ތިމަރަފުށިން ކަރަންޓު ކަނޑައިގެން ދިއުމާ ގުޅިގެން އެ ރަށުގެ ބަޔަކު މިރޭ މަގުމަތީގައި
28 މެއި 2017 - 00:29
ތ. ތިމަރަފުށީގައި ކަރަންޓު ނެތި 24 ގަޑިއިރަށް ވުރެ ގިނައިރު ވުމާ ގުޅިގެން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ.
އެ ރަށުގެ ކައުންސިލް މެމްބަރު އަހުމަދު އިހުސާން މިރޭ ވިދާޅުވި ގޮތުގައި އިއްޔެ ހަވީރު ކަރަންޓު ދިޔަ ގޮތަށް މިހާރު ވެސް ރަށުގެ ރައްޔިތުން ތިބީ ކަނު އަނދިރީގަ އެވެ. އަދި ފޯނަށް ރޭންޖް ލިބުމުގައި ވެސް މައްސަލަ އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ރޭ އަށެއް ޖަހަނިކޮށް، އިންޖީނުގެއާ ކައިރި ސަރަހައްދުތަކަށް ކަރަންޓު ލިބުނު ކަމަށެވެ. ނަމަވެސް އެއީ ވަރަށް މަދު ގެތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. ކަރަންޓު ލިބުނުތާ މާ ގިނައިރު ތަކެއް ނުވަ، އަނެއްކާވެސް އެ ސަރަހައްދުން ކަރަންޓު ކަނޑައިގެން ދިޔަ އެވެ.
"ކަރަންޓު ލިބުނީ އެ ގަޑީގައި ފަންސާހެއްހާ ގެއަށް. ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން މިދަނީ މި ރަށުގައި ދިރިއުޅޭ މީހުންނަށް،" އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތިމަރަފުށިން ކަރަންޓު ކެނޑުނީ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބެލެވެ އެވެ. އަދި އެ ރަށުގައި އިންޖީނު މަރާމާތުކޮށްދޭނެ މީހެއް ނެތް ކަމަށް އިހުސާން ވިދާޅުވި އެވެ.
"މި ރަށުގައި ތިބި އިންޖިނިއަރުންނާއި ޓެކްނީޝަނުން ވަނީ އެހެން ރަށަކަށް ބަދަލުކޮށްފައި،" އާބާދީގައި ގާތްގަނޑަކަށް 1،800 މީހުން އުޅެމުން އަންނަ ރަށުގެ ކައުންސިލަރު ވިދާޅުވި އެވެ.
ތ. އަތޮޅުގައި އާބާދީ އެންމެ ބޮޑު ރަށުން ކަރަންޓު ކަނޑައިގެން ގޮސް ގިނައިރުތަކެއް ވެފައިވާއިރު، ރަށުގެ ރައްޔިތުން މިހާރު ދިރިއުޅެމުން ދަނީ ވަރަށް ހާލުގަ އެވެ.
"ވިސްނާލައްވާ މިއީ ކަރަންޓާ ނުލައި ނޫޅެވޭ ޒަމާނެއް. ހާއްސަކޮށް ރޯދަމަސް ފެށުނު ދުވަހާ މިކަން ދިމާވުމުން ވަރަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައި. ފްރިޖްތަކުގައި ހުރި ކެއުމަށް ބޭނުންކުރާ ސާމާނު ހަލާކުވުމުގެ ބިރު އެބައޮތް. އެ ޝަކުވާ މިހާރު ވެސް ވިޔަފާރިވެރިން އެބަކުރޭ. މި ރަށުގެ ވަރަށް މަދު ގެއެއްގައި ވަޅު ވެސް ހުންނަނީ. އެހެންވީމާ ކިހާ ދަތިވާނެތޯ؟،" އިހުސާން ވިދާޅުވި އެވެ.
ތިމަރަފުށިން ކަރަންޓު ކެނޑިފައިވާތީ އެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. މުސްތަފާ ޓުވިޓާގައި ވަނީ އިންޖީނުގެ ބެލެހެއްޓުން ފެނަކަ އިން ދޫކޮށްލައި، ކަރަންޓު ދެވޭ ފެންވަރުގެ މީހުން އެ ރަށުގައި ތިބި ކަމަށް ވިދާޅުވެފަ އެވެ.
