ތިމަރަފުށީ މީހުން ކަނު އަނދިރީގައި 24 ގަޑިއިރަށް ވުރެ ގިނައިރު!

ތ. ތިމަރަފުށީގައި ކަރަންޓު ނެތި 24 ގަޑިއިރަށް ވުރެ ގިނައިރު ވުމާ ގުޅިގެން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ.


އެ ރަށުގެ ކައުންސިލް މެމްބަރު އަހުމަދު އިހުސާން މިރޭ ވިދާޅުވި ގޮތުގައި އިއްޔެ ހަވީރު ކަރަންޓު ދިޔަ ގޮތަށް މިހާރު ވެސް ރަށުގެ ރައްޔިތުން ތިބީ ކަނު އަނދިރީގަ އެވެ. އަދި ފޯނަށް ރޭންޖް ލިބުމުގައި ވެސް މައްސަލަ އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ރޭ އަށެއް ޖަހަނިކޮށް، އިންޖީނުގެއާ ކައިރި ސަރަހައްދުތަކަށް ކަރަންޓު ލިބުނު ކަމަށެވެ. ނަމަވެސް އެއީ ވަރަށް މަދު ގެތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. ކަރަންޓު ލިބުނުތާ މާ ގިނައިރު ތަކެއް ނުވަ، އަނެއްކާވެސް އެ ސަރަހައްދުން ކަރަންޓު ކަނޑައިގެން ދިޔަ އެވެ.

"ކަރަންޓު ލިބުނީ އެ ގަޑީގައި ފަންސާހެއްހާ ގެއަށް. ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން މިދަނީ މި ރަށުގައި ދިރިއުޅޭ މީހުންނަށް،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތިމަރަފުށިން ކަރަންޓު ކެނޑުނީ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބެލެވެ އެވެ. އަދި އެ ރަށުގައި އިންޖީނު މަރާމާތުކޮށްދޭނެ މީހެއް ނެތް ކަމަށް އިހުސާން ވިދާޅުވި އެވެ.

"މި ރަށުގައި ތިބި އިންޖިނިއަރުންނާއި ޓެކްނީޝަނުން ވަނީ އެހެން ރަށަކަށް ބަދަލުކޮށްފައި،" އާބާދީގައި ގާތްގަނޑަކަށް 1،800 މީހުން އުޅެމުން އަންނަ ރަށުގެ ކައުންސިލަރު ވިދާޅުވި އެވެ.

ތ. އަތޮޅުގައި އާބާދީ އެންމެ ބޮޑު ރަށުން ކަރަންޓު ކަނޑައިގެން ގޮސް ގިނައިރުތަކެއް ވެފައިވާއިރު، ރަށުގެ ރައްޔިތުން މިހާރު ދިރިއުޅެމުން ދަނީ ވަރަށް ހާލުގަ އެވެ.

"ވިސްނާލައްވާ މިއީ ކަރަންޓާ ނުލައި ނޫޅެވޭ ޒަމާނެއް. ހާއްސަކޮށް ރޯދަމަސް ފެށުނު ދުވަހާ މިކަން ދިމާވުމުން ވަރަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައި. ފްރިޖްތަކުގައި ހުރި ކެއުމަށް ބޭނުންކުރާ ސާމާނު ހަލާކުވުމުގެ ބިރު އެބައޮތް. އެ ޝަކުވާ މިހާރު ވެސް ވިޔަފާރިވެރިން އެބަކުރޭ. މި ރަށުގެ ވަރަށް މަދު ގެއެއްގައި ވަޅު ވެސް ހުންނަނީ. އެހެންވީމާ ކިހާ ދަތިވާނެތޯ؟،" އިހުސާން ވިދާޅުވި އެވެ.

ތިމަރަފުށިން ކަރަންޓު ކެނޑިފައިވާތީ އެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. މުސްތަފާ ޓުވިޓާގައި ވަނީ އިންޖީނުގެ ބެލެހެއްޓުން ފެނަކަ އިން ދޫކޮށްލައި، ކަރަންޓު ދެވޭ ފެންވަރުގެ މީހުން އެ ރަށުގައި ތިބި ކަމަށް ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ފެނަކައިގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.