24 ގަޑިއިރު ފަހުން ތިމަރަފުއްޓަށް ކަރަންޓު ދީފި

ތ. ތިމަރަފުށީގެ އިންޖީނުގޭގެ ޖަނެރޭޓަރަކަށް ގެއްލުން ދީފައިވާތީ، އެ ރަށުން ކަރަންޓް ކެނޑިފައި އޮންނަތާ 24 ގަޑިއިރަށް ވުރެ ގިނައިރު ވީ ފަހުން ރޭ ދަންވަރު އަލުން ކަރަންޓް ދީފި އެވެ.


ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ތިމަރަފުއްޓަށް ކަރަންޓު ނުލިބި ދިގުލައިގެން ދިޔައީ ސިޔާސީ ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ. އެ ރަށުގެ ބަޔަކު، އިންޖީނުގޭގައި ތިބި މުވައްޒަފުންގެ އެހީގައި ޖަނަރޭޓަރަކަށް ގެއްލުންދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހުކުރުދުވަހު ހަވީރު ތިމަރަފުށިން ކަރަންޓު ދިޔަ ގޮތަށް އެ ރަށަށް ކަރަންޓު ލިބުނީ ފެނަކައިން ބުނި ގޮތުގައި ރޭ ދަންވަރު ދޭއް ޖަހާކަން ހާއިރު އެވެ. އެ ރަށުގައި ބަހައްޓާފައި ހުންނަނީ 600 ކިލޯވޮޓް ޖަނަރޭޓަރަކާއި 250 ކިލޯވޮޓް ޖަނަރޭޓަރެއް އަދި 160 ކިލޯވޮޓް ޖަނަރޭޓަރެކެވެ.

"ރީޖަނަލް އިންޖީނިއަރު ތިމަރަފުއްޓަށް ގެންގޮސްގެން ޖަނަރޭޓަރު ރަނގަޅު ކުރީ،" އަމިއްލަ ރަށުން ކަރަންޓު ކެނޑުނު މައްސަލާގައި ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތިމަރަފުށީގައި ބަހައްޓާފައި ޖަނަރޭޓަރުގެ ތެރެއިން ގެއްލުން ދީފައި ވަނީ 600 ކިލޯވޮޓް ޖަނަރޭޓަރަށެވެ. އޭގައި ހުރި ނަރުތަކެއް އެހެން ދިމާލަކަށް ބަދަލުކޮށްފައި ހުރި ކަމަށް ޝަރީފް ވިދާޅުވި އެވެ.

ސިޔާސީ ބޭނުންތަކުގައި ރަށުގައި ދިރިއުޅޭ މީހުންނަށް ލިބެން ޖެހޭ ހިދުމަތްތަކުން މަހްރޫމް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"މީހުންނަށް ލިބެން ޖެހޭ ހިދުމަތްތަކުން ސިޔާސީ ސަބަބުތަކާ ހެދި މަހްރޫމް ވުމަކީ އެދޭ ކަމެއް ނޫން. ހިދުމަތްތައް މެދުކަނޑާލައިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ތިމަރަފުށީގެ ފެނަކަ ބްރާންޗުގައި ތިބި އިންޖިނިއަރުންނާއި ޓެކްނީޝަނުން ވަނީ އެހެން ރަށަކަށް ބަދަލުކުރަން ނިންމައިފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން ޝަރީފް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އެއްވެސް މުވައްޒަފަކު ވަޒީފާއަށް ނުނިކުންނަ ނަމަ، ފިޔަވަޅު އަޅާނެ ކަމަށެވެ.

ތިމަރަފުށިން ކަރަންޓު ކަނޑާލި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އާބާދީގައި ގާތްގަނޑަކަށް 1،800 މީހުން އުޅެމުން އަންނަ ތިމަރަފުށިން ކަރަންޓު ދިއުމުން އެ ރަށު މީހުން ދިރިއުޅުނީ ވަރަށް ހާލުގަ އެވެ. ހާއްސަކޮށް ރޯދަމަސް ފެށުނު ދުވަހާ މިކަން ދިމާވުމުން ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.