އެކްސިޑެންޓުގައި އަނިޔާވި މީހުން މާލެ ގެނެސް ހޮސްޕިޓަލަށް ގެންދަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
03 ޖޫން 2017 - 14:06
ރީތި ރަށް ރިސޯޓު ކައިރީގައި އަޅާފައި އޮތް ދޯންޏެއްގައި، ސަމާ އައިލެންޑް ރިސޯޓުގެ ލޯންޗެއް ޖެހި މިިދިޔަ އަންގާރަދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މުވައްޒަފުންނަށް އެހީތެރިވަމުން އަންނަ ކަމަށް ސަމާ އައިލެންޑުން މިއަދު ބުނެފި އެވެ.
އެ ރިސޯޓުން ނެރުނު ބަޔާނެއްގައި ބުނީ މާލެ އިން ފުރައިގެން 14 މުވައްޒަފުންނާ އެކު ސަމާ އައިލެންޑަށް ދަތުރުކުރަނިކޮށް ހިނގި އެކްސިޑެންޓުގައި އަނިިޔާވި މީހުންގެ ހުރިހާ ކަމެއް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ލަފާގެ މަތިން ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެ އެވެ.
"އަޅުގަނޑުމެން މި އަންނަނީ އަނިޔާ ލިބުނު މުވައްޒަފުންގެ ތެރެއިން ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ޑޮކްޓަރު ލަފާ ދެއްވާފައިވާ މުވައްޒަފުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ،" ސަމާ އައިލެންޑުން ބުންޏެވެ.
އެ ރިސޯޓުން ބުނީ އަނިޔާވި މުވައްޒަފުންނަށް ކުރިއަށް އޮތް ތަނުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އެކްސިޑެންޓުގައި އަނިޔާވި 14 މީހުންގެ ތެރެއިން ތިން މީހަކު އަދިވެސް އޮތީ އައިސީޔޫގަ އެވެ. ހަ މީހުންނަށް ވޯޑުގައި ފަރުވާދެމުން އަންނައިރު، ފަސް މީހަކު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.
މި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވީ ރިސޯޓުގައި ވެއިޓަރެއްގެ ވަޒީފާގައި އުޅޭ ސ. މީދޫ ހަނދުވަރުމަތީގޭ އަލީ ވަސީމް 30، އަށެވެ. އޭނާގެ ބޮލަށާއި ބޮލުގެ ނާށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، ބޮލުގެ އޮޕަރޭޝަނެއް ވެސް އޭޑީކޭ ހޮސްޕިޓަލުން ވަނީ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލީކް
03 June 2017
ﷲ އަށްޓަކައި އެހީއެއް ވެދޭންވެސް މިހާރު ނޭގޭނެ. މިކަހަލަ ކޮންމެ ކަމަކުން ނާޖާއިޒު ފައިދާ ނަގާލެއް ގިނަވީމަ. ކިރިޔާ ފުރުސަތެއް ލިބުނަސް ހީވާނީ އެހެން ކަމެއްހރން.