ހައްދުފަހަނައެޅުން ހުއްޓުވަން ހުރިހާ މެމްބަރުން އެއްގަލަކަށް އަރަން ޖެހޭ: މެމްބަރުން

ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމްގެ އަމަލުތަކަކީ ހުރިހާ ގައުމުތަކަށް ކުރިމަތިވެފައިވާ ބޮޑު ބިރެއް ކަމަށާއި އެކަން ހުއްޓުވަން ހުރިހާ އެންމެން އެއްގަލަކަށް އަރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.


ޓެރަރިޒަމާއި ދީނީ ގޮތުން ހައްދު ފަހަނައަޅާ ދިއުމާ ބެހޭ ގޮތުން ސަރުކާރުގެ ސިޔާސަތު ހާމަކުރާ ކަރުދާހަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ ސިޔާސީ ފިކުރު އެއްކިބާކޮށް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ޓެރަރިސްޓް ހަރަކާތްތަކަކީ މުޅި ދުނިޔެއަށް ހުއްޓިފައި ނުވާ ސީރިއަސް މައްސަލައެއްކަން މެމްބަރުންގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކާތެރި ވާހަކަ މީގެ ކުރިން ދެއްކީމަ އޭރު އޮތް ސަރުކާރުތަކުން އެކަން ގަބޫލުނުކުރި ކަމަށެވެ. އެންމެ ފަހުން މި ފެންނަނީ ޓެރަރިޒަމްގެ ހަރަކާތްތަކުގައި ދިވެހިން ބައިވެރިވާކަން ސަރުކާރުތަކަށް ގަބޫލު ކުރެވި އެކަން ހުއްޓުވަން އުޅޭތަން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. ކަރުދާހުން މާބޮޑު ތަފްސީލެއް އެނގެން ނެތް ކަމަށް އޭނާ ވިދާޅުވި.- ފޮޓޯ: މަޖިލިސް

އިބޫގެ ވާހަކައިގައި ސީރިއާ އާއި އިރާގާއި ޕާކިސްތާނު ފަދަ ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ދިވެހިން ޖާނުންފިދާވުމުގެ ހަމަލާތައް ދެމުންދާ ކަން ފާހަގަކުރެއްވި އެވެ. އަދި ހަނގުރާމަތަކުގައި ގިނައިން ބައިވެރިވަނީ އެކިއެކި ތަހުގީގުތަކަށް ބޭނުންވެފައި ތިބި މީހުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް މިކަމާ އެބަޖެހޭ ބަހުސް ކުރަން، ސިޔާސީ ހިޔާލު ތަފާތުވުން އެކަހެރިކޮށް އަޅުގަނޑުމެން މިތިބީ މިކަމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން. --އިބޫ

ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަން އޭނާ ވަނީ ހާމަކުރައްވައިފަ އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުމަކީ އެކަމާ ދެކޮޅަށް ކުރާ މަސައްކަތުގެ ތަފްސީލް ލިބެން ނެތީމަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިކަން ހުއްޓުވޭނީ ސިޔާސީ ހިޔާލުތަފާތުވުންތައް އެއްކިބާކޮށް އެންމެން ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް މިކަމާ އެބަޖެހޭ ބަހުސް ކުރަން، ސިޔާސީ ހިޔާލު ތަފާތުވުން އެކަހެރިކޮށް އަޅުގަނޑުމެން މިތިބީ މިކަމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން،" ހިންނަވަރު ދާއިރާގެ މެމްބަރުކަން ކުރައްވާ އިބޫ ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއް ވެސް އޮތީ ނުރައްކަލުގެ ތެރެއަށް ހުށަހެޅިފަ ކަމަށެވެ. ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމައަށް ދިއުމަކީ ފައިދާއެއް ނެތް ކަމެއް ކަމަށާއި ސަރުކާރުން ޓެރަރިޒަމާ ދެކޮޅު ހަރަކާތްތައް ހުއްޓުވަން ކަރުދާހެއް ހުށަހެޅުމަކީ ބޭރުގެ އެއްވެސް ގައުމެއްގައި ހިނގާ ހަނގުރާމައަކަށް ތާއީދު ނުކުރާކަން ހާމަކޮށް ދިނުމަށް ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ. އޭނާ ވެސް ވަނީ ސިޔާސީ ފިކުރު އެއްކިބާ ކުރުމަށްފަހު ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރަން ގޮވާލައްވާފައި. - ފޮޓޯ: މަޖިލިސް

