ކާނިވާ ސަރަހައްދުގެ ހުރިހާ ތަނެއް ހުސްކުރަން ނޯޓިސް ދީފި

އަލިމަސް ކާނިވާ ސަރަހައްދުގައި ހިންގާ ހުރިހާ ކެފޭ/ ރެސްޓޯރަންޓެއް ބަންދުކުރަން ނޯޓިސް ދީފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ މިހާރަށް ވުރެ ފެންވަރު ރަނގަޅުކޮށް، ކާނިވާ ސަރަހައްދު ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެތަނުގައި މިހާރު ހިންގާ ވިޔަފާރިތަކަށް ނޯޓިސް ދިނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކާނިވާ ސަރަހައްދު ތަރައްގީ ކުރަން މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ހިމަނާފައި،" އޭނާ ވިދާޅުވި އެވެ.

އެ ސަރަހައްދު ހުސްކުރަން އެންގީ ކޮން ތާރީޚަކަށް ކަމެއް އަދި ތަރައްގީ ކުރަން ސަރުކާރުން ފަށާނެ ދުވަހެއް ވެސް ހައުސިން މިނިސްޓްރީން ނުބުނެ އެވެ.

ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ކާނިވާ ސަރަހައްދުގެ ބައެއް ކަޑަތައް ހުސްކުރަން މިދިޔަ މެއި މަހުގެ ތެރޭގައި އެންގީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިލޭ އެހީގައި އެތަނުގައި އިމާރާތް ކުރާ މިސްކިތުގެ މަސައްކަތް ފަށަން ކަމަށެވެ. އެ މިސްކިތުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާގޮތަށް ކުރިން އޮތީ ނިންމައިފަ އެވެ.

ހަ ބުރި އަށް އިމާރާތްކުރާ އެ މިސްކިތަކީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތަށް ވާއިރު، އެތަނުގައި އެއްފަހަރާ 6،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކާނިވަލުގައި ހިންގާ މަޝްހޫރު ކެފޭ "ޗިލެކްސް" ފުލުހުން އިއްޔެ ހަވީރު ވަނީ ބަންދުކޮށްފަ އެވެ. އެތަން ބަންދުކުރީ ހައުސިން މިނިސްޓްރީން އަންގައިގެންނެވެ.

ޗިލެކްސް ކެފޭ ހިންގުމުގައި އިސްކޮށް ތިއްބެވި ދެ ބޭފުޅުންގެ ތެރެއިން އެކަކީ ނައިބު ރައީސް އަބްދުﷲ ޖިހާދާ އާއިލީ ގޮތުން ތިމާގެ ބޭފުޅެކެވެ.