އައްޑު އަށް އެހީވުމަކީ ތަފާތު ނުކުރާނެ ކަމުގެ ހެއްކެއް: ޕީޕީއެމް

ވިއްސާރާގައި އައްޑޫ އަށް ލިބުނު ގެއްލުންތަކަށް އެހީވުމަށް ސަރުކާރުން ނިންމުމަކީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރާނެ ކަމުގެ ހެއްކެއް ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ބުނެފި އެވެ.


މިހާރު ރާއްޖެ އަށް ކުރަމުން ދާ ވިއްސާރާގައި އައްޑު އަށް ނަގޫރޯޅިއެއް އަރައި، ބޮޑެތި ގެއްލުންތަކެއް ލިބުމުން ސަރުކާރުން އެކަމަށް އެހީވަމުންދާ ދިއުމާ ގުޅިގެން ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ގެއްލުން ލިބުނު މީހުންނަށް އެހީވުމުގެ މަސައްކަތް ސަރުކާރުން ވަރަށް ބާރަށް އެބަ ކުރިއަށް ގެންދާ ކަމަށެވެ.

އައްޑު އަކީ އިދިކޮޅު އެމްޑީޕީގެ ތާއީދު އޮތް ތަނެއް ކަމަށް ވިޔަސް އަދި އައްޑޫ ސިޓީ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު އެމްޑީޕީ އަށް އޮތަސް އެކަމަށް ބެލުމެއް ނެތި އެހީވުމަށް ސަރުކާރުން ނިންމުމަކީ ރައްޔިތުންގެ ސަރުކާރުން މެދުގައި ތަފާތު ނުކުރާ ކަމުގެ ހެއްކެއް ކަމަށް އާރިފް ވިދާޅުވި އެވެ.

"އިހަށް ދުވަހު ނެގުނު ވޯޓުން ވެސް ހުރިހާ ގޮނޑިއެއް ލިބުނީ އެމްޑީޕީ އަށް. އެހެން ނަމަވެސް އެމްޑީޕީގެ ސިޓީ ކައުންސިލްގެ ފަރާތުން މާބޮޑު ކަންތައްތަކެއް ނުކުރެވި އޮއްވައި ސަރުކާރުން ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދެއްވައިގެން ކުރާ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އަކީ ހުރިހާ ދިވެހި ރައްޔިތުންގެ ރައީސެއް ކަން ހާމަކޮށްދޭ ލާމަސީލު މިސާލެއް،" އާރިފް ވިދާޅުވި އެވެ.

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ޚަލީލް ވިދާޅުވީ ގެއްލުން ލިބުނު މީހުންނަށް އެހީވުމުގައި އައްޑޫ ސިޓީ ކައުންސިލް އޮތީ ނުކުޅެދިފައި ކަމަށާއި އެކަމަށް އެހީވާން ސަރުކާރުން މަސައްކަތް ކުރަނީ އެ ސިޓީ ކައުންސިލް ބައިވެރިކޮށްގެން ކަމަށެވެ. އެކަމުން ވެސް އެނގެނީ ރައީސް ޔާމީން ބޭނުންފުޅު ވަނީ ޚިޔާލު ތަފާތުވާ މަސައްކަތް ކުރަން ކަމަށް ޚަލީލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ހަލީލް: އެހީވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ބައިވެރިވުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި-- ފޮޓޯ/ މިހާރު

"އައްޑޫ ސިޓީ ކައުންސިލް ވެސް މީގެ ތެރޭގައި ހިމަނުއްވާފައި ރައީސް ޔާމީން އެ އޮތީ. މީގެން ވެސް އެބަ އެނގޭ ރައީސް ޔާމީނާ ޚިޔާލު ތަފާތުވިޔަސް އެމަނިކުފާނު ވަރަށް ބޮޑަށް އެބަ ބޭނުންފުޅުވާ ކަން އެތަނެއްގެ ރައްޔިތުން ހޮވާފައި ތިބޭ ބަޔަކު ވެސް ޝާމިލް ކޮށްގެން ކުރިއަށް ވަޑައިގަންނަވަން،" މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ޚަލީލް ވިދާޅުވި އެވެ.

އެންމެ ބޮޑަށް ގެއްލުން ލިބުނީ ހިތަދޫ މެދު ދާއިރާ އަށް ކަމަށްވާއިރު އެ ދާއިރާގެ މެމްބަރަކީ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރަކަށް ވިޔަސް ރައްޔިތުންނަށް އެހީވުމުގައި ސަރުކާރުން އެކަމަށް ނުބަލާ ކަމަށް ޚަލީލް ވިދާޅުވި އެވެ.

"އެ ދާއިރާގެ މެމްބަރަކީ ވެސް އަޅުގަނޑުމެންނާ ޚިޔާލު ތަފާތު ބޭފުޅެއް، ރިޓަޔާޑް ބްރިގޭޑިއާ އިބްރާހިމް ދީދީގެ ދާއިރާ މިއީ. މިއިން ވެސް އެނގިގެންދޭ ރައީސް ޔާމީނަކީ އެމަނިކުފާނާ ޚިޔާލު ތަފާތު ބޭފުޅަކު އެތަނުގައި ހުންނެވިޔަސް ވަރަށް ކައިރިން ޚިދުމަތް ދެއްވަން ބޭނުންވާ ބޭފުޅެއް ކަން،" ޚަލީލް ވިދާޅުވި އެވެ.

ގެއްލުން ލިބުނު ބައެއް ގެތައް މިހާރު މަރާމާތުކޮށް ނިމިފައިވާ ކަމަށާއި ބާކީ ހުރި ގެތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދާ ކަމަށް ޕީޕީއެމުން ބުނެ އެވެ. ހާލުގައި ޖެހުނު ރައްޔިތުންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށް ދީފައިވާ ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ.

އެހީތެރިކަން ދިނުމުގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް ސަރުކާރާ އެކު ބައިވެރިވެ ވަޑައިގަތުމަކީ ހެޔޮ ފާލެއް ކަމަށާއި ސިޓީ ކައުންސިލްގެ އެއްބާރުލުން އެކަމަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޚަލީލް ވިދާޅުވި އެވެ.