ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ކަރަންޓް ކެނޑި، ފްލައިޓްތަކުގެ ދަތުރުތަކަށް ބުރޫ އަރައިފި އެވެ.
މިއަދު ހެނދުނު މުޅި އެއާޕޯޓުން ކަރަންޓް ކެނޑުމުން ޑޮމެސްޓިކް ފްލައިޓްތައް ޑިލޭވެ، ޕަސިންޖަރުން އެއާޕޯޓުގައި ތާށިވި އެވެ. އެކަމަކު އިންޓަނޭޝަނަލް އެއްވެސް ފްލައިޓެއް ޑިލޭ ނުވާ ކަމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުންޏެވެ.
"ޑޮމެސްޓިކް ޓާމިނަލްގައި ގިނައިރުވީ، ޑޮމެސްޓިކްގައި 45 ވަރަކަށް މިނެޓްވި ކަރަންޓް ނެތި. އެކަމަކު އިންޓަނޭޝަނަލް ޓާމިނަލުން ކަރަންޓް ކެނޑިފައި އަނެއްކާ ލިބިއްޖެ މާ ގިނައިރެއް ނުވެ. އިންޓަނޭޝަނަލްގައި އެއްވެސް ފްލައިޓެއް ޑިލޭ ނުވޭ. އެކަމަކު ޑޮމެސްޓިކްގައި ކޮންމެވެސް ވަރަކަށް ޑިލޭއެއް އުޅޭ،" އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި އެވެ.
ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައަކުން ކަމަށާއި މުޅި އެއާޕޯޓަށް މިހާރު ކަރަންޓް އަލުން ލިބިފައިވާ ކަމަށް އާދިލް ވިދާޅުވި އެވެ.