މީޑިއާތަކަށް ފޮނުވި ސިޓީތައް ބާތިލް ކުރަން މީޑިއާ ކައުންސިލުން ނިންމައިފި

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްގެ އަބުރަށް ގެއްލުން ލިބޭ ފަދަ ލިޔުންތަކެއް ފާހަގަކުރެވިގެން ކަމަށް ބުނެ އޮންލައިން މީޑިއާތަކުން ޖަވާބުދާރީވުމަށް އަންގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ފޮނުވި ސިޓީތައް ބާތިލް ކުރަން އެ ކައުންސިލުން ނިންމައިފި އެވެ.


މީޑިއާ ކައުންސިލްގެ މެމްބަރަކު ވިދާޅުވި ގޮތުގައި ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން މީޑިއާތަކަށް ފޮނުވި ސިޓީތައް ބާތިލް ކުރިކަން މާދަމާ މީޑިއާ އަށް އަންގާނެ އެވެ.

މިދިޔަ މާޗް 17 ގައި ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ ނަމުގައި މީޑިއާ ކައުންސިލަށް ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން، އެ ޝަކުވާތައް ރައްދުވާ މީޑިއާތަކުން އަންނަ މަހުގެ އެކެއްގެ ކުރިން ލިޔުމުން ޖަވާބުދާރީވުމަށް މިއަދު އަންގާފައިވާއިރު، އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެކަމަކު ރައީސް އޮފީހުން ބުނަނީ އެއްވެސް ނޫސްވެރިއެއް އަދި މީޑިއާއެއްގެ މައްސަލަ ބަލައިދިނުމަށް މީޑިއާ ކައުންސިލަށް އެ އޮފީހުން ހުށަނާޅާ ކަމަށެވެ.

އެ ޝަކުވާތައް އެމްއެމްސީ އަށް ހުށަހެޅިއިރު، ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ މަގާމުގައި ހުންނެވީ އަލީ ޚާލިދު އެވެ.

މީޑިއާ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މީޑިއާތަކުން ޖަވާބުދާރީވުމަށް އަންގައި ސިޓީ ފޮނުވާފައި ވަނީ، ރައީސް އޮފީހުގެ އޭރުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ އީމެއިލް އެޑްރެހުން އެ ކައުންސިލްގެ ސަމާލުކަމަށް ގެނެސް ދިން ލިޔެކިޔުމާ ގުޅިގެން ކަމަށެވެ.

އެހެންކަމުން މީޑިއާތަކަށް ސިޓީ ފޮނުވީ ކައުންސިލްގެ ސަމާލު ކަމަށް އައިސްފައިވާ ޝަކުވާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ކަމާ ގުޅޭ ލިޔެކިޔުމާ އެކުގައި ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.

"ރައީސް އޮފީހުން ރާއްޖޭގެ އެއްވެސް ނޫސްވެރިޔަކާ ދެކޮޅަށް އަދި މީޑިއާ ދެކޮޅަށް ވެސް މައްސަލައެއް މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅާފައިނުވާނެ ކަމަށް ބަޔާން ކުރައްވައި 2017 މެއި 22 ގައި މި ކައުންސިލުން ސިޓީއަކުން އަންގަވައިފަ އެވެ،" މީޑިއާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ނޫހުގެ އިތުރުން މިހާތަނަށް ރައީސް އޮފީހުން ހުށަހަޅާފައި ވަނީ ރާއްޖެޓީވީގެ ނިއުސް ވެބްސައިޓް ކަމަށްވާ ރާއްޖެއެމްވީ އާއި ވީއެފްޕީ އާއި ވަގުތު އަދި މޯލްޑިވްސް އިންޑިޕެންޑެންޓާ ދެކޮޅަށެވެ.

އަބުރުގެ ގާނޫނާ ހިލާފު ކޮންޓެންޓެއް ޝާއިއުކުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު އޮތީ މީޑިއާ ކައުންސިލަށެވެ. އަބުރުގެ ގާނޫނާ ހިލާފު ކޮންޓެންޓެއް ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ޝަކުވާ ހުށަހެޅުމާއި ފިޔަވަޅު އެޅުމުގެ ބާރު ލިބިގެން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށެވެ.

މީގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ދެ ފަހަރެއްގެ މަތިން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުން އާންމުންގެ އެހީތެރިކަމާ އެކު އެ ފައިސާ ވަނީ ދައްކައިފަ އެވެ. އަބުރުގެ ގާނޫނު ދަށުން ނޫސްވެރިންނާއި މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވެ އެވެ.