ދަރުމައަށް ލޭ ހަދިޔާކުރަނީ 33 ޕަސެންޓް މީހުން: އެމްބީއެސް

ރާއްޖޭގައި ލޭ ދޭ މީހުންގެ ތެރެއިން ދަރުމައަށް އެކަން ކުރަމުން އަންނަނީ 33 ޕަސެންޓް މީހުން ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިން މިއަދު ބުނެފި އެވެ.


ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްބީއެސްގެ ތަފާސްހިސާބު ދައްކާ ގޮތުން ރާއްޖޭގައި 67 ޕަސެންޓް މީހުން ލޭ ހަދިޔާކުރަނީ ވަކި ފަރާތަކަށް ހާއްސަކޮށްގެން ކަމަށެވެ.

އެ ބަޔާނުގައި ފާހަގަކުރި ގޮތުގައި ރާއްޖޭގައި އެންމެ ގިނައިން ލޭ ބޭނުންވަނީ އެމްބީއެސް އަށެވެ. އެ މަރުކަޒަށް އެކަނި ވެސް ހަފުތާއަކު 150 ޔުނިޓުގެ ލޭ އަދި އަހަރެއްގެ މައްޗަށް 9000 ޔުނިޓުގެ ލޭ ބޭނުންވެ އެވެ. މާލޭގެ ހޮސްޕިޓަލްތަކަށް ހަފުތާއަކު 50-57 ޔުނިޓު އަދި އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކަށް އަހަރެއްގެ މައްޗަށް 10،000 ޔުނިޓް ލޭ ބޭނުންވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެމްބީއެސް އިން ބުނީ ބަލިމީހުންނަށް، ލޭ އަޅަން ޖެހޭ ތަންތަނުން ފަސޭހައިން ލެ އާއި އެއާ ގުޅުން ހުރި އެއްޗެހި ލިބެން ހުރުމަކީ ސިއްހީ ނިޒާމެއްގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ. އަދި އެކަށީގެންވާ ވަރަށް ރައްކާތެރި ލޭ ފޯރުކޮށްދިނުމުގެ ޔަގީންކަން ދެވޭނީ ގައުމީ ފެންވަރުގައި މިކަމަށް އަޑު އުފުލައިގެން ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"މުޅި މުޖުތަމައު މިކަމުގައި ބައިވެރިވެ، އަމިއްލައަށް އެދިގެން ނުވަތަ ދަރުމައަށް ލޭ ހަދިޔާކުރާ ފަރާތްތައް ވެސް އިތުރުވެގެން،" އެމްބީއެސްގެ ބަޔާނުގައި ބުންޏެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރުގެ ގޮތުގައި ހަމަޖައްސާފައިވަނީ "ކޮށްދެވޭނީ ކޮން ކަމެއް؟ ލޭ ހަދިޔާ ކުރައްވާ- މިހާރު ލޭ ހަދިޔާކުރައްވާ- ގަވައިދުން ލޭ ހަދިޔާކުރައްވާ،" އެވެ. މި ޝިއާރު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ހާދިސާތަކުގައި ލެއަށް ބޭނުންވާ ހާލަތުގައި ލޭ ހަދިޔާކުރާ ފަރާތްތަކުން ދެން ކަންކުރަންވީ ގޮތުގެ މައްޗަށެވެ.