ނިހާނު ވިދާޅުވި ގޮތުގައި ހައްދު ފަހަނަ ދިއުން ހުއްޓުވުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްޓަކައި ހައްލު ކުރަން ޖެހޭ ސީރިއަސް ކަމެކެވެ. އަދި އިދިކޮޅު މެމްބަރުން ވެސް މިކަމާ ދެކޮޅަށް އަޑު އުފުއްލަވައި މިކަމުގެ ނުރައްކާތެރިކަން ހާމަކޮށް ދިނުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

"ރާއްޖެއަށް ވުރެ މާ ބޮޑަށް ތަރައްގީވެފައި އޮތް ގައުމުތަކުން ވެސް ހުއްޓިފައިނުވާ ކަމެއް އެއީ އެ ގައުމެއްގެ މީހުން ހަނގުރާމައަށް އެހެން ގައުމުތަކަށް ދާ ދިއުން،" ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ވިދާޅުވި އެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވި ގޮތުގައި މަޖިލީހަށް މިފަދަ ކަރުދާހެއް ހުށަހެޅުމަކީ ޓެރަރިޒަމާއި ހައްދު ފަހަނަ އަޅައި ދިއުން ހުއްޓުވުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ. އަދި މިކަން ހަމައަކަށް އެޅުމުގެ ހުރިހާ ބާރެއް ރައީސް އަބްދުﷲ ޔާމީނަށް ދެއްވުމަށް އޭނާ ގޮވާލެއްވި އެވެ.

ދިވެހި ހަނގުރާމަވެރިއަކު ސީރިއާގައި: ހައްދުފަހަނައެޅުން އަންނަނީ އިތުރުވަމުން ކަމަށް ބައެއް މެމްބަރުން ވިދާޅުވޭ.

ހަމައެއާއެކު ގާނޫނުތަކަށް އިސްލާހު ހުށަހަޅައިގެން މިކަމަށް ހައްލެއް ހޯދަން ސަރުކާރުން ބޭނުންވެއްޖެނަމަ އެކަމަށް މަޖިލިސް އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޒާތީ ގޮތަކަށް މަސައްކަތް ނުކޮށް ގައުމީ ނަޒަރަކުން މަސައްކަތްކޮށްގެން މައްސަލަ ހައްލުކޮށް ދިނުމަށް އާމިރު ވަނީ ގޮވާލައްވައިފަ އެވެ.

ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝީދު ވެސް ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ނުރައްކަލަކީ ރާއްޖެއެކޭ އެއްފަދަ އިން މުޅި ދުނިޔެއަށް ވެސް އޮތް ނުރައްކާތެރި ކަމެކެވެ. އެހެންވެ ކަމާ ބެހޭ ހުރިހާ މުއައްސަސާއެއް ގުޅި، މި މައްސަލަ ދިރާސާކޮށްގެން ދާއިމީ ހައްލެއް ގެނައުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

މަޖިލީހުގައި ބަހުސް ކުރެއްވި ގިނަ މެމްބަރުންގެ ވާހަކައިގައި ހައްދުފަހަނަ އެޅުން ހުއްޓުވޭނީ މަދަރުސީ ތައުލީމްގައި ވޭތުކުރާ މުއްދަތުގެ ތެރޭގައި ދީން ރަނގަޅަށް އުނގެނިގެން ކަން ފާހަގަކުރެއްވި އެވެ. އެގޮތުން ހައްދުފަހަނަ އަޅައި ދިއުމަކީ ކޮބައިކަން އުނގެނެން ޖެހޭކަން މެމްބަރުން ފާހަގަކުރެއްވި އެވެ.

