ކަސްޓަމުން އަތުލައިގަތް ބޭސްތަކެއް. މިއީ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ކަސްޓަމުން ބުނޭ. - ފޮޓޯ: ކަސްޓަމްސް
31 މެއި 2017 - 14:21
ޕޯސްޓުން ރާއްޖެ އަށް ގެނައި ޕާރުސަލްތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެ ކުރި މަސްތުވާ އެއްޗެހިތަކެއް ކަސްޓަމުން އަތުލައިގެންފި އެވެ.
ކަސްޓަމުން ބުނި ގޮތުގައި އެ ޕާރުސަލްތަކުގެ ތެރޭގައި ފޮރުވައިގެން ގެނައީ، މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ އެކްސްޓަސީ އާއި މެތަމްފަޓަމައިން އެވެ.
ކަސްޓަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އިސްމާއިލް ހަމްދޫން ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހު ޕާރުސަލްތަކާ ހަވާލުވާން އައި ދިވެއްސެއްގެ ހާޒިރުގައި ކަނޑައިގެން ބެލި އިރު، މަސްތުވާތަކެތީގެ ގޮތުގައި ބޭނުންކުރާ ބޭސްތަކަކާއި ކުނޑިތަކެއް ފެނިފައިވާ ކަމަށެވެ. މިއީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް މިފަދަ ބޭސްތަކެއް އެތެރެ ކުރަނިކޮށް އަތުލައިގަތް ފުރަތަމަ ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކްސްޓަސީ އާއި މެތަފަޓަމައިން އަކީ ރާއްޖޭގައި މަދުން ނަމަވެސް ގެންގުޅޭ މަސްތުވާތަކެތީގެ ބާވަތެކެވެ.
ހަމްދޫން ވިދާޅުވި ގޮތުގައި ޕާރުސަލް ކޮށްފައި ހުރި ހަތަރު ޕެކެޓްގެ ތެރެއިން އެއް ޕެކެޓްގައި ހުރި 256 ގުޅަ އާއި އަނެއް ޕެކެޓްގައި ހުރި 99 ގުޅަ ވަނީ އެކްސްޓަސީ އަށް ޕޮޒިޓިވްވެފަ އެވެ. ތިން ވަނަ ޕެކެޓްގައި ހުރި މުށި ކުލައިގެ އެއްޗެއް ޓެސްޓް ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފަޓަމައިން އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މި ޕެކެޓްގައި 206 ގްރާމް ހުރި ކަމަށް ހަމްދޫން ވިދާޅުވި އެވެ.
ކަސްޓަމުން އަތުލައިގެން ގުޅަތައް. މި މައްސަލާގައި އެކަކު ހައްޔަރުކުރި ކަމަށް ކަސްޓަމުން ބުނޭ. - ފޮޓޯ: ކަސްޓަމްސް
ހަތަރު ވަނަ ޕެކެޓްގައި ހުރި ކުނޑިތައް ޓެސްޓް ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވްވި ކަމަށާއި މި ޕެކެޓްގައި 1.6 ގްރާމް ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި މައްސަލާގައި ފުލުހުންނާއި ކަސްޓަމުން ހިންގި އޮޕަރޭޝަނެއްގައި ދިވެއްސަކު ހައްޔަރު ކުރި އެވެ.
ހަމްދޫން ވިދާޅުވީ ރާއްޖެ އަށް އާންމު ގޮތެއްގައި އެތެރެ ކުރަނީ ހެރޮއިން އާއި ކެނަބިސް ކަމަށް ވާ އިރު، އެކްސްޓަސީއަކީ ތަރައްގީވެފައިވާ ގައުމުތަކުގައި ވަރަށް ގިނަ އިން ބޭނުން ކުރާ މަސްތުވާ އެއްޗެއް ކަމަށެވެ. އެހެންވެ، ބޭސް ސިޓީއަކާ ނުލައި ބޭސް ރާއްޖެ އަށް ނުގެނައުމަށް އޭނާ އެދިވަޑައިގަންނަވަ އެވެ. މީގެ ތެރޭގައި ކޮންޓްރޯލް ކޮށްފައި ހުރި ބޭސްތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ކަސްޓަމްސް އިން ވަނީ މި މަހުގެ ތެރޭގައި ރާއްޖެ އަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތީގެ މައުލޫމާތުތައް ހިއްސާކޮށްފަ އެވެ. އަދި އެ މައްސަލަތަކާ ގުޅިގެން ދެ ބިދޭސީއަކާއި ގިނަ އަދަދެއްގެ ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ. ކަސްޓަމުން ބުނި ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު 5.5 މިލިއަން ރުފިޔާ އަށް ވުރެ އިތުރު ވާނެ އެވެ.
މި މަހުގެ 13 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުން ރާއްޖެ އައި 31 އަހަރުގެ ލަންކާ ފިރިހެނެއްގެ ފޮށިތަންމަތި ބަލައި ފާސްކުރުމުން ފެނުނު ބިޑިތައް ޓެސްޓް ކުރިއިރު ހަޝިޝް އޮއިލް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.
