މާލޭގެ އެކި ސަރަހައްދުތަކުން މީހުން ހުއްޓުވައި ތޫނު އެއްޗެހިން ބިރުދައްކައި ފޭރެމުންދާ ކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ފާޅުކުރަން ފަށައިފި އެވެ.
ގްރޫޕް ހަދައިގެން ފޭރޭ މަގުތަކެއް ކަމަށް ބުނެ ޗާޓު ހަދައިގެން ވެސް ސޯޝަލް މީޑިއާގައި އެ ސަރަހައްދުތައް ފާހަގަކޮށް މެސެޖުތަކެއް އެބަ ދައުރުކުރެ އެވެ. އޭގެތެރޭގައި މޯލްޑިވްސް ނެޝެނަލް ޔުނިވަސިޓީ ހުންނަ ސަރަހައްދާއި ހެލްތު މިނިސްޓްރީ ހުންނަ ސަރަހައްދު ހިމެނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ގްރޫޕް ހަދައިގެން ފޭރުމުންދާ ކަމުގެ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވާ ޗާޓްތަކާ ބެހޭ ގޮތުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.
އާއްމުން ސަމާލުވުމަށް ބުނެ ފަތުރާ އެއް މެސެޖުގައި ބުނެފައި ވަނީ އެ ސަރަހައްދުތަކުގެ މަގުތަކުގައި އެކަނި ހިނގާފައި އުޅުން ވަރަށް ނުރައްކާ ކަމަށެވެ.
ރޯދަ މަސް ފެށުނު ފަހުން އިއްޔެގެ ނިޔަލަށް ތިން އަންހެނަކާއި ފިރިހެނަކަށް ބިރުދައްކައި އަތުގައި ހުރި ހުރިހާ އެއްޗެއް ފޭރިގެންފައިވާ ކަމަށް ވެސް އެ މެސެޖުގައިވެ އެވެ.
ފޭރުމުގެ އަމަލު ފުލުހުންނަށް ރިޕޯޓްކޮށްފި ނަމަ މަރާލާނެ ކަމަށް އިންޒާރު ދޭ ކަމަށް ވެސް ލިއެފައިވެ އެވެ.