ނާޝިދު ވިދާޅުވި ގޮތުގައި މަދަރުސީ ތައުލީމްގެ ތެރެއިން ހައްދުފަހަނަ އަޅައި ދިއުމަކީ ކޮބައިކަމާއި އެކަމުގެ ބައިވެރިނުވާން ޖެހޭ ސަބަބުތައް އުނގަންނައިދީގެން ނޫނީ ޓެރަރިޒަމްގެ ހަރަކާތްތައް ހައްލުވެގެން ނުދާނެ އެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު. - ފޮޓޯ: މަޖިލިސް

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ވިދާޅުވީ ދީނުގެ ރަނގަޅު މައުލޫމާތުތައް ދިވެހިންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. ސްކޫލަށް ނުދާ ކުދިން ވެސް އެބަތިބި ކަމަށާއި އެފަދަ ކުދިންނަށް ވެސް ރަނގަޅު ތަރުބިއްޔަތެއް ދެވެން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ހަމައެކަނި މެމްބަރު ވިދާޅުވި އެވެ.

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު ވިދާޅުވީ ޓެރަރިޒަމާއި ހައްދުފަހަނަ އެޅުން ހުއްޓުވުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ނަމުގައި ސެންޓަރެއް ގާއިމްކޮށް އެ ތަނުގެ މަސައްކަތް ހިނގަމުންދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވަނީ ރާއްޖޭގައި ވަރަށް ވަރުގަދަ ޖާސޫސީ އިދާރާއެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި ޓެރަރިޒަމްގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް އެކަށީގެންވާ ގޮތެއްގައި ޝަރީއަތް ކުރެވި ހުކުމް ކުރެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން އާންމު، ރައީސް ފޮނުއްވި ކަރުދާސް މަޖިލީހަށް އިއްވަނީ. - ފޮޓޯ: މަޖިލިސް

އެކަމަކު ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނަށް ރައްދު ދެއްވާ އިދިކޮޅު މެމްބަރުން ވިދާޅުވީ ޓެރަރިޒަމްގެ ހަރަކާތްތަކަށް ހިތްވަރުދޭ ބަޔަކު ރާއްޖޭގައި ތިބިއިރު އެމީހުން ހައްޔަރު ކުރެވި ޝަރީއަތް ކުރެވިގެން ނުދާ ކަމަށެވެ. އަދި ބޭރު ގައުމުތަކަށް ހަނގުރާމައަށް ދާ ދިވެހިން އަނބުރައި ރާއްޖެ ގެނެސް ޝަރީއަތް ކުރުމުގެ ބަދަލުގައި ސިޔާސީ ލީޑަރުންނާ މެދު ދައުވާ ކުރެވި ހަލުވި ދުވެއްޔެއްގައި ޝަރީއަތް ކުރެވެމުންދާތަން ފެންނަ ކަމީ ހިތާމަ ހުރި ކަމެއް ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި ކަރުދާހުގައިވާ ގޮތުން ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެގޮތުން ޓެރަރިޒަމާ ދެކޮޅު ޕްލޭނެއް އެކުލަވާލުމާއި މުއައްސަސާތަކުން އެއްކޮށްފައި ހުރި ޖާސޫސީ މައުލޫމާތުތައް ދިރާސާކުރުމާއި ބަނދަރުތަކާއި އެއާޕޯޓުތަކާއި ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ޕްރޮގްރާމްތަކެއް ހިންގުމާއި ރާއްޖެ އަންނަ ބޭރު މީހުންގެ ފަރާތުން ކުރިމަތި ވެދާނެ ނުރައްކާތައް ދެނެގަތުމާއި ގައުމީ ސަލާމަތާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުން ހިމެނެ އެވެ.