މި މަހުގެ 19 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި އެއާ އިންޑިއާގެ ފްލައިޓަކުން ރާއްޖެ އައި 33 އަހަރުގެ ދިވެއްސެއް ބޮޑީ ސްކޭނާ ބަލައި ފާސްކުރިއިރު، ހަށިގަނޑުގެ ތެރެއިން ފެނުނު 29 ބުލެޓް ހެރޮއިން އަށް ޕޮޒިޓިވްވި އިރު، މި ތަކެތީގެ ބަރުދަނުގައި 174 ގްރާމް ހުރި ކަމަށް ކަސްޓަމުން ބުންޏެވެ.
ކަސްޓަމުން އަތުލައިގެން މަސްތުވާތަކެތި. - ފޮޓޯ: ކަސްޓަމްސް
ހަމަ އެ ދުވަހު އެއާޕޯޓުގައި ޖެއްސި އެމިރޭޓްސް ފްލައިޓަކުން ރާއްޖެ އައި 38 އަހަރުގެ ފިރިހެނެއްގެ ދަބަހެއްގެ ތެރޭގައި އޮތް ފޮތެއްގެ ތެރެއިން ކެނަބިސް އޮށްތަކެއް ފެނުނު އިރު، ރީނދޫ ކުލައިގެ ކޮތަޅެއްގެ ތެރެއިން ދުންފަތް ފެނިފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ. އަދި މި ތަކެތި ޓެސްޓް ކުރިއިރު، ކެނަބިސް އަށް ޕޮޒިޓިވްވި ކަމަށާއި މި ތަކެތީގެ ބަރުދަނުގައި 39 ގްރާމް ހުރި ކަމަށް ކަސްޓަމުން ބުންޏެވެ
މެއި 21 ވަނަ ދުވަހު ކަސްޓަމާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަލައި ފާސް ކުރި އުޅަނދަކުން ދެ ފުޅި ބަނގުރާ ފެނުނު އިރު، 22 ވަނަ ދުވަހު އައްޑު އަށް ދިޔަ ކާގޯ ބޯޓެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ޓެސްޓް ކުރިއިރު، 200 ގްރާމް ހަޝިޝް އޮއިލް ފެނުނެވެ.
މިދިޔަ ބުދަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ޓްރޯލީއެއްގައި ބެހެއްޓި ތައްޓެއް ބަލައި ފާސް ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ޕޮޒިޓިވްވި ކަމަށާއި މި ތަކެތީގެ ބަރުދަނުގައި 1.3 ކިލޯ ހުރި ކަމަށް ވެސް ކަސްޓަމުން ބުންޏެވެ. މި މައްސަލާގައި ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އައި 33 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރު ކުރި ކަމަށް އެ ތަނުން ބުންޏެވެ.
މި އަހަރުގެ މިހާތަނަށް ކަސްޓަމްސް އިން 12 މައްސަލައެއްގައި 1350 ގްރާމް ކެނަބިހާއި 2798 ގްރާމް ހެރޮއިން އާއި 706 ގްރާމް ހަޝިޝް އޮއިލް އާއި އެކްސްޓަސީގެ ގޮތުގައި 355 ޓެބްލެޓް ހޯދިއިރު، މެތަމްފަޓަމައިން 206 ގްރާމާއި ކެޓަމިން ހަ ގްރާމް ވަނީ އަތުލައިގެންފަ އެވެ. އަދި އެމްފަޓަމެއިން ގޮތުގައި 162 ގްރާމް ހޯދި ކަމަށް ކަސްޓަމުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރުމަސް
01 June 2017
ހާދަ ރުފިޔާއެކޭދޯތިޔައީ
މރ. ހަދާނެއް ނުނެތޭ.
01 June 2017
ރޯދައަށް ގެނައިހާ މުދާ ދެއްތޮ،
ހކރ
31 May 2017
ޕޯސްޓުން އެތެރެކުރާ ޕާރުސަލެއްގަ ފޮރުވާނެގޮތެއް ހަމަ ނުވިސްނުނު. އެސުވާލު ކޮށްލިނަމަ.
ޢަލި
31 May 2017
ޢެހެން ވީމާ ޓްރޯލީ ތެރެއިން ހޯދި އެއްޗެއްގެ ޒިއްމާ އެއަރޕޯރޓް އެމް ޑީ ތާދޯ ނަގަންޖެހޭނީ.. ޙަމަ ހިޔާލެއް
ކެޕިތަން
31 May 2017
މަބުނީ ތިޔާގަ ކުށްވެރިވަނީ ބޯޓު ދުއްވި ޕައިލަޓު، އުތަ؟
ހެހެހެހެ
31 May 2017
ހެހެހެހެ.
ޕޯސްޓް
01 June 2017
ނޫނޭ އެގައުމެއްގެ ޕޯސްޓް މާސްޓަރ ވެސް ކުއްވެރިވާނެ!
ދީދީ
31 May 2017
ދެން ރާއްޖޭގެ ކޯޓަކުން ތި ސާބިތެއް ނުވާނެ.