ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް: ޑަބްލިއެޗްއޯ

ރާއްޖެއަކީ ހިމަބިހި ނުވަތަ މީސްލްސް ނައްތާލެވިފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޭ) އިން މިއަދު ކަނޑައަޅައިފި އެވެ.


މިކަން އިއުލާން ކުރީ ނިއު ދިއްލީގައި މިހާރު ކުރި އަށް ދާ އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ އަށް ވަނަ ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަމް ސިންގް އެވެ.

މި ސަރަހައްދުގެ ގައުމުތަކުން ރާއްޖޭގެ އިތުރުން ހިމަބިހި ނައްތާލެވިފައިވާ އަނެއް ގައުމަކީ ބޫޓާނެވެ.

މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އާއި ބޫޓާނަކީ 2020 ގެ ކުރިން މި ސަރަހައްދުގެ ގައުމުތަކުން ހިމަބިހި ނައްތާލަން އަމާޒު ހިފި ދެ ގައުމު ކަމަށެވެ.

ހިމަބިހިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ދޭން ފެށީ 1983 ގަ އެވެ. އަދި އެ ބަލި ޖެހިފައިވާ މީހަކު އެންމެ ފުރަތަމަ ރާއްޖޭން ފެނުނީ 2009 ގަ އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި 2005-2007 އަށް ހާއްސަ ކެމްޕޭނެއް ވެސް ވަނީ ހިންގައިފަ އެވެ. އަދި މި އަހަރުގެ ފެބުއަރީ އާއި މާޗް މަހުގެ ތެރޭގައި ހިމަބިއްސާއު ރުބެއްލާ އަށް ހާއްސަ ގައުމީ ކެމްޕޭނެއް ވެސް ކުރިއަށް ގެންދިޔަކަން އެޗްޕީއޭ އިން ފާހަގަކޮށްފައިވެ އެވެ.

"ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް މިހާރު ވެސް ކުރިއަށް ގެންދާ ގައުމީ ތާވަލާ އެއްގޮތަށް ވެކްސިނޭޝަން މެދުނުކެނޑި ކުރިއަށް ގެންދިއުމާ އެކު ބަލި އުޅޭ ނޫޅޭ ގޮތް ހަރުދަނާކަމާ އެކު ބަލައްޓަމުން ގެންދެވޭނެ އެވެ." އެޗްޕީއޭގެ ބަޔާނުގައި ބުންޏެވެ.