ކޯޓުގެ ޝަރުތުތަކާ އެކު ކުނޫޒް "ބަންދު"؟

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ބޮޑެތި ޝަރުތުތަކާ އެކު، އިދިކޮޅު ކޯލިޝަންގެ ޖަލްސާތައް ބާއްވަމުން އަންނަ މ. ކުނޫޒްގައި ދެން ސިޔާސީ ހަރަކާތްތަކާއި ސިޔާސީ އެއްވުންތައް ބޭއްވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.


ގާސިމްގެ ބަންދަށް ކޯޓުން މި މަހުގެ ފަސްވަނަ ދުވަހު އިތުރުކޮށްދިން ހަތަރު ދުވަހުގެ މުއްދަތު މިއަދު ހަމަވާތީ، ކޯޓަށް ހާޒިރުކުރުމުން އޭނާ މިނިވަންކުރީ ހަތް ޝަރުތެއް ކުރިމަތި ކުރުމަށް ފަހު އެވެ.

ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫ ނުކުރެއްވުމާއި ދައުލަތުގެ ތިން ބާރާއި އެ ބާރުތަކުގެ ވެރިންނާ ބެހޭގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުމަކީ ވެސް އޭގެ ތެރޭގައި ހިމެނޭ ޝަރުތެކެވެ.

އިދިކޮޅު ފަރާތްތަކުގެ ޖަލްސާތައް ފަހަކަށް އައިސް މުޅިން ވެސް ބާއްވަނީ ޖުމްހޫރީ ޕާޓީގެ އޮފީސް ހިންގާ ކުނޫޒްގައި ކަމަށް ވާއިރު، އެ ބިން ރަޖިސްޓަރީ ކޮށްފައި ވަނީ ސީދާ ގާސިމްގެ އަމިއްލަ ނަމުގަ އެވެ.

ކުނޫޒްގައި ބާއްވާ ޖަލްސާތަކުގައި ދައުލަތުގެ ތިން ބާރުގައި ހުރި މައްސަލަތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި، އަދި ސަރުކާރުން އިސްލާހު ކުރަންޖެހޭ ކަންކަން ފާހަގަކުރަމުންދާއިރު، ކޯޓުގެ ޝަރުތުތަކާ އެކު ކުނޫޒް "ބަންދު" ކުރަން ޖެހުމުގެ ބިރު ބޮޑު ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

މި ޝަރުތުތަކާ ގުޅޭ ގޮތުން ގާސިމްގެ ވަކީލުން އަދި ޖުމްހޫރީ ޕާޓީން ވެސް ވަކި ގޮތެއް ނުނިންމަ އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު މިރޭ "މިހާރު" އަށް ވިދާޅުވީ ސިޔާސީ ހަރަކާތްތަކަށް އަދި އެ ޕާޓީގެ އޮފީސް ހިންގުމަށް ކުނޫޒް ދެން ބޭނުން ކުރެވިދާނެތޯ ބެލުމަށް ގާނޫނީ ބޭފުޅުންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ސަމީރު ވެސް ފާހަގަކުރެއްވި ގޮތުގައި ކޯޓުގެ ޝަރުތުތައް ކަނޑައަޅާފައި ވަނީ ސުވާލު އުފެދޭ ގޮތަށެވެ.

"ގާނޫނީ ބޭފުޅުންގެ ފަރާތުން މިކަން ސާފުވަންދެން އަޅުގަނޑުމެން މަޑުކޮށްލައިގެން މިތިބީ. އެކަމަކު ކުނޫޒްގައި ޖުމްހޫރީ ޕާޓީގެ އޮފީސް ހިންގާތާ އެތައް ދުވަހެއް ވެއްޖެ. ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް ހިންގާތާ އެތައް ދުވަހެއް ވެއްޖެ. ޕާޓީގެ ހަރަކާތްތައް ކުނޫޒްގައި ހިންގަން ހުރަސްއެޅޭ ނަމަ އެއީ ސުވާލު އުފެދިދާނެ ކަމެއް،" ސަމީރު ވިދާޅުވި އެވެ.