީފައިވާ ޚިދުމަތްތަކަށް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އިންވޮއިސް ފޮނުވުން އެދެމެވެ،" ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނަށް އާސަންދައިން ފޮނުވި ސާކިއުލާގައިވެ އެވެ.

"މި މުއްދަތުގައި މަގުބޫލު އުޒުރެއް ނެތި އިންވޮއިސް ހުށަނާޅާ ފަރާތްތަކަށް އިންވޮއިސް ހުށަހަޅަން އިތުރު ފުރުސަތެއް ނުދެވޭނެކަން ވެސް މައުލޫމާތަށްޓަކައި އަންގަމެވެ."

އާސަންދަ ކުންފުނީގެ ކުއްލި މި އެންގުމާ ގުޅިގެން، ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް އޭޑީކޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެ އެންގުމާ އެއްގޮތަށް، އާސަންދަ ސްކީމްގެ ދަށުން އެއްވެސް ފަރާތަކަށް އެ ހޮސްޕިޓަލުން ޚިދުމަތް ދެވެން ނެތް ކަމަށެވެ.