ކިނބިދޫގެ ކަރަންޓު ކޭބަލްގެ މައްސަލަ ރައީސް ޔާމީންގެ ސަމާލުކަމަށް ގެނެސްފި

ތ. ކިނބިދޫގެ މަގުތަކުގައި ފެނަކައިން ކަރަންޓު ކޭބަލް އަޅާއިރު ޑިސްޓްރިބިއުޝަން ފޮށިން ފެށިގެން ގޭގޭގެ މީޓަރާ ގުޅާ ކޭބަލަށް އެގެއެއްގެ ވެރިޔަކު ފައިސާ ދައްކަން ޖެހޭ ކަމަށް ވިދާޅުވެ، އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، އެކަން ރައީސް އަބްދުﷲ ޔާމީންގެ ސަމާލުކަމަށް ގެންނަވައިފި އެވެ.


މިދިޔަ އަންގާރަ ދުވަހު ރައީސް ޔާމީނަށް ފޮނުއްވި ސިޓީގައި ރިޔާޒް ވަނީ، ކޭބަލްގެ ހަރަދަކީ ރައްޔިތުން ކުރަން ޖެހޭ ހަރަދެއް ނޫން ކަމަށް ކަނޑައަޅައި ދެއްވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

ހަމައެއާއެކު މިއީ ކިނބިދޫ މީހުން ކުރަން ޖެހޭ ހަރަދެއްގެ ގޮތުގައި ހަމަޖެއްސިޔަސް، އެމީހުން ތިބީ އެގޮތަށް ކޭބަލަށް ފައިސާ ދައްކަން ދެކޮޅު ހަދައިގެން ކަމަށާއި މިކަމުގެ ސަބަބުން އިތުރު ހަމަނުޖެހުންތަކެއް އުފެދިފާނެ ކަމަށް ވެސް ރަށު ކައުންސިލާ ހަވާލާދެއްވައި ރިޔާޒް ވިދާޅުވެފައިވެ އެވެ.

ކޭބަލް ގޭގެ ވެރިފަރާތުން ގަންނަން ނުޖެހޭނެ ހަތަރު ސަބަބެއް ވެސް ރިޔާޒްގެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.

އެގޮތުން އިންޖީނުގެ އާއި އިންޖީނުގެތަކަކީ ރައްޔިތުންގެ އެއްޗަކަށް ވެފައި، މި ތަން ހަވާލު ކުރެވިފައިވަނީ ރައްޔިތުންނަށް އެއްވެސް ބަދަލެއް ލިބުމަކާ ނުލާ ކަމަށް ސިޓީގައިވެ އެވެ. އަދި ގޭގޭގެ ކޭބަލަކީ މިހާރު ވެސް ބޭނުން ކުރަމުން އަންނަ ރަނގަޅު ކޭބަލަށް ވެފައި، 2004 ގެ ސުނާމީއަށް ފަހު 90 ޕަސަންޓު ގޭގެއިން އަމިއްލަ ހަރަދުގައި ކޭބަލް ގަނެ އާ ކޮށްފައިވާ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ކިނބިދޫ އިންޖީނުގެ އާއި އިންޖީނުގެތަކަކީ ރަށުގެ ހުރިހާ މީހުން ހަމަހަމައަށް ހިއްސާކުރާ އެއްޗަކަށް ވެފައި ކޭބަލްގެ ވެރިފަރާތުން ހަރަދުކޮށްގެން ގަންނަން ޖެހިއްޖެނަމަ، އެކި ފަރުދުން ހަރަދު ކުރަން ޖެހޭނީ އެކިވަރަށް ކަމަށް ފެންނާތީ މިކަމަކީ ހަމަހަމަކަން ގެއްލިގެންދާނެ ކަމެއް ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ. އަދި ކިނބިދޫ މީހުން ބޭނުންވާ އަދަދަށް ކޭބަލް ފެނަކައިން މިހާރު ވެސް އެ ރަށަށް ގެނެސްފައިވާ ކަމަށާއި މިކަމަށް އިތުރު ހަރަދެއް ކުރަން ނުޖެހޭ ކަމަށް ވެސް ރިޔާޒްގެ ސިޓީގައިވެ އެވެ.