ކުރީގެ ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމްގެ ކޮއްކޮ އަދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެޔޫއޯ) ގެ ޝެޑޯ މިނިސްޓަރު އާދަމް އާޒިމް މިއަދު ހައްޔަރުކުރީ ޖަލު ހުކުމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މާދަމާ މިނިވަންވާތީ، އެ ގޮޅި އަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ވެސް ކުރެއްވި އާޒިމް ހައްޔަރުކުރީ، ދިވެހި ސަރުކާރު ގާނޫނާ ޚިލާފަށް ބަދަލު ކުރުމަށް ހިތްވަރުދީ، ރާއްޖޭގެ ޝަރުއީ ނިޒާމުގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތަކެއް ދެއްކެވުމުގެ ތުހުމަތުގަ އެވެ.
އާޒިމް ވަގުތުން ދޫކޮށްލަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރި ޓުވީޓްތަކެއްގައި ބުނީ އާޒިމް ހައްޔަރުކުރީ އިދިކޮޅު ހަރަކާތްތަކަށް ހުރަސްއަޅަން ކަމަށެވެ. އެކަމަކު އިދިކޮޅު ސިޔާސީ މީހުން ހައްޔަރުކުރިޔަސް ހިތްވަރު ބައްޔެއް ނުވާނެ ކަމަށެވެ. މިފަދަ އަމަލުތަކުން އެނގެނީ ސަރުކާރު ބަލިވެ، ގޮތް ހުސްވެފައިވާ ކަން ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ފާހަގަކުރެއްވި ގޮތުގައި އިދިކޮޅު ހަރަކާތުގެ އިސް މެމްބަރު އާޒިމް ހައްޔަރުކޮށްފައި މިވަނީ، ރާއްޖޭގެ ހާލަތާ މެދު އދ. ގައި ވާހަކަ ދައްކައި ކަންބޮޑުވުންފާޅުކުރިތާ އެއް ދުވަސް ފަހުންނެވެ.
އާޒިމް ދޫކޮށްލަން ގޮވާލައި އާދަލަތު ޕާޓީން ބުނީ ސިޔާސީ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓުން ސަރުކާރުން ހުއްޓާލަން ޖެހެ އެވެ.
އާޒިމް ހައްޔަރުކުރަން ލިބިފައިވާ ހެއްކާއި ގަރީނާ އަކީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވާތީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.
އާޒިމް ހައްޔަރު ކުރުމުގެ އަމުރު ނެރުނު ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނާ އަށް ތުހުމަތުކުރެވޭ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮހެލުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ އާއި އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ ކަމަށެވެ. މައްސަލައިގެ ހެއްކެއްގެ ގޮތުގައި އޮތީ އިންޓެލިޖެންސް ރިޕޯޓެއް ކމަށްވާއިރު، ހެއްކަށް ނުފޫޒު ފޯރުވާފާނެތީ ކަމަށް ބުނެ ހައްޔަރުކުރުމުން ބެލެވެނީ އިންޓެލިޖެންސަށް އިތުބާރު ނެތް ކަމަށް ކަމަށް މާރިިޔާ ވިދާޅުވި އެވެ.
ފުލުހުން އާޒިމް ހައްޔަރުކުރީ އޭނާ ދިރިއުޅުއްވަމުން ގެންދަވާ ގޭގައި އުޅުއްވަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ.
އާޒިމް ހައްޔަރުކުރިއިރު، ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާގެ ބޭބެ ނާޒިމް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި މި ރޯދަމަހަށް މިހާރު ނާޒިމް ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.