ތިމަރަފުށީގައި ކަރަންޓް ނެތުމުން ރޯކުރި އުއްބައްތީގެ ސަބަބުން ބަދިގޭގައި ރޯވެއްޖެ

މިދިޔަ ހުކުރުދުވަހުގެ ހަވީރުން ފެށިގެން ކަރަންޓް ކެނޑިފައިވާ ތިމަރަފުށީގެ ގެއެއްގެ ބަދިގޭގައި މިރޭ ރޯވެ، އަނދައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.


ކައުންސިލް މެމްބަރ އަހުމަދު އިހުސާން ވިދާޅުވީ ދަންވަރު 1:30 ހާއިރު ތިމަރަފުށީ، ސައިމާގެ ބަދިގޭގައި ރޯވީ، ދިއްލާފައި ހުރި އުއްބައްތިއަކުން ކަމަށެވެ.

"މައުލޫމާތު ލިބޭ ގޮތުގައި އެ އުއްބައްތި ހުރީ ބަދިގޭގައި ހުރި ފްރިޖްގެ މަތީގައި. އުއްބައްތި ވިރިގެން ގޮސް ރޯވީ،" އޭނާ ބުންޏެވެ.

ބަދިގޭގައި ހިފައި ގެންގުޅޭ ހުރިހާ ސާމާނެއް ކަހަލަ މި އަލިފާނުގައި ރޯވެ، ބަދިގެ އިތުރަށް ބޭނުން ނުކުރޭ ވަރަށް އަނދާފައިވާ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ތިމަރަފުށިން ކަރަންޓް ކެނޑުނުތާ ދެ ދުވަސް ވާއިރު، އޭގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.