ހުމާމް ނުކުރާ ކަމަކަށް އެއްބަސްވާންޖެހޭ ފަދަ މަޖުބޫރީ ހާލަތެއް ނެތް: ދައުލަތް

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުށުގައި މަރަން ހުކުމްކޮށްފައިވާ ހުސައިން ހުމާމަށް، އޭނާ ނުކުރާ ކަމެއް ކުރި ކަމަށް ބުނެ ކުށަކަށް އިއުތިރާފްވާންޖެހޭ ފަދަ މަޖުބޫރީ ހާލަތެއް މެދުވެރިވެފައި ނެތް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.


އޮކްޓޫބަރު، 2012 ގައި އަފްރާޝީމަށް ހަމަލާދީ އަވާހަރަކޮށްލި މައްސަލައިގައި ހުމާމް މެރުމަށް ދަށު ކޯޓާއި ހައި ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ކުށަށް އެއްބަސްވާން ހުމާމަށް ފުލުހުން މަޖުބޫރު ކުރި ކަމަށް ހުމާމްގެ ފަރާތުން ބުންޏަސް އެކަމަށް އެކަށީގެންވާ ސަބަބެއް ނުދެއްކޭ ކަމަށެވެ.

މަޖުބޫރުކުރި ކަމަށް ބުނެ ހުމާމްގެ ފަރާތުން ފާހަގަކުރަނީ ތަހުގީގުގައި ބަންދުގައި ހުންނަން ޖެހުމާއި ތަހުގީގުގައި ފުލުހުން ސުވާލު ކުރުން ކަމަށް ވާ އިރު އެއީ ހުމާމް ނުކުރާ ކަމެއް ކުރި ކަމަށް ބުނެ ކުށަށް އެއްބަސްވާންޖެހޭ ފަދަ މަޖުބޫރީ ހާލަތެއް ނޫން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި މަޖުބޫރު ކުރި ކަމަށް ބުނާ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުމާމްގެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ކުށް ކުރި ކަމަށް އެއްބަސްވާ އެއްބަސްވުމަކީ އިސްލާމީ ޝަރީއަތުގައި އަދި ޖިނާއީ ގާނޫނުތަކުގައި ވެސް ކުށް ސާބިތު ކުރުމުގެ އެންމެ މުހިންމު ވަސީލަތް ކަން ފާހަގަކޮށް، ވަކީލު ވިދާޅުވީ ކުށަށް އެއްބަސްވުމަށް ފަހު އެ ބަސް އަނބުރާ ގެނައުމާ ބެހޭ ގޮތުން ރާއްޖޭގެ އެއްވެސް ގާނޫނެއްގައި މިހާރު އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނެތް ކަމަށެވެ. އެހެންވެ އެ ހާލަތުގައި ބަލަންޖެހޭނީ އިސްލާމީ ޝަރީއަތުގައި އެކަން އޮންނަ ގޮތަށް ކަމަށް ވާ އިރު އިސްލާމީ ޝަރީއަތުގައި އޮންނަނީ އާދަމުގެ ދަރިއެއްގެ ހައްގު އެކުލެވޭ ކަންކަމަށް އެއްބަސްވުމަށް ފަހު އެ ބަސް އަނބުރާ ނުގެންދެވޭ ގޮތަށް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދަށު ކޯޓުގައި ހުމާމް އެއްބަސްވުމުން ތަކުރާރުކޮށް ފަނޑިޔާރުން ސުވާލު ކުރުމުން ވެސް، މަޖުބޫރުކުރި ވާހަކަ ހުމާމް ބުނެފައިނުވާ ކަން ދައުލަތުން ފާހަގަ ކުރި އެވެ. އަދި ހުމާމްގެ ނަފްސާނީ މައްސަލައެއް ހުރި ކަމަށް އޭނާގެ ފަރާތުން ބުނާ ބުނުމަށް ރައްދުދީ ދައުލަތުން ބުނީ މީގެ ކުރިން ވެސް 24 މައްސަލައެއްގައި ހުމާމްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު އެއިން އެއްވެސް މައްސަލައެއްގެ ޝަރީއަތުގައި ހުމާމްގެ ނަފްސާނީ މައްސަލައެއް ހުރި ކަން ފާހަގަކޮށްފައި ނެތް ކަމަށެވެ.

ހުމާމް ލައިގެން ހުރި ޖިންސުން ފެނުނު އަފްރާޝީމްގެ ޑީއެންއޭ އަކީ ފުލުހުން އެ ޖިންސުގައި ހޭކި އެއްޗެއް ކަމަށް ބެލެވޭ ކަމަށް ހުމާމްގެ ވަކީލު ބުނެފައިވާތީ ދައުލަތުން މިއަދު ވަނީ އެ ޑީއެންއޭ ތަހުލީލުތަކުގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ޝަރީއަތަށް ހުށަހަޅައިފަ އެވެ. އަދި ތަހުގީގު މަރުހަލާގައި ހުމާމަށް ވަކީލަކު ހޯދުމުގެ ފުރުސަތު ދިން ކަމުގެ ލިޔުންތައް ވެސް ދައުލަތުން މިއަދު ހުށަހެޅި އެވެ.

ދައުލަތުގެ ވާހަކަތަކަށް ޖަވާބުދާރީވާން ހުމާމްގެ ވަކީލު އަބްދުﷲ ހަސީން އިތުރު ފުރުސަތަކަށް އެދިވަޑައިގަތުމުން މިއަދުގެ އަޑުއެހުން ނިންމާލީ އެ ފުރުސަތު ދިނުމަށް ފަހު އެވެ. އެއީ ޖަވާބުދާރީވާން ދެވޭނެ ފަހު ފުރުސަތުކަން ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާންކޮށްފަ އެވެ.