މިކަމާ ގުޅިގެން ފެނަކައިގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހަހަ
28 May 2017
24 ގަޑި އިރުވެސް އިރުގެ އަލިކަމެއްވެސް ނުވާ ރަށެއްބާ މިއީ؟
މޫސަ
28 May 2017
މިއީ އަކަމަކު މާދީންވެރި ސަރުކާރަކޯ، މިރޯދަމަހުވެސް ރާއްޖޭގެ ނިކަމެތިންނާ ދޭތެރޭ ކަންތައް ކުރަމުން އެދަނީ އިސްރާއީލުން ފަލަސްތީނު ރައްޔަތުންނާ ދޭތެރޭ ކަންތައް ކުރާ އުސޫލު އިން.
ވާލުސޮރު
28 May 2017
ހުރިހާކަމެއް މަރުކަޒީކޮށްގެން އެކަމެއް ނުވާނެ. ތަންފީޒުކުރެވޭ ހަރުދަނާ ގަވައިދު ތަކަކާއެކު ކައުންސިލްތަކަށް ބާރުތައް ދޫކޮށްލަބަ. ރާއްޖެއަށް ހީނުކުރާވަރުގެ އަވަސް ބަދަލުތަކާ ތަރައްގީ އަންނާނެ. އެކަމަކު އެދުވަހަކުން ރައްޔިތުން ތިބޭނީ ސަރުކާރަށް ބަރޯސާނުވެ ދިރިއުޅެވޭވަރަށް ފުދި އިތުރުވެފަ. އެއި ކަންނޭނގެ މިކަން ނުވެގެން މިއުޅޭ ސަބަބަކީދޯ؟
އަ
28 May 2017
ތިމަރަފުއްޓައް އިރު ނާރަނީބާ 24 ގަޑި އިރު "ކަނު" އަނދިރީގައި އެތިބެނީ؟
ކޯން
28 May 2017
މާލޭގަވެސް އަހަރަމެން މިތިބީ ކަނުއަނދިރީގަ. ރޯދަމަހައް ރައްޔިތުން އައް ދިން ހަދިޔާ.
ހައްގުބަސް
28 May 2017
އެމްޑީޕިއަށް ބައިއަތު ހިފައިގެން ތިބޭ ބަޔަކު އަބަދުވެސް ހުއްޓުމެއްނެތި ގޮވާ ނަގާ ސަރުކާރުން ކޮންކަމެއްހޭ ކޮށްދެނީ ދެން މިހާރު މި ކިޔަނީ ކީކޭ؟ ކަމެއް ނުކޮށްދޭ ސަރުކާރަކުން ކީތްތަ ކުރާނީ ރޯދަ މަހެއް ނޫން މުޅި އަހަރު ކަރަންޓް ކެނޑިފަ އޮތަސް.
އާހު
28 May 2017
ތިމަރަފުށީގަ 1800؟؟؟؟؟؟؟؟
ޢަސްލުމީހާ
28 May 2017
ޝަރީފް ބަދަލު ކުރުން ނޫންގޮތެއްނެތް، ފެނަކަ އިދަޖެހި ހަލާކުވެއްޖެ
ބުރުހާނުއްދީން ރައްބާނީ
28 May 2017
އޭބަލަ މުސްތޯ. ޓްވީޓެއްނޫން ކުރަންވީ. އަވަހަށް ދޯންޏަކަށް އަރައިގެން ރަށަށް ދާންވީ. ގޮސް ރައްޔިތުންނާއެކު ރައްޔިތުންގެ ކެކުޅުންތަކުގައި ބައިވެރިވާންވީ.
ރަދީފް އެންޑް ރަފައިދާ
28 May 2017
ސްޓެލްކޯއަށް ނުވެގެންޓާ އުޓިލިޓީ އަދި ފެނަކަ އުފެއްދީ. އަނެއްކާ އަނެއް ކުންފުނިހަދަންވީ އަދި ރައްޔިތުން ފެލަންވީ. ކޯޑިނޭޓަރުންތަށް އެތަންތަނަށް އަޅަންވީ. ހުރި ހިތާމައެއްގެ ބޮޑުކަމާ.