ކުލިނިކްތަކުގެ މެޑިކަލް ރިޕޯޓް ގަބޫލު ނުކުރާ ގޮތަށް ހަމަޖައްސައިފި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވޯކްޕާމިޓަށް ބޭނުންވާ މެޑިކަލް ރިޕޯޓް، ކްލިނިކްތަކުން ނުހެއްދޭ ގޮތަށް ހަމަޖައްސަން ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.


ކުރިން މި ހުއްދަ، ވަރަށް ގިނަ އަމިއްލަ ކްލިނިކްތަކަށް ދީފައި އޮވެ އެވެ. އޭގެ ތެރޭގައި އޭއެމްޑީސީ އާއި މެޑިކާ އާއި ކްރިސްޓަލް މެޑިކަލް އަދި އެޑްވާންސް މެޑިކަލް ކްލިނިކް ހިމެނެ އެވެ.

ހެލްތުން ބުނިގޮތުގައި އަންނަ ބުރާސްފަތިދުވަހުން ފެށިގެން ބިދޭސީންގެ މެޑިކަލް ޗެކަޕް ހައްދައި، މެޑިކަޕް ރިޕޯޓު ދޫކުރާނީ އައިޖީއެމްއެޗާއި އޭޑީކޭ އާއި ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން ރަށްރަށުގައި ހުންނަ ސަރުކާރު ހޮސްޕިޓަލްތަކުންނެވެ.

މީގެ ކުރިން އޭޑީކޭ އާއި އޭއެމްޑީސީން ދޫކުރާ މެޑިކަލް ރިޕޯޓު ބަލައިގަތުން ވެސް އިމިގްރޭޝަނުން ދުވަސްކޮޅަކަށް ހުއްޓާލި އެވެ. އެ ދެ ތަނުން ދޫކުރާ މެޑިކަލް ރިޕޯޓު ބަލައިގަތުން ހުއްޓާލީ، ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލި ހުންނަ މީހުންނަށް، ސައްހަ ނޫން މެޑިިކަލް ރިޕޯޓު ހެއްދި މައްސަލަތަކެއް ފުލުހުންނާ ގުޅިގެން ބަލަމުން އަންނާތީ ކަމަށް އިމިގްރޭޝަނުން އޭރު ބުނެފައި ވެ އެވެ.

ހެލްތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް ގެންނަ ބިދޭސީ މަސައްކަތު މީހުންގެ ތެރެއިން ގިނަ މީހުންނަކީ، ގައިން ގަޔަށް އަރާ ބަލިތައް ފެތުރެމުންދާ ހިސާބުތަކުގައި ދިރިއުޅޭ މީހުން ކަމަށެވެ. އެހެންވެ، މިފަދަ މީހުންގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ރާއްޖޭގައި ފެތުރިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުންޏެވެ.

ބިދޭސީންގެ މެޑިކަލް ރިޕޯޓު ވަކި ތަނަކުން ހައްދާ ގޮތަށް ހަމަޖެއްސީ މި މައްސަލަ ހައްލު ކުރުމަށް ކަމަށް ހެލްތުން ބުންޏެވެ.