އައްޑު އާއި ފުވައްމުލަކަށް ފްލައިމީ އުދުހެން ފަށާނީ މި މަހުގެ 15 ގައި

ވިލާ އެއާގެ ފްލައިމީގެ ދަތުރުތައް ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ، އައްޑު އާއި ފުވައްމުލަކަށް ފެށުމަށް މަސައްކަތް ކުރަނީ މި މަހުގެ 15 ގައި ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.


ފްލައިމީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު މިއަދު ވިދާޅުވީ 15 ވަނަ ދުވަހު ދަތުރުތައް ފެށުމަށްޓަކައި ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

"މި މަހުގެ ތެރޭގައި ދަތުރުތައް ފަށަން އަޅުގަނޑުމެން ނިންމާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ފްލައިމީން އައްޑު އާއި ފުވައްމުލަކަށް އަލުން ދަތުރުތައް ބާއްވަނީ 2015 ގައި ދަތުރުތައް ހުއްޓާލައިފައި ވަނިކޮށެވެ.

ވިލާ އެއާ އިން ބުނީ މިހާރު އަލުން ދަތުރުތައް ފެށުމަށް ފަހު، ކުރިއެކޭ އެއްގޮތަށް އައްޑު އާއި ފުވައްމުލަކަށް ޝެޑިއުލްތައް ދަތުރުތައް ބޭއްވުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ. އަދި އަލުން ދަތުރުތައް ފަށާއިރު، ނަގާނީ ކުރިން ވެސް ފެއާތަކުގެ ދަށުން ނެގި އަގުތައް ކަމަށް ފްލައިމީން ބުންޏެވެ.

ފްލައިމީން ދެކުނަށް ދަތުރު ކުރިއިރު ކޮންމެ ކޮޅަކަށް 888ރ. އާއި 999ރ. އަށް ޓިކެޓް ލިބޭ ފެއާތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ފްލައިމީން ބުނިގޮތުގައި އަލަށް ދަތުރުތައް ފަށާއިރު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި، ރަސްމީކޮށް އަގުތަކާއި ގަޑިތަައް އިއުލާން ކުރާނެ އެވެ.

ފްލައި މީގެ ބޯޓެއް ގަން އެއާޕޯޓްގައި: މި މަހު އަލުން ދަތުރުތައް ފަށާނެ. ފޮޓޯ/ އަހުމަދު އަދުޝަން

އައްޑު އާއި ފުވައްމުލަކަށް މިހާރު ޑޮމެސްޓިކް ދަތުރުތައް ކުރަނީ ހަމައެކަނި ގައުމީ އެއާލައިން މޯލްޑިވިއަން އިންނެވެ. އައްޑު އަށް ފްލައިމީން ދަތުރުތައް ބޭއްވިއިރު، ޚިދުމަތުގެ އަގަށް ހެޔޮ ބަދަލުތަކެއް އައިކަން ވަރަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.